ފިނިޕޭޖް

ޓޭލާގެ ފިލްމަށް 232 މިލިއަން ޑޮލަރު ލިބިއްޖެ

ގްރެމީ އެވޯޑް ލިބިފައިވާ ޕޮޕް ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ ފިލްމަށް ބޮކްސް އޮފީހުގައި 232 މިލިއަން ޑޮލަރު ލިބިއްޖެ އެވެ.

އޮކްޓޯބަރު 13 ގައި ރިލީޒްކުރި "ޓޭލާ ސްވިފްޓް ދަ އެރާސް ޓުއާ ކޮންސަޓް" ޓިކެޓްތައް އަދިވެސް ދަނީ ވިކެމުންނެވެ.

މި ފިލްމު ހަދާފައިވަނީ 10 މިލިއަނާއި 20 މިލިއަން ޑޮލަރާ ދެމެދުގެ ބަޖެޓަކުންނެވެ.

މި ފިލްމު ރިލީޒްކުރުމުގެ ކުރިންވެސް އެޑްވާންސް ޓިކެޓް ވިއްކައިގެން 100 މިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ހޯދާފައިވާ ކަމަށް އޭއެމްސީއިން ބުނެ އެވެ.

މި ފިލްމުގެ ޓިކެޓް ސޭލްސް ވަނީ އެމެރިކާގައި އެއް ދުވަހު އެންމެ ގިނަ އަދަދެއްގެ ޓިކެޓް ވިކުނު ފިލްމުގެ ރިކޯޑް މުގުރާލާފަ އެވެ.

ދިވެހިރާއްޖެ ހިމެނޭ ގޮތަށް މި ފިލްމު 100 އަށްވުރެ ގިނަ ގައުމުތަކުގެ ތިއޭޓަރުތަކުގައި އަޅުވާފައިވެ އެވެ.

"ޓޭލާ ސްވިފްޓް ދަ އެރާސް ޓުއާ ކޮންސަޓް"ގައި ފެންނާނީ ޓޭލާގެ ރިކޯޑްތައް މުގުރާލާފައިވާ އެރާސް ޓުއާގެ ތިން ޝޯއަކާއި އޭނާގެ ތަޖުރިބާ އެވެ.

ޓޭލާގެ މި ފިލްމު ވަނީ ބޮޑެތި ޑިސްޓްރިބިއުޓާ ކުންފުނިތަކާ ނުލައި ސީދާ އޭއެމްސީ ތިއޭޓާ ކުންފުނި ފަދަ ތިއެޓާ ހިންގާ ފަރާތްތަކަށް ފިލްމު ރިލީޒްކޮށްފަ އެވެ. މީގެ ސަބަބުން ޑިސްޓްރިބިއުޓާ ކުންފުނިތަކުގެ ކޮމިޝަން ސަލާމަތްވެ، ޓިކެޓްތަކުގެ އަގުތައްވެސް ޓޭލާ އަށް ކޮންޓްރޯލް ކުރެވި، ބޮޑު ފައިދާ އެއް ހޯދުނެވެ.