ރަޝިޔާ

ރަޝިއާ އިން އިރާންގެ ޑްރޯންތައް ބޭނުންކުރާ ކަމަށް ބުނެފި

ރަޝިއާ - ޔޫކްރެއިން ހަނގުރާމަ ފެށިތާ ދެ އަހަރާއި ހަމަސް ދުވަސް ވެއްޖެ އެވެ. މި ހަނގުރާމައިގައި ރަޝިއަ އިން ޔޫކްރެއިނަށް ހަމަލާދިނުމަށް އިރާންގައި އުފައްދާ ޝަހްދު މަރުކާގެ 8,060 އަށް ވުރެ ގިނަ އަސްކަރީ ޑްރޯން ބޭނުންކޮށްފައިވާ ކަމަށް ޔޫކްރެއިނުން ބުނެ އެވެ.

ޔޫކްރެއިންގެ ހާރިޖީ ވުޒާރާއިން ބުނީ ރަޝިއާ އާއި އީރާނާ ދެމެދު އޮތް ގުޅުމުގެ ސަބަބުން ޔޫކްރެއިންގެ ގިނަ އަދަދެއްގެ ރައްޔިތުންގެ ގެދޮރު ގެއްލި، ގިނަ އަދަދެއްގެ ފުރާނަތައް ގެއްލެމުންދާ ކަމަށެވެ. ޔޫކްރެއިނުން މިކަމާ ގުޅޭގޮތުން ކަންބޮޑުވުންވެސް ފާޅުކޮށްފައިވެ އެވެ.

އިރާނާއި ރަޝިއާ އިން ޔުކްރެއިންގެ ތުހުމަތު ދޮގުކޮށްފައިވެ އެވެ. އިރާނުން ބުނެފައިވަނީ ހަނގުރާމަ ފެށުނު ފަހުން ރަޝިއާ އަށް ހަތިޔާރު ވިއްކާފައި ނުވާނެ ކަމަށެވެ.

އިރާންގައި އުފައްދާ ފަތުހު-360 މަރުކާގެ ކުރު-ރާސްތާ ބެލިސްޓިކް މިސައިލް ބޭނުން ކުރުމުގެ ތަމްރީނުތައް ރަޝިއާގެ ސިފައިން އިރާންގައި ފުރިހަމަ ކޮށްފައިވާ ކަމަށްވެސް ހުޅަނގުން ތުހުމަތު ކުރެ އެވެ.

މީގެ އިތުރުން އެމެރިކާއިން އިތުރު ތުހުމަތެއް ކޮށްފައިވެ އެވެ. އެއީ އިރާންގައި އުފައްދާ ފަތުހު-360 މަރުކާގެ ބެލިސްޓިކް މިސައިލް ރަޝިއާ އަށް ވިއްކަން ފަށާފައިވާ ކަމުގެ ތުހުމަތެވެ. އިރާންގެ ހާރިޖީ ވަޒީރު މި ހުރިހާ ތުހުމަތުތައްވެސް ދޮގުކުރައްވާފައިވެ އެވެ.

މި ތުހުމަތުތަކާ ގުޅިގެން އެމެރިކާއާއި ޔޫރަޕުގެ ގައުމުތަކުން ވަނީ އިރާނާއި ރަޝިއާއާ ދެކޮޅަށް އިތުރު ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.

ޔޫކްރެއިނުން ބުނެފައިވަނީ އިރާނުން ރަޝިއާއަށް ބެލިސްޓިކް މިސައިލް ފޯރުކޮށްދޭން ފަށައިފިނަމަ، އިރާނާއެކު އޮތް ސިޔާސީ ގުޅުން ކަނޑާލާނެ ކަމަށެވެ