ހޮލީވުޑް ފިލްމު "ބޭވޮޗް" އަށް ފަހު ކިއާނޫ ރީވްސް އާއެކު "މެޓްރިކްސް 4" ކުޅުމުގެ ފުރުސަތު ހިންދީ ފިލްމީ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އަށް ލިބިފައިވާ ކަމަށް ހޮލީވުޑް ބައެއް ނޫސް ތަކުން ބުނެފި އެވެ.
މިއީ ވަރަށް މޮޅު އެކްޝަން މަންޒަރުތައް ހިމެނޭ "މެޓްރިކްސް" ސީރީޒްގެ ހަތަރު ވަނަ ފިލްމެވެ. ކުރީގެ ފިލްމުގައި ކީއާނޫ އާއި ކެރީ އޭން އަދާކުރި ނިއޯ އާއި ޓްރީނީޓީގެ ރޯލު މިފަހަރުގެ ފިލްމުގައި ވެސް މި ދެ ތަރިން އަދާކުރާނެ އެވެ.
ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ކެރީ-އޭން މޮސް އާއި ޔަހްޔާ އަބުދުލް-މަތީން އަދި ނީލް ޕެޓްރިކް ހެރިސް ލީޑް ރޯލު އަދާކުރާނެ އެވެ.
ކޮވިޑް-19 އިގެ ވަބާގެ ސަބަބުން ޝޫޓިން ހުއްޓިފައި އޮތުމަށްފަހު މިހާރު އަނެއްކާވެސް މި ފިލްމުގެ މަސައްކަތް ބާލިންގައި ފަށައިގެން ކުރިޔަށް އެބަދާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
މި ފިލްމު ލިޔެ، ޑައިރެކްޓްކުރަނީ މެޓްރިކްސް ކޯ-ކްރިއޭޓާ ލާނާ ވަޗޯސްކީ އެވެ. ކުރިން ހަމަޖެހިފައި އޮތީ އަންނަ އަހަރުގެ މޭ މަހު ފިލްމު ރިލީޒްކުރާ ގޮތަށެވެ. ނަމަވެސް ކޮރޯނާވައިރަހުގެ ސަބަބުން ފިލްމުގެ ޝޫޓިން ހުއްޓާލާފައި ބާއްވަން ޖެހުމުގެ ސަބަބުން ފިލްމު ރިލީޒްކުރާ ތާރީޚު 2022 ގެ އޭޕްރީލް އަށް ވަނީ ބަދަލުކޮށްފަ އެވެ.
މި ފިލްމުގައި ޕްރިޔަންކާ ބައިވެރިވާކަން އަދި ފިލްމު އުފައްދާ ފަރާތުން ރަސްމީކޮށް އިއުލާން ކޮށްފައެއް ނުވެ އެވެ. ނަމަވެސް ހޮލީވުޑް ނޫސްތަކުން ބުނަނީ ފިލްމުގައި އޭނާ ބައިވެރިވާކަން ޔަގީން ކަމަށެވެ.
މި ފިލްމުގެ އިތުރުން އެމެޒޯން-ޕްރައިމް ސީރީޒް "ސިޓަޑެލް"ގައި ޕްރިޔަންކާ ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ "އެވެންޖާޒް:އެންޑްގޭމް"ގެ ޑައިރެކްޓަރު ރުސޯ ބްރަދާސް ތައްޔާރުކުރާ ސީރީޒް އެކެވެ.