ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

މަހުލޫފު މައްސަލަ: ދައުވާ ކުރުމާމެދު އަންނަ ހަފްތާ ގޮތެއް ނިންމަނީ

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތުހުމަތުގައި ދައުވާކުރަން ފޮނުވާފައިވާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްސަލައިގައި ދައުވާކުރުމާ މެދު އަންނަ ހަފްތާ ގޮތެއް ނިންމާނެ ކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު މިއަދު އަވަސްއަށް ވިދާޅުވީ އޭސީސީ އިން ފޮނުވި ޑޮކިއުމެންޓްތައް މިހާރު ދިރާސާ ކުރަމުން އަންނަ ކަމަށެވެ. އެކަންކަން ދިރާސާކޮށް ނިންމުމަށްފަހު ދައުވާ ކުރުމާއި ނުވަތަ ނުކުރުމާއި މެދު އަންނަ ހަފްތާ ގޮތެއް ނިންމާނެ ކަމަށެވެ.

މިނިސްޓަރު މަހްލޫފުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީން ދެފަހަރެއްގެ މަތިން ޕީޖީ އޮފީހުގައި ވަނީ އެދިފަ އެވެ. ނަމަވެސް އިދާރީ ބައެއް ކަންކަން ހުރުމުން ޕީޖީ އޮފީހުން ވަނީ އެކަންކަން ރަނގަޅު ކުރުމަށް އެ ކޮމިޝަންގައި ދެ ފަހަރު ވެސް އެދިފަ އެވެ.

އެދުނު ކަންކަން ރަގަޅު ކުރުމަށްފަހު އޭސީސީ އިން އަނބުރާ މައްސަލަ ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ އާދީއްތަ ދުވަހު އެވެ.

މަހުލޫފުގެ މައްޗަށް ދައުވާކޮށްދިނުމަށް އޭސީސީން ޕީޖީ އޮފީހަށް މައްސަލަ ފޮނުވުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ އޭނާ މަގާމުގެ މަސްއޫލިއްޔަތުން އެއްފަރާތް ކުރައްވާފަ އެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ކުރިން ވެސް މިނިސްޓަރު ވަނީ މަގާމުގެ މަސްއޫލިއްޔަތުން އެއްފަރާތް ކުރައްވާފަ އެވެ.

މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާކުރަން މިމަހުގެ ނުވަވަނަ ދުވަހު ފޮނުވާފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ހިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާ ކަމަށް ފާހަގަކުރެވިފައިވާތީ އެމައްސަލަ ތަހުގީގު ކުރުމަށްފަހު އެވެ.

މަހްލޫފް ގެންދަވަނީ އޭނާއާ މެދު ޒާތީކޮށް އޭސީސީން އަމަލުކުރަމުންދާ ކަމަށް ވިދާޅުވެ އޭސީސީގެ ރައީސް މަރިޔަމް ޝިއުނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.