އޭސީސީ

މަހުލޫފުގެ މައްސަލަ ދަނީ ދިރާސާ ކުރަމުން: އޭސީސީ

Jun 24, 2021
1

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތުހުމަތުގައި ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްސަލަ އިތުރަށް ދިރާސާކުރަން ޕީޖީ އޮފީހުން އަންގާފައިވާތީ އެ މަސައްކަތް ކުރަމުންދާ ކަމަށް އޭސީސީން ބުނެފި އެވެ.

މިނިސްޓަރު މަހުލޫފުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީން ދެފަހަރެއްގެ މަތިން ޕީޖީ އޮފީހުގައި ވަނީ އެދިފަ އެވެ. ނަމަވެސް އިދާރީ ބައެއް ކަންކަން ހުރުމުން ޕީޖީ އޮފީހުން ވަނީ އެކަންކަން ރަނގަޅު ކުރުމަށް އެ ކޮމިޝަންގައި ދެ ފަހަރު ވެސް އެދިފަ އެވެ.

އޭސީސީން މިހާރުވެސް ކުރަމުން ދަނީ ކުރިން ވެސް މައްސަލައާއި ގުޅިގެން ފުރިހަމަ ކުރަން އެންގި ކަންކަމެވެ. ނަމަވެސް އެކަމުގެ މައުލޫމާތު ޕީޖީ އޮފީހުން ވެސް އަދި އޭސީސީން ވެސް ހިއްސާކޮށްފައެއް ނުވެ އެވެ.

އޭސީސީން ބުނީ ޕީޖީ އޮފީހުން ރަނގަޅު ކުރަން އެދިފައިވާ ކަންކަން ފުރިހަމަ ކުރާނެ ކަމަށާއި އެކަމަކު ޕީޖީ އެދިވަޑައިގަންނަވާ މައުލޫމާތު އެ އޮފީހަށް ފޮނުވޭނެ ވަކި ދުވަހެއް ބުނަން ނޭނގޭ ކަމަށެވެ.

މަހުލޫފުގެ މައްޗަށް ދައުވާކޮށްދިނުމަށް އޭސީސީން ޕީޖީ އޮފީހަށް މައްސަލަ ފޮނުވުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ އޭނާ މަގާމުގެ މަސްއޫލިއްޔަތުން އެއްފަރާތް ކުރައްވާފަ އެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ކުރިން ވެސް މިނިސްޓަރު ވަނީ މަގާމުގެ މަސްއޫލިއްޔަތުން އެއް ފަރާތް ކުރައްވާފަ އެވެ.

މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާކުރަން މިމަހުގެ ނުވަވަނަ ދުވަހު ފޮނުވާފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ހިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާ ކަމަށް ފާހަގަކުރެވިފައިވާތީ އެމައްސަލަ ތަހުގީގު ކުރުމަށްފަހު އެވެ.

މަހްލޫފް ގެންދަވަނީ އޭނާއާ މެދު ޒާތީ ކޮށް އޭސީސީން އަމަލުކުރަމުންދާ ކަމަށް ވިދާޅުވެ އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.