އޭސީސީ

މަހްލޫފްގެ މައްސަލަ ފުރިހަމަކޮށް ޕީޖީއަށް ފޮނުވައިފި

Jun 28, 2021

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތުހުމަތުގައި ދައުވާކުރަން ފޮނުވާފައިވާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްސަލައިގައި ޕީޖީ އޮފީހުން އިތުރަށް އޮޅުން ފިލުވަން ބޭނުންވި މައުލޫމާތުތައް ފުރިހަމަކުރުމަށްފަހު މައްސަލައާއި ގުޅޭ ލިޔުންތައް އޭސީސީން އަނެއްކާ ވެސް ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

މިނިސްޓަރު މަހްލޫފުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީން ދެފަހަރެއްގެ މަތިން ޕީޖީ އޮފީހުގައި ވަނީ އެދިފަ އެވެ. ނަމަވެސް އިދާރީ ބައެއް ކަންކަން ހުރުމުން ޕީޖީ އޮފީހުން ވަނީ އެކަންކަން ރަނގަޅު ކުރުމަށް އެ ކޮމިޝަންގައި ދެ ފަހަރު ވެސް އެދިފަ އެވެ.

ޕީޖީ އޮފީހުން ފޮނުވި ސިޓީއަށް އިއްޔެ ޖަވާބު ދީފައިވާ ކަމަށް އޭސީސީން މިއަދު ވަނީ ޔަގީންކޮށްދީފަ އެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލް ދީފައެއް ނުވެ އެވެ. އެ ކޮމިޝަނުން ކުރިން ބުނެފައި ވަނީ ޕީޖީ އޮފީހުން ރަނގަޅު ކުރަން އެދިފައިވާ ކަންކަން ފުރިހަމަ ކުރާނެ ކަމަށެވެ.

މަހުލޫފުގެ މައްޗަށް ދައުވާކޮށްދިނުމަށް އޭސީސީން ޕީޖީ އޮފީހަށް މައްސަލަ ފޮނުވުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ އޭނާ މަގާމުގެ މަސްއޫލިއްޔަތުން އެއްފަރާތް ކުރައްވާފަ އެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ކުރިން ވެސް މިނިސްޓަރު ވަނީ މަގާމުގެ މަސްއޫލިއްޔަތުން އެއްފަރާތް ކުރައްވާފަ އެވެ.

މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާކުރަން މިމަހުގެ ނުވަވަނަ ދުވަހު ފޮނުވާފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ހިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާ ކަމަށް ފާހަގަކުރެވިފައިވާތީ އެމައްސަލަ ތަހުގީގު ކުރުމަށްފަހު އެވެ.

މަހްލޫފް ގެންދަވަނީ އޭނާއާ މެދު ޒާތީކޮށް އޭސީސީން އަމަލުކުރަމުންދާ ކަމަށް ވިދާޅުވެ އޭސީސީގެ ރައީސް މަރިޔަމް ޝިއުނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.