ހޮލީވުޑް

ހިތްހަމަނުޖެހޭ ގިނަ ކަންކަން ބޮލީވުޑުން ދިމާވި: ޕްރިޔަންކާ

ޕްރިޔަންކާ ޗޯޕްޅާ ޖޯނަސްއަކީ މިހާރު ބޮލީވުޑްގެ އިތުރުން ހޮލީވުޑްގައި ވެސް މަޝްހޫރު ބަތަލާ އެކެވެ. ދާދިފަހުން ޕްރިޔަންކާ ވަނީ މަޝްހޫރު އޯޕްރާ ވިންފްރީ އެވޯޑު ހޯދާފައިވާ ޓޯކް ޝޯ "ސުޕަ ސޯލް"ގައި ބައިވެރިވެފަ އެވެ.

އޯޕްރާއަށް ދިން އިންޓަވިއުގައި ޕްރިޔަންކާ ވަނީ އޭނާގެ ފުރާވަރު އުމުރުގެ ވާހަކަތަކާއި އޭނާއަށް ބޮލީވުޑްގައި ކުރެވިފައިވާ ބައެއް ހިތްދަތި ތަޖުރިބާތަކާއި ނިކް ޖޯނަސް އާ ކައިވެނި ކުރި ސަބަބު ކިޔައިދީފަ އެވެ.

ޕްރިޔަންކާއަކީ މިހާރު އިންޓަނޭޝަނަލް ސްޓާރެއް ނަމަވެސް ހިންދީ ފިލްމު އިންޑަސްޓްރީގައި އެންމެ ފުރަތަމަ މަސައްކަތް ކުރަން ފެށި ދުވަސްވަރު ވަރަށް ގިނަ މީހުން އޭނާއަށް ވަރަށް އިހާނެތިކޮށް ކަންތައް ކޮށްފައިވާ ކަމަށް ޕްރިޔަންކާ ބުންޏެވެ.

އަދި އޭނާ ހިތްހަމަނުޖެހޭ ޒާތްޒާތަށް އޭނާ ލައްވާ ނަށުވަން ޑައިރެކްޓަރަކު މަސައްކަތް ކުރި ކަމަށް ވެސް ބުންޏެވެ. އަދި އޭނާ އާ ދިމާލަށް އޭރު އެ ވާހަކަ ނުބުނެވުނީތީ މިހާރު ދެރަވާ ކަމަށް ޕްރިޔަންކާ ބުންޏެވެ.

"އޭރު އަހަރެން ވަރަށް އާ. އެހެންވެ އަހަރެންނާ ދޭތެރޭ ގޯސްކޮށް ކަންތައް ކުރީމަ ވެސް އެއްޗެކޭ ބުނަން ނުކެރުނީ. އޭރު މާ އަނގަ ގަދަ ކުރިނަމަ އަހަރެންނަކީ އެކުގައި މަސައްކަތް ކުރަން އުނދަގޫ މީހެއްގެ ގޮތުގައި ލޭބަލް ކުރާނެ. ނަމަވެސް އެ ދުވަހު އެ ޑައިރެކްޓަރާ ދިމާލަށް އެ ވާހަކަ ނުބުނެވުނީމަ މިހާރު ދެރަވޭ. އަހަރެން އެ ފަހަރު ހެދި ގޮތަކީ މާ އަޑުގަދަ ކުރަން ނުހަދާ އެ ފިލްމުން ވަކިވީ،" ޕްރިޔަންކާ ބުންޏެވެ.

އޯޕްރާއަށް ދިން އިންޓަވިއުގައި ޕްރިޔަންކާ ވަނީ މިސް ވޯލްޑުގެ ތާޖު ހާސިލު ކުރެވުނު ދުވަސްވަރުގެ ތަޖުރިބާ އާއި ނިކް ޖޯނަސް އާ ބައްދަލުވެ އޭނާ އާ ލޯބީގެ ގޮތުން ގުޅި ކައިވެނި ކުރުމާ ހަމަޔަށް ތަޖުރިބާ ކުރެވުނު ކަންކަން ވެސް ވަރަށް ތަފްސީލުކޮށް ކިޔައިދީފަ އެވެ.

ފިލްމީ ރޮނގުން ބަލާއިރު ޕްރިޔަންކާގެ އަތުގައި މިހާރު ހުރީ މުޅިން ވެސް ހޮލީވުޑް ފިލްމުތަކެވެ. އެގޮތުން "މެޓްރިކްސް 4" އާއި "ޓެކްސްޓް ފޯ ޔޫ" ގައި ޕްރިޔަންކާ ކުޅޭ ބައި ވަނީ ފުރިހަމަ ކޮށްފަ އެވެ. އަދި "ސިޓަޑެލް" ގެ ޝޫޓިންގް އަށް މި ވަގުތު އޭނާ ހުރީ އިނގިރޭސި ވިލާތުގަ އެވެ.

މި ފިލްމުތަކުގެ އިތުރުން ވެސް ބައެއް ފިލްމުތައް ކުޅެން ޕްރިޔަންކާ އެއްބަސް ވެފައި ވެއެވެ.