ފިނިޕޭޖް

އީދުގައި ބަލާލަން މިއީ ރަނގަޅު ފިލްމުތަކެއް

އަޟްހާ އީދުގެ މިދުވަސްވަރު ބައެއް މީހުން ބޭރުތެރެއަށް ނިކުމެ ކިތަންމެ ފޯރިއެއް ނަގައި މަޖާކުރި ނަމަވެސް ގޭގައި ތިބެގެން ފޫހިފިލުވާލުމަށް ކޮންމެވެސް ކަމެއް ކޮށްލަން ބޭނުންވާ މީހުންވެސް ތިބޭނެ އެވެ. އެގޮތުން ފިލްމެއް ބަލައިގެން ފޫހިފިލުވި ދާނެ އެވެ. ބަލާލަން ރީތި ފިލްމުތަކެއް ވެސް ބުނެދޭނަމެވެ. މި ބުނެދޭ ފިލްމުތަކަކީ އާއިލީ ގުޅުން ދައްކުވައިދޭ ޝައުގުވެރި ފިލްމުތަކަކަށް ވާނެ ކަން ޔަގީނެވެ.

ކޮކޯ (2017)

މިފިލްމުގައި އުމުރުން 12 އަހަރުގެ މިގެއިލް ގޮންޒަލެޒްއަކީ އޭނާގެ މަރުވެފައިވާ މުނި މުނި ކާފަގެ އެހީތެރިކަން ހޯދަން އުޅުމުގެ ތެރެއިން "ލޭންޑް އޮފް ދަ ޑެޑް" އަށް ފޮނުވާލެވޭ ކުއްޖެކެވެ. އޭނާގެ މުނި މުނި ކާފައަކީ މިއުޒިކު ކުޅެ އުޅުނު މީހެކެވެ. މިގެއިލް އެންމެ ކުޑަ އިރުއްސުރެ މިއުޒިކަށް ލޯބި ކުރަމުން އައި ކަމުގައި ވިޔަސް އޭނާގެ އާއިލާއަކީ މިއުޒިކު ކުޅުމާއި މިއުޒިކް އަޑުއަހަން ބޭނުންވާ އާއިލާއެއް ނޫނެވެ. މިކަމަށް ހައްލެއް ހޯދަން އުޅުމުގެ ތެރެއިން އޭނާއަށް ދެވެނީ ކުރިން މިބުނި ލޭންޑް އޮފް ދަ ޑެޑް އަށެވެ.

މެކްސިކޯގައި ފާހަގަކުރާ މުނާސަބަތެއް ކަމަށްވާ "ޑޭ އޮފް ދަ ޑެޑް" އަސްލަކަށް ބަލައިގެން ހަދާފައިވާ މި ފިލްމަކީ މިގެއިލްގެ އާއިލާގެ ތެރޭގައިވާ ގުޅުމުގެ ހަގީގަތް ދައްކުވައިދޭ އެކިއެކި އިހްސާސްތަކާ އެކު ރޮއްވާލާ ފަދަ ފިލްމެކެވެ. ނުވަދިހަ ވަނަ އެކެޑަމީ އެވޯޑްސްގައި މި ފިލްމަށް ވަނީ "ބެސްޓް އެނިމޭޓެޑް ފީޗާ" އަދި "ބެސްޓް އޮރިޖިނަލް ސޯންގް"ގެ ފަހުރުވެރި އެވޯޑް ލިބިފަ އެވެ.

ބިލާލް : އަ ނިއު ބްރީޑް އޮފް ހީރޯ

އާދަޔާހިލާފަށް ރީތި އަޑެއް ލިބފައިވާ ބިލާލް އަކީ މި ފިލްމުގެ މައިގަނޑު ކެރެކްޓާ އެވެ. ބިލާލްގެ މަންމަ މަރާލައި، އޭނައާއި އޭނާގެ ކޮއްކޮ އަޅުވެތިކަމެއްގެ ތެރޭގައި ވަނިކޮށް އިސްލާމްދީން ވުޖޫދަށް އައުން ދައްކުވައިދޭ މި ފިލްމަކީ އަސްލު ވާހަކައަކަށް ބިނާ ކޮށްފައިވާ ފިލްމެކެވެ. އިސްލާމްދީނާ ގުޅޭ މުހިއްމު ރަނގަޅު މައުލޫމާތުތަކެއް މި ފިލްމުން ލިބޭނެ އެވެ. ކުޑަ ކުދިންނަށް ހާއްސަކޮށްގެން ހަދާފައިވާ މި ފިލްމަކީ ކުޑަކުދިންނާ އެކު މައިންބަފައިންވެސް ބަލާލުން ރަނގަޅު ފިލްމެކެވެ.

