ފިނިޕޭޖް

ކޯޓްނީ އާއި ޓްރޭވިސްއަށް ފިރިހެން ކުއްޖެއް ލިބިއްޖެ

ކޯޓްނީ ކާޑޭޝިއަން 44، އާއި ޓްރޭވިސް ބާކާ 47، އަށް ފިރިހެން ކުއްޖެއް ލިބިއްޖެ އެވެ.

މި ހަބަރު ފުރަތަމަ ހާމަކުރީ ދަ ޕީޕަލް އިންނެވެ. މީގެ ކުރިން ޓްރޭވިސް ބުނެފައިވާ ގޮތުގައި ލިބެން އުޅޭ ދަރިފުޅަށް ކިޔާނީ ރޮކީ ތާޓީން ބާކާ އެވެ.

އައިވީއެފް ހަދައިގެން މާބަނޑުވުމަށް މަސައްކަތް ކުރަނިކޮށް ކޯޓްނީ މާބަނޑުވީ ހަބަރު އޭނާގެ ފިރިމީހާ "ބްލިންކް-182"ގެ ޓްރޭވިސްއާ އެންމެ ފުރަތަމަ ހިއްސާކުރީ ލޮސް އެންޖަލަސްގައި މިދިޔަ ޖޫން މަހު ކުރިއަށްދިޔަ ޓްރޭވިސްގެ ކޮންސެޓެއްގެ ތެރެއިން ކޯޓްނީ އެވެ. އަދި މީގެ ދެ މަސްކުރިން ދަރިފުޅުގެ ފުރާނައަށް ނުރައްކާވެގެން ކޯޓްނީ އެމެޖެންސީކޮށް ސާޖަރީއެއްވެސް ހަދާފައިވެ އެވެ.

މިއީ ކޯޓްނީ އާއި ޓްރޭވިސްއަށް އެކުގައި ލިބޭ ފުރަތަމަ ކުއްޖާ އެވެ. ކޯޓްނީއަށް ކުރީގެ ލޯބިވެރިޔާ -- ސްކޮޓް ޑިސިކްއާ އެކު 13 އަހަރުގެ މޭސަން، 11 އަހަރުގެ ޕެނޯލަޕީ އަދި އަށް އަހަރުގެ ރެއިން ލިބިފައިވެ އެވެ. ޓްރޭވިސް އާއި އޭނާގެ ކުރީގެ އަނބިމީހާ ޝާނާ މޯކްލާއަށް 20 އަހަރުގެ ލެންޑަން އަދި 17 އަހަރުގެ އަލަބާމާ ލިބިފައިވާއިރު 24 އަހަރުގެ ދޮން ދަރި އަތިއާނާ ވެސް ދަރިއެއް ގޮތުގައި ބަލަ އެވެ.

ކޯޓްނީ އާއި ޓްރޭވިސް 2020 ވަނަ އަހަރު ލޯބީގެ ގޮތުން ގުޅި އެންގޭޖުވީ އޮކްޓޯބަރު 2021 ގައެވެ. ފަހުން ލާސް ވޭގަސް ގައި ނުރަސްމީކޮށް ކައިވެނިކުރުމަށްފަހު ކެލިފޯނިއާގެ ކޯޓެއްގައި ކައިވެނި ރަޖިސްޓްރީ ކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ. އަދި އެ މަހު އިޓަލީގައި ކައިވެނި ހަފްލާ ބޭއްވި އެވެ.