ފިނިޕޭޖް

ހާވާޑް ޔުނިވާސިޓީ އިން ޓޭލާ ސްވިފްޓަށް ކޯހެއް ހަދަނީ

އެމެރިކާގެ އެންމެ މަތީ ފަންތި ތަކުގައި ރޭންކް ކުރެވޭ ހަވާޑް ޔުނިވާސިޓީ އިން ޓޭލާ ސްވިފްޓް، 33، އާ ގުޅޭ ކޯހެއް ހަދަނީ އެވެ.

އެންޓަޓޭންމަންޓް ވީކްލީ އިން ބުނާ ގޮތުގައި "ޓޭލާ ސްވިފްޓް އެންޑް ހާ ވޯލްޑް" ކޯހުގައި ޓޭލާގެ މިއުޒިކާއި ލިރިކްސް އާއި އޭގެން ފޭނުން ނުވަތަ "ސްވިފްޓީޒް"ގެ ސަގާފަތަށް ކުރާ އަސަރު ހޯދާ ބެލުމުގެ އިތުރުން ޓޭލާގެ މަސައްކަތްތަކުން އެހެން އާޓިސްޓުންނާއި ލިޔުންތެރިން އަދި މިހާރުގެ ޒުވާނުންނަށް ނުފޫޒު ފޯރާފައިވާ ގޮތްތައް ވެސް ބަލާނެ އެވެ.

މި ކޯހުގެ ކަރިކިއުލަމްގައި ޓޭލާގެ އާޓިސްޓިކް ކޮންޓްރިބިއުޝަންތައް އަދަބީ ކަންކަމާ ގުޅެނީ ކިހާ ހިސާބަކުންތޯވެސް ބަލާނެ އެވެ.

ހާވާޑްގެ ޕްރޮފެސަރު ސްޓެފަނީ ބާޓް އިސްކޮށް ހުރެ އެކުލަވާލާ މި ކޯހުގައި ބައިވެރިވުމަށް ހުށަހެޅޭނީ އަންނަ އަހަރުގެ ބަހާރު މޫސުމާ ދިމާކޮށް އޮންނަ ސެމެސްޓާ ގައެވެ.

ބޮސްޓަން ގްލޯބަށް ދިން އިންޓަވިއުއެއްގައި ސްޓެފަނީ ބުނީ މި ކޯހަކީ އެއްގޮތުން ބަލާއިރު ފޭނުންނާއި އެމީހުން ފޮލޯކުރާ ކަންކަމާއި ސެލެބްރިޓީންނާ ބެހޭ ކޯހެކެވެ. އަދި މި ކޯހުގައި ޓޭލާގެ އެވޮލޫޝަން ނުވަތަ ތަރައްގީ ވަމުން އައިގޮތަށް ބަލައި، ޓޭލާގެ މިއުޒިކާއި އެހެން ބާވަތުގެ ބަސް ބޭނުންކޮށް ހަދާ އާޓްއާ ދެމެދުވާ ގުޅުންވެސް ބަލާނެ ކަމަށް ސްޓެފަނީ ބުންޏެވެ.

ހާވާޑް ޔުނިވާސިޓީގެ އިތުރުން، ޔުނިވާސިޓީ އޮފް ފްލޮރިޑާ އަދި ބާކްލީ ކޮލެޖް އޮފް މިއުޒިކް، ޔުނިވާސިޓީ އޮފް ކެލިފޯނިއާ ބާކްލީ، އުނިވާސިޓީ އޮފް ޓެކްސަސް އެޓް އޮސްޓިން އަދި ސްޓޭންފޯޑް ޔުނިވާސިޓީއިންވެސް ޓޭލާއާ ބެހޭ ކޯސް ނޫނީ ކްލާސްތައް ހިމަނާފައިވެ އެވެ.

ނިއު ޔޯލް ޔުނިވާސިޓީއިން މިދިޔަ އަހަރު ޓޭލާއަށް އޮނަރަރީ ޑޮކްޓާ އޮފް ފައިން އާޓްސްގެ ޑިގްރީއެއް ދީފައިވެ އެވެ.

ޓޭލާގެ އީރާސް ޓުއާގެ ކާމިޔާބީ އަކީ އޭނާގެ ނުފޫޒު ހާއްސަކޮށް ޒުވާނުންގެ މައްޗަށް އޮތް މިންވަރުގެ ހެއްކެކެވެ.

މި ޓުއާގެ ކޮންސަޓް ބޭއްވި ކޮންމެ ރަށެއްގެ ވިޔަފާރިތައްވެސް ވަނީ އެދުވަސްވަރު ކުރިއަށް ގޮސްފަ އެވެ. ޓޭލާގެ ޝަހްސިއްޔަތާއި ވާހަކަތަކާއި މިއުޒިކް އަދި ލިރިކްސްގެ ސަބަބުން ޓޭލާގެ ފޭނުން ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

އީރާސް ޓުއާ އިން ޓޭލާއަށް އެތައް ބިލިއަން ޑޮލަރު ލިބިފައިވީއިރު އެ ޓުއާ އާ ބެހޭ ކޮންސަޓް ފިލްމްވެސް ޓޭލާ ޑިސްޓްރިބިއުޝަން ކުންފުނިތަކާ ޑީލް ހެދުމުގެ ބަދަލުގައި ސީދާ ސިނަމާތަކެއް ހިންގާ ކުންފުންޏާ ޑީލް ހަދާ، ޑިސްޓްރިބިއުޝަން ކުންފުނިތަކަށް ދައްކަންޖެހޭ ޕަސަންޓޭޖް އުނިކޮށްލާފައިވެ އެވެ. މީގެ ސަބަބުން މިހާތަނަށް 250 މިލިއަނަށް ވުރެ ގިނައިން ބޮކްސް އޮފީހުގައި ލިބިފައިވާ މި ފިލްމުގެ ފައިދާ ބޮޑުވެ، ޓޭލާ އަށް ފިލްމް މާކެޓްކުރުމުގައި ކޮންޓްރޯލް އޮންނާނެ އެވެ.

ލަވަ ހަދާ، ލޔެ އަދި ކިޔުމުގެ އިތުރުން ޓޭލާ އަކީ އޭނާގެ މިއުޒިކް ވީޑިއޯ އަދި ކުރު ފިލްމު ޑައިރެކްޓްކުރާ ތަރިއެކެވެ.

އޭނާގެ މާޗަންޑައިޒް ފަދަ ތަކެތީގެ ވިޔަފާރި ކުންފުންޏާއި ޕްރޮޑަކްޝަން ކުންފުނި ހުރެ އެވެ. އަދި ޓޭލާ އަކީ އޭނާގެ މުވައްޒަފުންނަށް ވަރަށް ދީލަތި ތަރިއެކެވެ.