ހޮލީވުޑް

ހޮލީވުޑްގެ ދި އެކަޑަމީން "ލާލް ސިންގް ޗައްޑާ"ގެ އަގު ވަޒަންކޮށްފި

Aug 14, 2022

ގިނަ އޮސްކާ އެވޯޑްތަކެއް ލިބިފައިވާ ހޮލީވުޑްގެ "ފޮރެސްޓް ގަމްޕް"ގެ މައްޗަށް ބިނާކޮށް އަޑްވެއިޓް ޗަންދަން އާއި އަތުލް ކުލްކަރްނީ ހެދި ފިލްމް "ލާލް ސިންގް ޗައްޑާ"އާ މެދު އިންޑިއާގައި ހިޔާލު ތަފާތުވެފައިވީ ނަމަވެސް ހޮލީވުޑްގެ ދި އެކަޑަމީ އިން އެ ފިލްމްގެ އަގު ވަޒަންކޮށްފި އެވެ.

ދި އެކަޑަމީ އިން އަގުވަޒަން ކުރުމުގެ ގޮތުން ވަނީ ޓޮމް ހޭންކްސް ލީޑް ރޯލް އަދާކުރި "ފޮރެސްޓް ގަމްޕް" އާއި އާމިރު ހާން ލީޑް ރޯލް އަދާކުރި "ލާލް ސިންގް ޗައްޑާ"ގެ ސީންތަކުގެ މޮންޓާޖެއް ދި އެކަޑަމީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ޕޯސްޓްކޮށްފަ އެވެ.

އޮސްކާ ނުވަތަ އެކަޑަމީ އެވޯޑް ދޭ ފަރާތްކަމުގައިވާ ދި އެކަޑަމީ އިން "ލާލް ސިންގް ޗައްޑާ"އާ ބެހޭގޮތުން އަގުވަޒަންކޮށް ޕޯސްޓްތައް ކޮށްފައި މިވަނީ އިންޑިއާގައި މި ފިލްމާ ބެހޭގޮތުން ބައެއް ފަރާތްތައް ސިޔާސީވެ، މި ފިލްމް ބޯއިކޮޓް ކުރުމަށް ގޮވާލަމުން ދަނިކޮށެވެ.

ލާލް ސިންގް ޗައްޑާގައި އިންޑިއަން އާމީ އާއި ހިންދޫންނަށް އިހްތިރާމް ނުކުރާ މަންޒަރުތަކެއް ދައްކާ ކަމަށާއި އަދި މީހުންގެ އިހްސާސްތަކަށް ގަދަރުނުކުރާ ކަމަށް ބުނެ، ވިނީތް ޖިންދަލް ކިޔާ ގާނޫނީ ވަކީލެއް ވަނީ ފުލުހުންނަށް މައްސަލަ ވެސް ހުށަހަޅާފަ އެވެ.

ލާލް ސިންގް ޗައްޑާއާ މެދު އާންމުންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އުޅޭތީ ފިލްމު އެންމެ މުހިއްމު އެއް ތަރި -- އާމިރު ހާން ވަނީ މި ފިލްމު ބޮއިކޮޓް ނުކުރުމަށް އާންމުންނަށް ގޮވާލާފަ އެވެ.