އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލާގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަޕް ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލާގައި ހެކި ހޯދާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ތަހުގީގަށްފަހު މަހްލޫފްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީން ޕީޖީ އޮފީހަށް މައްސަލަ ފޮނުވި ނަމަވެސް ފުރިހަމަކުރަން ޖެހޭ ބައެއް ކަންކަން ހުރުމުން އެކަންކަން ފުރިހަމަ ކުރުމަށް އެ އޮފީހުން ވަނީ އޭސީސީގައި އެދިފަ އެވެ.
މަހުލޫފު މިއަދު ވިދާޅުވީ ޖެނުއަރީ 24 ވަނަ ދުވަހު ފުލުހުން އޭނާގެ މައްސަލަ ޑިއުޓީ ޕްރޮސެކިއުޝަން ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުން ތަހުގީގު ފުރިހަމަ ކުރަން ޕީޖީން އަންގާފައިވާ ކަމަށެވެ. އޭގެ ފަސް މަސް ފަހުން އޭސީސީ އިން ޕީޖީއަށް ހަމަ އެ މައްސަލަ ފޮނުވާފައި ވަނީ އޮތްގޮތަށް އެއްވެސް އިސްލާހެއް އަދި ބަދަލެއް ވެސް ގެނައުމެއް ނެތި ކަމަށެވެ.
"ދައުވާ ކުރިޔަސް އަދި ނުކުރިޔަސް އެއީ ގާނޫނާ ހިލާފަށް ހޯދާފަހުރި ހެކިތަކެއް ކަމުން އަދި ޕީޖީ އެވިދާޅުވާ ގޮތަށް ދައުވާ ފުރިހަމަވެސް ނުކުރެވޭނެ. އަޅުގަނޑު އެދެނީ އަވަހަށް ގޮތެއް ނިންމަވާ ދެއްވުން." މަހުލޫފު ވިދާޅުވި އެވެ.
މަހްލޫފް މީގެ ކުރިން ވިދާޅުވެފައި ވަނީ އޭނާ އަށް ތުހުމަތުކުރާ މައްސަލާގައި ދައުވާ ކުރުމުގެ އެއްވެސް ގާނޫނީ ބާރެއް އޭސީސީއަށް އަށް ލިބިގެން ނުވާ ކަމަށެވެ. އެކަން އެސެޓް ރިކަވަރީ ކޮމިޝަން އުފައްދަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރުން އަދި ރިޔާސީ ކޮމިޝަންގެ ގާނޫނުންވެސް ސާފުވާ ކަމަށް ވެސް މަހްލޫފް ވިދާޅުވެފައިވެ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވެފައި ވަނީ ޕީޖީ އޮފީހަށް މުހިންމު ވަނީ ދައުވާކުރަން މައްސަލައެއް ފޮނުވާ ހިސާބުން ކޯޓުގައި އެ މައްސަލަ ސާބިތުކުރެވޭވަރުގެ ހެކި ހުރިތޯ ބެލުން ކަމަށެވެ. ސަބަބަކީ ކޯޓުން ކުރާ ސުވާލުތައް ތަސައްވަރު ކުރެއްވޭތީ ކަމަށް ވިދާޅުވި އެވެ. އަދި މިމައްސަލައިގައި ވެސް ދައުވާ ކުރަން ފޮނުވާނީ ހުރިހާ ކަމެއް ފުރިހަމަކުރުމަށްފަހުގައި ކަމަށް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ މިނިސްޓަރު މަހްލޫފަށް ވާތީ ދައުވާ ނުކުރުން ނޫޅޭ ކަމަށާއި ކޯޓަށް ހުށަހެޅުމުގެ ކުރިން މައްސަލައިގެ އިދާރީ ކަންކަމާއި އެހެން ހުރި ހުރިހާ ކަމެއް ފުރިހަމަވުން މުހިންމު ކަމަށެވެ. ދައުވާ ކުރަން ފޮނުވާ ހިސާބުން އެމީހެއްގެ ސިޔާސީ ކެރިއަރު ނިމުނީ ކަމަށާއި އަދި ޕީޖީ އޮފީހުގެ ކުށަކުން އެ ދައުވާ ސާބިތު ނުވެއްޖެނަމަ އެއީ ވެސް ބައެއް މީހުން ކަންބޮޑުވުން އޮންނަ ކަމެއް ކަމަށެވެ. އެހެންކަމުން
ގޮތެއް ނިންމާއިރު ހުރިހާ ކަމެއް ޔަގީންވެފައި އޮތްތޯ ބަލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.