މިހާރު ފާހަގަކުރަމުން މިދާ ބޮޑު އީދުގެ ތަހުނިޔާތައް މަޝްހޫރު އެކި ތަރިން އަންނަނީ އެމީހުންގެ ފޭނުންނަށާއި މުސްލިމު އެންމެހައީ މީހުނަށް ފޮނުވަމުންނެވެ. ދިވެހި ސިނަމާއިން ފެށިގެން ބޮލީވުޑް އަދި ހޮލީވުޑްގެ ތަރިންވެސް ވަނީ އީދުގެ މުބާރިކް ބާދީތައް ފޮނުވާފަ އެވެ. އަދި އީދު ފަހާގަކުރުމަށް އެ ތަރިން ކުރަމުންް އަންނަ ކަންކަންވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް އަންނަނީ ހިއްސާކުރަމުންނެވެ.
އެންމެ ބޮޑު އީދު ހަދިޔާއެއް ދިނީ ޑާކް ރެއިނުން
ރާއްޖޭގެ އެންމެ ބޮޑު ޕްރޮޑަކްޝަން ހައުސް ޑާކް ރެއިންގެ ފަރާތުން އީދުގެ ތަހުނިޔާ ފޮނުވީ އެ ޕްރޮޑަކްޝަނުން ގެނެސްދިނުމަށް މިހާރު ތައްޔާރުވަމުން އަންނަ ކޮމެޑީ ފިލްމު "މާމުއި" ގެ ކާސްޓުގެ ފޮޓޯއަކުންނެވެ. ކާސްޓުގެ އިތުރުން ފިލްމުގެ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) އަދި ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ވެސް މި ފޮޓޯގައި ބައިވެރިވި އެވެ.
މި އީދުގައި އެންމެ ބޮޑު ހަދިޔާއެއްވެސް ދިނީ ޑާކް ރެއިން އިންނެވެ. އެ ޕްރޮޑަކްޝަންގެ ފަހުގެ ފަސް ފިލްމެއް އައިސް ޓީވީ މެދުވެރިކޮށް ދެއްކުމަށް ވަނީ ނިންމާފަ އެވެ. އީދު ފަސް ރޭ، ކޮންމެ ރެއަކު ފިލްމެކެވެ. އެ ފިލްމުތަކަކީ "މިކޮއެ ބައްޕަ ބައޭ ބައޭ"، "ވާށޭ މަށާއެކީ"، "އެންމެފަހު ވިންދާޖެހެންދެން"، "ހުޅުދާން" އަދި "މިއީ ލޯތްބަކީ" އެވެ.
ހާނުންނާއި ކަޕޫރުންގެ ތަހުނިޔާތަކުން ޓުވިޓާ ބަންޑުންވަނީ
އެންމެ ކުލަގަދަކޮށް އީދު ފާހަގަކޮށް ތަހުނިޔާތައް ފޮނުވާ ފިލްމު އިިންޑަސްޓްރީއަކީ ބޮލީވުޑެވެ. ބޮލީވުޑްގެ މަޝްހޫރު ޚާނުންނާއި ކަޕޫރުން އަދި އެހެން ތަރިންވެސް ވަނީ އީދުގެ ތަހުނިތާއް ފޮނުވާފަ އެވެ.
ޖީޖީއާއި ޒޭން އީދު ފާހަގަކުރީ އެކުގައި
ސުޕަމޮޑެލް ޖީޖީ ހަޑީޑްއާއި ލަވަކިޔުންތެރިޔާ ޒޭން މާލިކް މިފަހަރު އީދު ފާހަގަކުރީ އެކީގަ އެވެ. ޖީޖީ ވަނީ ޒޭން އާއި އޭނާގެ ކޮއްކޮ ވަލީހާ އާޒާދް އެކުގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމުގައި ހިއްސާކޮށްފަ އެވެ. އަދި އެ ޕޮޓޯގައި "އީދަށް ގޭގައި" ކަމަށް ބުނެ ކެޕްޝަންވެސް ލިޔެފައި އިނެވެ. ޖީޖީ އާއި ޒޭން ލޯބީގެ ގޮތުން ގުޅިގެން އެކުގައި ދެ އަހަރު އުޅުމަށްފަހު އެ ދެމީހުން ވަކިވާން ނިންމިކަމަށް މިދިޔަ މާޗު މަހު ބުނި އެވެ. ނަމަވެސް ބެލެވޭގޮތުގައި މިހާރު އަނެއްކާވެސް އެ ދެ ތަރިން ވަނީ ގުޅެފަ އެވެ.