ފިނިޕޭޖް

ކެލީ ގިޑިޝް "ލޯ އެންޑް އޯޑަ: އެސްވީޔޫ"އަށް އަނބުރާ އަންނަނީ

"ލޯ އެންޑް އޯޑަ: ސްޕެޝަލް ވިކްޓިމްސް ޔުނިޓް"ގެ ސީޒަން 25 އަށް ކެލީ ގިޑިޝް، 43، އަނބުރާ އަންނާނެ ކަމަށް ބުނެފި އެވެ.

"ލޯ އެންޑް އޯޑަ: ސްޕެޝަލް ވިކްޓިމްސް ޔުނިޓް"ގައި ފެށުނީއްސުރެ ލީޑް ރޯލް އަދާކުރާ މަރިސްކާ ހާގަޓޭ ވަނީ ކެލީއާއެކު "ބެކް ވިތް މައި ބޫ ތޭންގް" ލަވަ އަށް ނަށާ ވީޑިއޯއެއް އިންސްތަގްރާމްގައި ޕޯސްޓްކޮށްފަ އެވެ.

އެ ސީރީޒްގައި ޑިޓެކްޓިވް އެމެންޑާ ރޯލިންސްގެ ރޯލް އަދާކުރުމަށްފަހު، މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅު ކެލީ ވަނީ އެ ސީރީޒް އިން ވަކިވާ ކަމަށް އިއުލާންކޮށްފަ އެވެ.

2011 ގައި "ލޯ އެންޑް އޯޑަ: ސްޕެޝަލް ވިކްޓިމްސް ޔުނިޓް"އާ ގުޅުނު ކެލީ، ސީރީޒްއާ ވަކިވާން އުޅޭ ކަން ހާމަކުރީ އިންސްޓަގްރާމް ގައެވެ.

އެގޮތުން "ލޯ އެންޑް އޯޑަ: ސްޕެޝަލް ވިކްޓިމްސް ޔުނިޓް" 24 ވަނަ ސީޒަނަކީ ކެލީގެ އެންމެ ފަހު ސީޒަން އެވެ.

މި ސީޒަންގައި މެދުތެރެއިން ކެލީ ވަކިވިއިރު "ލޯ އެންޑް އޯޑާ: އޯގަނައިޒްޑް ކްރައިމް"ގެ ކްރޮސްއޯވާ އެޕިސޯޑެއްގައި ކެލީ ފެނި، އަނބުރާ އައިސްފާނެ ކަމުގެ އިޝާރާތެއް ކުރި އެވެ.

ސީރީޒްގައި ކެލީގެ ކެރެކްޓާ މާބަނޑު މީހެއްގެ ގޮތުގައި ދައްކާފައިވާއިރު ހަގީގަތުގައިވެސް ކެލީ މާބަނޑު ކަމަށް އޭނާގެ ރެޕެއް ބުނެފައިވެ އެވެ. އަދި ކެލީއަށް ފިރިހެން ކުއްޖެއް، އޯލްޑީ ރިޗަޑްސް ލިބުނީ ޖޫން މަހު އެވެ.

"ލޯ އެންޑް އޯޑަ: ސްޕެޝަލް ވިކްޓިމްސް ޔުނިޓް" އަކީ ނިއު ޔޯކްގެ މޭންހެޓަންގައި މީހުންނަށާއި ކުޑަކުދިންނަށް ކުރާ ގެވެށި، ޖިންސީ، ޖިސްމާނީ، ނަފްސާނީ އަދި ނަސްލީ އަނިޔާތައް ތަހުގީގުކުރާ ހާއްސަ ޔުނިޓަށް ބިނާކޮށްފައިވާ ސީރީޒެކެވެ.