ފިނިޕޭޖް

އެލަންގެ ޝޯއަށް އަނެއްކާވެސް ޕްރިޔަންކާ

ބަތަލާ ޕްރިޔަންކާ ޗޯޕްރާ، އެންމެ ފަހުން ކުޅުނު ހޮލީވުޑް ފިލްމު "އިޒްންޓް އިޓް ރޮމޭންޓިކް" ގެ ޕްރޮމޯޝަން މިހާރު ވަނީ ފަށާފަ އެވެ. ބޭރުގެ ރިޕޯޓުތައް ބުނާ ގޮތުގައި ހޮލީވުޑްގެ އެންމެ މަގުބޫލު އެއް ޓޯކް ޝޯ "ދަ އެލެން ޝޯ" އަށް ފިލްމުގެ ޕްރޮމޯޝަންއަށް ގެންދާ ހާއްސަ މެހުމާނެއްގެ ގޮތުގައި ޕްރިޔަންކާ އެރުމަށްވަނީ ހަމަޖައްސާފަ އެވެ.

އެލެން ދި ޖެނެރެސް ގެނެސްދޭ، "ދި އެލެން ޝޯ" އަކީ ހޮލީވުޑްގެ އިތުރުން ދުނިޔޭގެ އެކި ހިސާބުތަކުގައި ވެސް މަގުބޫލު ޝޯ އެކެވެ. އަދި ނޫސްތަކުގައި މި ހަބަރު ފެތުރުމާއެކު ޕްރިޔަންކާގެ ސަޕޯޓަރުންދަނީ މި ޝޯއަށް އިންތިޒާރު ކުރަމުންނެވެ. ހޮލީވުޑްގެ ސީރީޒް "ކުއަންޓިކޯ" އަށްފަހު ޕްރިޔަންކާ އަށް ހޮލީވުޑްގައި ވެސް ބޮޑު ފޭންބޭސް އެއް އޮވެ އެވެ.

ޕްރިޔަންކާ އެލަންގެ ޝޯ އަށް އެންމެ ފުރަތަމަ އެރީ 2016 ވަނަ އަހަރު އެވެ. އަދި ދެ އަހަރަށްފަހު އެލަންގެ ޝޯއަށް ޕްރިޔަންކާ ދާނީ، އޭނާގެ ފިރިމިހާ ނިކް ޖޯނަސްގެ އަންހެނުންގެ ގޮތުގައި ކަމުން މިއީ ބަލައިލަން މަޖުބޫރު އެޕިސޯޑެކެވެ. މީގެ ދެ އަހަރު ކުރިން ދެއްކި އެޕިސޯޑުގައި އެލަން އާއި ޕްރިކަންކާ ދެއްކި ވާހަކައެއް އެދުވަސްކޮޅު ހޫނުވި އެވެ. ޕްރިޔަންކާއަށް ޖެއްސުންކޮށް ދިމާ ކުރީ ކަމަށް ބުނެ އެލަންއަށް ފާޑު ކިޔެވެ. އެހެން ނަމަވެސް، މިއީ އެލަންގެ ޝޯ ގައި ހުންނަ ތަފާތު ގޮތެއް ކަމާއި އެލަންއަކީ މަޖާ މީހެއް ކަމުން ޕްރިޔަންކާ މިކަމަށް އެއްވެސް އެއްޗެކޭ ނުބުނެ އެވެ.

މީގެ ކުރިން އެލެންގެ ޝޯގައި ޕްރިޔަންކާ

ޕްރިޔަންކާގެ ހޮލީވުޑް ފިލްމު "އިޒްންޓް އިޓް ރޮމޭންޓިކް" ރިލީޒް ކުރާނީ ފެބްރުއަރީ 14 ގަ އެވެ. ފިލްމުގައި ޕްރިޔަންކާ އާއެކު، ލިއަމް ހެމްސްވޯތު ފެންނާނެ އެވެ.