ލައިފްސްޓައިލް

ވިލިއަމާއި ކޭޓަށް ޕްރިޔަންކާގެ ފުސްމޫނު!

ދާދިފަހުން ނިމުނު ވިމްބަލްޑަން އަންހެން ސިންގަލްސް ފައިނަލް މެޗު ބަލަން ބޮލީވުޑް އަދި ހޮލީވުޑް ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ޖޯނަސް ދާދި ފަހުން ދިޔަ އެވެ. އަދި މި މެޗު ބަލަން ޕްރިޔަންކާ އިންދާ ނަގާފައިވާ ވީޑިއޯތަކެއް މިހާރު ވަނީ އިންޓަނެޓުގައި މާ ހިނގާ އެއްޗަކަށް ވެފަ އެވެ. މި ވީޑިއޯތައް މިހާ ބޮޑަށް ވައިރަލް ވެގެން އުޅެނީ ޕްރިޔަންކާ މެޗު ބަލަން އިނދެގެނެއް ނޫނެވެ. އެ މެޗު ބަލަން ވަޑައިގެންނެވި އިނގިރޭސި ވަލީ އަހުދު ވިލިއަމް އާއި އަނބިކަނބަލުން ކޭޓަށް އެތަނަށް ހާޒިރުވެ ތިބި އެންމެން ހޫނު އަތްތިލަބަޑިއަކުން މަރުހަބާ ދެންނެވިއިރު ޕްރިޔަންކާ އަޅާ ވެސް ނުލާ އިނދެގެންނެވެ.

ހުރިހާ އެންމެން ކޭޓް އާއި ވިލިއަމް އަށް މަރުހަބާ ކިޔަމުން ދިޔައިރު ޕްރިޔަންކާ ފާޑަކަށް ރައްޓެއްސަކާ ދިމާލަށް އެނބުރި އިނދެގެން އޭނާގެ ސްކާފު ރަނގަޅުކުރާތަން ވައިރަލް ވެގެން އުޅޭތީ ވީޑީއޯ ކްލިޕުން ފެނެ އެވެ. އަޅާވެސް ނުލާ ނުފެންނަ ކަމަށް ހަދައިގެން އިނީމަ އެވެ.

މެޗުގެ ކޮމެންޓޭޓަރުން ބުނި ގޮތުގައި ޕްރިޔަންކާ ގަސްތުގައި ވިލިއަމް އާއި ކޭޓް ނުފެންނަ ކަމަށް ހެދީ އެވެ. އަދި އެއީ ވިލިއަމްގެ ކޮއްކޮ ހެރީގެ އަންހެނުން މެގަން މާކަލް އާއި ޕްރިޔަންކާގެ އޮންނަ ގާތް ގުޅުމުގެ ސަބަބުން ކަމަށް ވެސް ކޮމެންޓޭޓަރުން ބުންޏެވެ. އިނގިރޭސި ޝާހީ އާއިލާގެ ތެރޭގައި މިހާރު ކޯޅުން ބޮޑުވެ ވިލިއަމް އާއި ހެރީ އާ ދެބެންގެ ގުޅުމަށް ބުރޫ އަރާފައި ވުމާއި މެގަން އާ ޝާހީ އާއިލާގެ އެއްވެސް މީހަކާ މިހާރު ގުޅުން ނޯންނާތީ ޕްރިޔަންކާ ވެސް އެކުވެރިޔާ\އަށް ވަފާތެރިކަން ބޭއްވީ ކަމަށް ކޮމެންޓޭޓަރުން ބުނެފައި ވެއެވެ.

ޕްރިޔަންކާ އާއި މެގަން ފުރަތަމަ ބައްދަލުވީ 2016 ގައި އޮތް ޕާޓީ އަކުންނެވެ. އެ ޕާޓީގެ ތެރޭގައި އެކުވެރިކަން ބަދަހިވެ ޝާހީ އާއިލާގައި އުޅެން ޖެހޭ ދަތި އުނދަގޫ ގޮތްތަކުގެ ވާހަކަ ޕްރިޔަންކާއަށް މެގަން ކިޔައިދިން ކަމަށް ވެއެވެ.

ދާދިފަހުން މެގަން ވަނީ އޮޕްރޭ ވިންފްރީ ޝޯގައި ވާހަކަ ދައްކަމުން އިނގިރޭސި ޝާހީ އާއިލާގެ ފަތިފުށް ހާމަކޮށް އެ އާއިލާގެ މެމްބަރުން އޭނާގެ ނަފްސާނީ މައްސަލަތައް ފަރުވާ ކޮށްދިނުމަށް ދެކޮޅުހެދި ކަމަށް ބުނެފަ އެވެ. އަދި ހެރީ އާއި ކައިވެނިކުރަން އުޅުނުއިރު ވެސް މެގަން ދެރަވާ ކަހަލަ ކަންތައްތަކެއް ކޭޓް ކުރި ކަމަށް ވެސް އޮޕްރާ ޝޯގައި މެގަން ބުނެފައި ވެއެވެ. އަދި ބޭބެ ވިލިއަމް ދެކެ ވަރަށް ލޯބިވިޔަސް އެ ދެބެން ހިންގަވަނީ މިހާރު ތަފާތު ދެ މަގަކުން ކަމަށް އެ ޝޯގައި ހެރީ ވެސް ވިދާޅުވި އެވެ.

މި މެޗު ބަލަން ގޮސް ޕްރިޔަންކާ ކަންތައް ކުރި ގޮތުގެ ބަހުސް މިހާރު އިންޓަނެޓުގައި ހޫނުވެފައިވާއިރު އެއްބަޔަކު ބުނަނީ ޝާހީ އާއިލާގެ ބޭފުޅުން ތިއްބަވާ "ރޯޔަލް ބޮކްސް' އަށް އެ ބޭފުޅުން ވަޑައިގެން އިށީނދެވަޑައިގަތުމުން ކަންތައްތައް ކުރަން ޖެހޭ ގޮތް ޕްރިޔަންކާއަށް ނޭނގުނީ ކަމަށެވެ. އަދި ޝާހީ ދެކަނބަލުން ނުފެންނަ ކަމަށް ހަދައިގެން އޭނާ އިނީ ގަސްތުގައި ނޫން ކަމަށެވެ. ނަމަވެސް މި ބަހުސްގައި ބައިވެރިވީ ގިނަ މީހުން ގަބޫލު ކުރަނީ މިއީ ޕްރިޔަންކާ އަށް ނޭނގިގެން ކުރި ކަމެއް ނޫން ކަމަށެވެ.

މިކަމާ ގުޅިގެން ޓުވިޓާގައި ވަރަށް ގިނަ ބަޔަކު މަޖާ ނަގައި ޕްރިޔަންކާ ބުނި ކަމަށް ހަދައިގެން ތަފާތު މަޖާ ވާހަކަތައް ވެސް ދައްކާފައި ވެއެވެ.