ފިނިޕޭޖް

ފާސްޓް އެންޑް ފިއުރިއަސްގެ ނުވަވަނަ ބައި ހުކުރު ދުވަހު ޕްރިމިއާ ކުރަނީ

މަޝްހޫރު ފާސްްޓް އެންޑް ފިއުރިއަސްގެ ނުވަވަނަ ބައި "އެފްނައިން" އަންނަ ހުކުރު ދުވަހު ޕްރިމިއާ ކުރަން ނިންމައިފި އެވެ.

ފާސްޓް އެންޑް ފިއުރިއަސް ސީރީޒަކީ ހޮލީވުޑްގެ އެންމެ މަޝްހޫރު އެއް އެކްޝަން ސީރީޒެވެ. މި ސީރީޒަށް ބޮޑު މަގުބޫލު ކަމެއް ލިބިފައި ވަނީ މި ސީރީޒްގައި ފެނިގެންދާ އާދަޔާ ހިލާފު ސްޓަންޓް ތަކުގެ ސަބަބުންނެވެ.

މި ސީރީޒްގެ ނުވަވަނަ ބައި ޕްރިމިއާ ކުރަން، ކުރިން ނިންމާފައި އޮތީ މިދިޔަ އަހަރު އެވެ. ނަމަވެސް ކޮވިޑުގެ ހާލަތު ދުނިޔޭގައި ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެން ފިލްމު ޕްރިމިއާ ކުރުން ދެ ފަހަރަށް ފަސް ކުރުމަށް ފަހު މިހާރު ވަނީ ހުކުރު ދުވަހު ޕްރިމިއާ ކުރާނެ ކަން ރަސްމީކޮށް އިއުލާންކޮށްފަ އެވެ.

އެފް ނައިން ރިލީޒް ކުރަން މިހާރު ނިންމާފައިވާ ތާރީހަކީ ކުރިން މި ފްރެންޗައިޒްގެ ދިހަވަނަ ސީރީޒް ޕްރިމިއާ ކުރަން ގަސްދު ކޮށްފައިވާ ތާރީހެވެ.

ކޮވިޑް-19 އިގެ ސަަބަބުން ސިނަމާ ތަކުގައި އަޅުވާ ފިލްމުތަކުން މާބޮޑު ފައިދާއެއް ލިބެމުން ނުދާތީ ގިނަ ފިލްމުތައް މިވަގުތު ޕްރިމިއާ ކުރަނީ ސްޓްރީމް ކުރާ ސާވިސް ތަކުގަ އެވެ. ނަމަވެސް އެފް ނައިން ޕްރިމިއާ ކުރާނީ ހަމައެކަނި ސިނަމާ ތަކުގަ އެވެ. އެކަމަކު ދުވަސްކޮޅެއް ފަހުން ސްޓްރީމް ކޮށްގެން ސީރީޒް ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ ނިންމާފަ އެވެ.

ވިން ޑީސަލް، ޗާލީޒް ތެރޯން، ޓައިރީސް ގިބްސަން އަދި ޖޯންސީނާގެ އިތުރުން ގިނަ ތަރިންތައް ފެނިގެންދާނެ އެފްނައިން ޑައިރެކްޓް ކުރަނީ ޖަސްޓިން ލިން އެވެ. ޖަސްޓިން އަކީ 2013 ވަނަ އަހަރު ފާސްޓް އެންޑް ފިއުރިއަސް 6 އަދި 2011 ވަނަ އަހަރު ނެރުނު ފާސްޓް ފައިވް ޑައިރެކްޓް ކުރި މީހާއެވެ. އެފް ނައިން އާއެކު ޖަސްޓިން މިވަނީ ފާސްޓް އެންޑް ފިއުރިއަސްގެ ތިން ސީރީޒް އެއް ޑައިރެކްޓް ކޮށްފަ އެވެ.

އެފް ނައިންގެ ދެވަނަ ޓްރެއިލާ

ވިން ޑީސަލް އޭނާގެ މަޝްހޫރު ކެރެކްޓާ ކަމަށްވާ ޑޮމިނިކް ޓޮރެޓޯގެ ރޯލުން ފެނިގެންދާ މި ސީރީޒްގައި ނުބައި ބައި ކުޅެނީ ޖޯން ސީނާ އެވެ. ޖޯން ސީނާ ފެނިގެން ދާނީ ޑޮމިނިކްގެ ކޮއްކޮ ޖޭކަބްގެ ރޯލުންނެވެ.

އެފް ނައިން ވަނީ ފިލްމް ރިވިއު ކުރާ ފަރާތްތަކަށް ދައްކާލާފަ އެވެ. އަދި ފިލްމް ރިވިއު ކުރާ މަޝްހޫރު ވެބްސައިޓް "ރޮޓަން ޓޮމާޓޯސް"ގައި އެފްނައިން އަށް ވަނީ 73 ޕަސަންޓުގެ ސްކޯއެއް ދީފަ އެވެ. ފާސްޓް އެންޑް ފިއުރިއަސްގެ އެކި ސީރީޒް ތަކަކީ ރާއްޖޭގައިވެސް ވަރަށް ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ސީރީޒް ތަކެކެވެ. ރާއްޖޭގައި ވަނީ ފާސްޓް އެންޑް ފިއުރިއަސްގެ ބައެއް ސީރީޒްތައް ކުލަގަދަ ގޮތެއްގައި ޕްރިމިއާ ވެސް ކޮށްފަ އެވެ.