ޕްރިޔާންކާ ޗޯޕްރާ

"ބާރަތު"އިން ވަކިވެ، ޕްރިޔަންކާ ނިކްއާ އެންގޭޖުވެއްޖެ

ފިލްމު "ބާރަތު" ދޫކޮށްލައި ޕްރިޔަންކާ ޗޯޕްރާ، ނިކް ޖޯންސައާ އެންގޭޖުވެއްޖެ ކަމަށް ބޭރުގެ ބޮޑެތި މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ. އެގޮތުން އެންޓަޓެއިމަންޓް އޮންލައިން އާއި ޕީޕަލްސް މެގަޒިން އަދި ޓައިމްސް އޮފް އިންޑިއާއިން ވަނީ މި ހަބަރު ކަށަވަރުކޮށްދީފަ އެވެ.

ޕްރިޔަންކާ ސަލްމާން ޚާންއެކު ކުޅެން އެއްބަސްވި ފިލްމު "ބާރަތު" ވެސް ދޫކޮށްލިކަން އެ ފިލްމުގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ވަނީ ޓުވިޓާ މެދުވެރިކޮށް ކަށަވަރުކޮށްދީފަ އެވެ. މި ފިލްމަކީ ގިނަ އަހަރުތަކަށްފަހު އޭނާ ބޮލީވުޑަށް އަނބުރާ އަންނަ އޮތް ފިލްމެވެ.

ޑައިރެކްޓަރު އައްބާސްކުރި ޓުވީޓްގައި ބުނީ ޕްރިޔަންކާ އެ ފިލްމު ދޫކޮށްލީ ވަރަށް ހާއްސަ ސަބަބަކަށްޓަކައި ކަމަށާއި އޭނާއާ ފިލްމުގެ ޓީމުގެ ފަރާތުން އަބަދުވެސް ޕްރިޔަންކާއަށް އުފާވެރި ދިރިއުޅުމަކަށް އެދޭނެ ކަމަށެވެ.

ނިކް 25، އާއި ޕްރިޔަންކާ 35، މެދުގައި ލޯބީގެ ގުޅުން އުފެދި އެ ގުޅުން ފެށުނު ގޮތާއި ބެހޭގޮތުން މީޑިއާގައި ތަފާތު ވާހަކަތައް ދެކެވެމުން އާދެ އެވެ. އެންމެ ގިނަ ބަޔަކު ގަބޫލުކުރަނީ މި ގުޅުން ފެށުނީ، 2016 ވަނަ އަހަރު މެޓް ގާލާ އިވެންޓުގެ ރެޑް ކާޕެޓުގައި މި ދެމީހުން އެކުގައި ހިނގުމަށްފަހު އެވެ. އޭގެފަހުން މި ދެމީހުން ވަރަށް ގިނައިން ބައްދަލުކޮށް އެކުގައި ތަންތަނަށް ގޮސް ހަދާކަމަށް މީޑިއާގައި ވާހަކަދެކެވުނެވެ.