ތާރޭ ޒަމީން ޕަރް

ބޮލީވުޑްގައި އެންމެ ނުފޫޒު ގަދަ މީހުންގެ ތެރޭގައި ހިމެނޭ އާމިރު ހާން ޕްރޮޑިއުސްކޮށް ޑައިރެކްޓްކޮށް އަދި އެކްޓްވެސް ކޮށްފައިވާ "ތާރޭ ޒަމީން ޕަރް" އަކީ ކިތަންމެ ހިތްވަރު ގަދަ މީހެއް ނަމަވެސް ރޮއްވާލާނެ ފިލްމެކެވެ.

މި ފިލްމުގައި ފެނިގެންދާ އެންމެ އަށް އަހަރު ކުއްޖެއް ކަމަށްވާ އިޝާން އަވަސްތީ އަކީ އޭނާއާ އެއް އުމުރެއްގެ އެހެން ކުދިންނަށް ވުރެ ކިޔެވުމާއި ދުރު އަދި ނިކަން ބޯހަރު ކުއްޖެކެވެ. އިޝާންގެ އުޅުން ހުންނަ ގޮތުން އޭނާގެ އާއިލާގެ ތެރޭގައި މައްސަލަތައް ޖެހެން ފެށުމުން އިޝާންގެ އާއިލާ އިން އޭނާ ފޮނުވާލަނީ ހަރުކަށި އުސޫލުތަކެއް ގެންގުޅޭ ބޯޑިން ސްކޫލަކަށެވެ.

ބޯޑިން ސްކޫލުގައިވެސް ފުރަތަމަ ދުވަސްކޮޅު އިޝާން އެކަނި ކޮށްލާފައި އިންދާ ދިމާވަނީ ރާމް ޝަންކަރާ އެވެ. މިއީ އެ ސްކޫލަށް އާޓް ކިޔަަވައިދޭން ދާ މުދައްރިސެކެވެ. އިޝާންގެ މުޅި ދިރިއުޅުން ބަދަލުކޮށްލަނީ މި މުދައްރިސެވެ. އެއީ އާމިރު ހާން އެވެ.

ތާރޭ ޒަމީ ޕަރް އަކީ އެއްޗެހި ދަސްކުރަން އުދަނގޫ އަދި ބައެއް ބަސްތައް ކިޔުމަށް ދަތި ނުވަތަ ޑައިސްލެކްސިއާއަށް އަލިއަޅުލާފައިވާ ފިލްމެކެވެ. ތުއްތު ކުއްޖަކު ގެންގުޅޭ މައިންބަފައިން ބަލާލުމަށް މިއީ ވަރަށް ރަނގަޅު ފިލްމެކެވެ.

ޕެރެސައިޓް

ރާއްޖޭގައި ކޮރެއާ ފިލްމުތައް ބަލާ މީހުންނަށް 2019 ވަނަ އަހަރު ނެރެފައިވާ ޕެރެސައިޓް އަކީ ޝައުގުވެރި ފިލްމަކަށް ވާނެ އެވެ. ބޮން ޖޫން-ހޯ ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ ޑާކް ކޮމެޑީ އަދި ތްރިލާ ފިލްމެކެވެ.

ޕެރެސައިޓްގައި ދައްކައިދެނީ ދަހިވެތިކަމާއި، ތަފާތު ފެންވަރުގެ މީހުންގެ މެދުގައި އޮންނަ ދެ ބަސްވުމާއި، މުއްސަނދި އާއިލާއަކާއި ހާލުގައި ޖެހިފައިވާ އާއިލާއެއްގެ މެދުގައި އުފެދޭ ދެބަސްވުންތަކެކެވެ.

މުއްސަނދި ޕާކްގެ އާއިލާ ދިރިއުޅޭ ގޭގެ ބޭސްމަންޓުގައި ދިރިއުޅެމުންދާ ފިރިހެނެއްގެ ވާހަކަ އެނގޭ ހިސާބުން އެކަކު އަނެކަކުގެ މަރަށް ހިފާ ހިސާބަށްވެސް ދެއެވެ.

