ބޮލީވުޑް

ޝެހެނާޒް ބޭނުންވަނީ ރަންބީރާ އެކު މަސައްކަތް ކުރަން

ޝެހެނާޒް ގިލް ދެން މަސައްކަތް ކުރަން ބޭނުންވަނީ ރަންބީރު ކަޕޫރާ އެކު ކަމަށް ބުނެފި އެވެ.

ޝެހެނާޒް ގިލް އޭނާގެ ހަޔާތުގެ އާ ބާބެއް ފެށީ 2023 ވަނަ އަހަރު ބޮލީވުޑްގެ ފިލްމެއް ކަމަށްވާ ކިސީ ކާ ބާއީ ކިސީ ކީ ޖާން
ފިލްމުންނެވެ.

މިއަހަރު ނިމެން ކައިރިވަމުން އަންނައިރު ޝެހެނާޒްގެ މުސްތަގުބަލާ ގުޅޭގޮތުން ނިއުސް18 ޝޯއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ މިއަހަރަކީ އޭނާއަށް ވަރަށް ހިތްގައިމު އަހަރެއް ކަމަށާއި ލޯ ހުޅުވައި ދިރިއުޅުމާ މެދު ދެކޭ ގޮތް ބަދަލުކޮށްލި އަހަރެއް ކަމަށެވެ.

"މިހާރު ތަންކޮޅެއް މެޗޫއާ. ކުރިން އަހަރެން އުޅުނީ ވަރަށް ކުޑަކުއްޖެއް ހެން. ބައެއް ހާލަތްތައް ރަނގަޅަށް ހޭންޑްލްކޮށް، އެކަމާ ކުރިމަތިލާން މިހާރު އެނގޭ،" އޭނާ ބުންޏެވެ.

ޝެހެނާޒް ބުނީ ސަލްމާނާ އެކު މަސައްކަތް ކުރެވިފައިވާތީ އޭނާ މިހާރު ބޭނުންވަނީ ރަންބީރާ އެކު މަސައްކަތް ކުރުމަށް ކަމަށެވެ.

"އަހަރެން ވަކި މީހަކު ބުނަންޏާ ބުނާނީ އެއީ ރަންބީރު ކަޕޫރޭ. ދުވަހަކުވެސް އޭނާއާ ބައްދަލުނުވި ނަމަވެސް ދުރުން އިވެންޓްތަކުން އޭނާ ފެނިފައި ހުރީ،" ޝެހެނާޒް ބުންޏެވެ.

ބޮލީވުޑްގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކާ ގުޅޭތުން ޝެހެނާޒް ބުނީ މިހާރު އޮޑިޝަން ދިނުމުގައި އޭނާގެ އެއްވެސް އުނދަގުލެއް ނެތް ކަމަށެވެ. އޭނާ ބޭނުންވާ ކަހަލަ ފިލްމުތައް ކުޅުމުގެ ފުރުސަތު ލިބެމުންދާ ކަމަށްވެސް ބުންޏެވެ.