ފިނިޕޭޖް

ބްރިޓްނީގެ ފޮތް: ހަފްތާއެއް ތެރޭގައި އެއް މިލިއަން ފޮތް ވިކިއްޖެ

ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާޒް، 41، މެމުއާ އޮކްޓޯބަރު 24 ގައި ރިލީޒްކޮށްފައިވާއިރު ފުރަތަމަ ހަފްތާގައި އޭގެ 1.1 މިލިއަން ފޮތް ވިކިއްޖެ އެވެ.

"ދަ ވުމަން އިން މީ"ގެ މި ކާމިޔާބީ ހާމަކޮށްފައިވަނީ ގެލެރީ ބުކްސްގެ ފަރާތުންނެވެ. މިއީ ބޮޑު ޕަބްލިޝާ ކުންފުންޏެއް ކަމަށްވާ ސައިމަން އެންޑް ޝޫސްޓާގެ ކުންފުންޏެކެވެ.

ގެލެރީ ބުކްސް އިން ބުނީ ވިކިފައިވާ މި އަދަދުގައި ޕްރިންޓްކޮށްފައިވާ ފޮތްތަކާއި، ޕްރީ-އޯޑާ ކޮށްފައިވާ ފޮތްތަކާއި އީބުކްސް އަދި އޯޑިއޯ ބުކްސް ހިމެނޭ ކަމަށެވެ.

މީގެ އޯޑިއޯ ފޮތުގައި ބްރިޓްނީގެ ތައާރަފަކަށްފަހު، ފޮތަށް އަޑުއަޅާފައިވަނީ އެކްޓްރެސް މިޝޭލް ވިލިއަމްސް އެވެ. ގެލެރީ ބުކްސްއިން ބުނީ މި އޯޑިއޯ ފޮތް ވެފައިވަނީ އެ ކުންފުނީގެ ހަޔާތުގައި އެންމެ އަވަހަށް ވިކެން ފެށި ފޮތަށް ކަމަށެވެ. އަދި ޕްރިންޓް ފޮތްތައްވެސް މިހާރު ހަތަރުވަނަ ފަހަރަށް ޗާޕަށް ދީފައިވާ ކަމަށާއި، މި ޗާޕަށްފަހު، ޗާޕު ކުރެވޭ ފޮތުގެ އަދަދު 1.4 މިލިއަން ފޮތަށް އަރާނެ ކަމަށެވެ.

ބްރިޓްނީ ބުނީ އޭނާގެ ހިތާއި ފުރާނަ މި ފޮތަށް ދިން ކަމަށާއި ފޭނުންނާއި ކިޔުންތެރިންގެ މެދުކެނޑުމެއް ސަޕޯޓް ލިބުނީތީ ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ.

މި ފޮތުގައި ބްރިޓްނީގެ ހަޔާތުގައި ދިމާވެފައިވާ ހިތްދަތި އެތައް ކަމެއް ހާމަކޮށްފައިވެ އެވެ. މީގެތެރޭގައި ބްރިޓްނީގެ ބައްޕަ، ކޮންޒަވޭޓާ ދުވަސްވަރު އޭނާއަށް ކާން ދިން ގޮތާއި އޭރު ދިން ކުޑަ ޕޮކެޓް މަނީގެ ވާހަކަ ހިމަނާފައިވެ އެވެ. އަދޮ ބްރިޓްނީ ލަވަ ކިޔަން ފަށައި މަޝްހޫރުވި ދުވަސްވަރު އޭނާގެ ލޯބިވެރިޔަކަށް ހުރި ކުރީގެ ލަވަކިޔުންތެރިޔާ ޖަސްޓިން ޓިމްބާލޭކަށް މާބަނޑުވީ ކަމާއި، ޖަސްޓިން ކުއްޖަކު ބޭނުންނުވުމުން އޭނާ ބުނެގެން ހޮސްޕިޓަލަކަށް ނުގޮސް ދަރިފުޅު ވައްޓާލި ގޮތާއި، ޖަސްޓިން އޭގެ ފަހުން ބްރިޓްނީ ކުއްލިއަކަށް ދޫކޮށްލި ގޮތުގެ މައުލޫމާތު ވެސް ހާމަކޮށްފައިވެ އެވެ.

ބްރިޓްނީގެ މި ފޮތް ނެރުނު ފަހުން ޖަސްޓިން ވަނީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް ޑިލީޓްކޮށްލާފަ އެވެ.

މި ފޮތް ވަނީ ނިއު ޔޯކް ޓައިމްސް، ޔޫއެސްއޭ ޓުޑޭ އަދި އިންޑީ ބުކްސެލާސްގެ "ބެސްޓްސެލާ ލިސްޓް" އަށް އަރާފަ އެވެ.