ކޮރެއާ ފިލްމެއް ބަލާލަން ބޭނުންވާނަމަ އަވަހަށް މި ފިލްމު ބަލާލާށެވެ.

މައި ފާދާ އެންޑް މައި ސަން

"ތީ އަހަރެންގެ ދަރިފުޅު. ދިރިއުޅުމަށް ވުރެ އަހަރެންނަށް މުހިއްމީ ދަރިފުޅު،" ފިލްމުގެ މައިގަނޑު ކެރެކްޓާ، ސާދިގުގެ ބައްޕަ އޭނާއާ ދިމާއަށް ބުނެލަ އެވެ.

މި ފިލްމަކީ އެތައް އިހްސާސްތަކެއް ހިތްތަކަށް ކުރުވާ ފިލްމެކެވެ. ސާދިގު އޭނާގެ އުފަން ބިން ދޫކޮށް ކޮންމެވެސް ތަނަކަށް ނޫސްވެރިކަން ކިޔަވަން ދަނީ ނޫސްވެރިކަމަށް އޭނާގެ ހާއްސަ ޝައުގެއް ހުންނާތީ އެވެ. ނަމަވެސް އޭނާގެ ބައްޕަ ބޭނުންވަނީ ދަނޑުވެރިކަމުގެ ދާއިރާ އިން ސޯދިގު ކިޔަވާށެވެ. ސާދިގު ބައްޕަ އެހާ ހިސާބުން އޭނާ ދެކެ ހިތްހަމަނުޖެހެ އެވެ. އަދި އެއަށްފަހު ސޯދިގުގެ ދިރިއުޅުމަށް ހިތާމައަކަށްފަހު ހިތާމައެއް ކުރިމަތިވެ އެވެ.

މި ފިލްމުގައި ދެން ފެނިގެން ދަނީ ސޯދިގުގެ ދިރިއުޅުމުގައި ދިމާވާ އިތުރު ގޮންޖެހުންތަކާއި އޭނާ ކުރިމަތިލާ ގޮތާއި ރޫޅިފައިވާ އާއިލާއަކަށް އަލުން ދިރުން ގެންނަން ކުރެވޭ އަސަރުގަދަ މަސައްކަތްތަކެކެވެ. ކަންކަމުގައި އުދަނގޫ ހާލަތްތައް ކުރިމަތިވި ނަމަވެސް އާއިލާގެ ތެރޭގައި އޮންނަންޖެހޭ ލޯތްބާއި އަޅާލުން މި ފިލްމުން އެނގިގެންދާނެ އެވެ.

ޔޫސުފް

އީދުގައި ރީތި ދިވެހި ފިލްމެއް ބަލާލުމަށް ބޭނުންވާނަމަ މަޝްހޫރު ޑައިރެކްޓަރު ފާތިމަތު ނަހްލާ ޑައިރެކްޓްކޮށްފައިވާ "ޔޫސުފް" އަކީ ހިތްގައިމު ފިލްމެކެވެ.

މިއީ ވާހަކަ ނުދެއްކޭ ބައްޕައެއްގެ އެތައް ގުރުބާނީއެއްގެ ތެރެއިން ކުޑަކުއްޖަކު ބަލައި ބޮޑުކުރާ ގޮތް ދައްކުވައިދޭ ލޯބީގެ އަސަރު ގަދަ ފިލްމެކެވެ.

ޔޫސުފް އަކީ ވަރަށް ގިނަ ދިވެހިން މިހާރުވެސް ބަލާފައިވާ ފިލްމަކަށް ވެދާނެ އެވެ. އެކަމަކު އަލުން ބަލާލުމަށްވެސް މިއީ ހަމަ ރަނގަޅު ފިލްމެކެވެ.

ޔޫސުފްގައި މަޝްހޫރު ހިންދީ ރާގުތަކަށް ހަދާފައިވާ ލަވަތައްވެސް ހިމެނެ އެވެ. އެގޮތުން ތާރޭ ޒަމިން ޕަރްގައި ހިމެނޭ ބައެއް ރާގުތައްވެސް ޔޫސުފްގައި ހިމެނެ އެވެ.