ފިނިޕޭޖް

މަނީޝް މަލްހޯތްރާގެ ލެހެންގާއެއްގައި ޖެނިފާ އެނިސްޓަން

ނެޓްފްލިކްސް އިން މިދިޔަ މަހުގެ 30 ވަނަ ދުވަހު ޖެނިފާ އެނިސްޓަން އާއި އެޑަމް ސެންޑްލާގެ "މާޑާ މިސްޓްރީ 2" ގެ ޓްރޭލާ ވަނީ ނެރެފަ އެވެ.

މި ޓްރޭލާގެ ވަކި ހިސާބަކުން ފެންނަނީ އިންޑިއަން ވެޑިންއެއްގެ ތެރެއިން ޖެނިފާވެސް މަޖާކުރާ ތަނެވެ. އަދި ފޭނުންނަށް ފާހަގަވި އެންމެ ބޮޑު ކަމަކީ ޖެނިފާ، ބޮލީވުޑްގެ މަޝްހޫރު ފެޝަން ޑިޒައިނާ މަނީޝް މަލްހޮތްރާގެ ވަރަށް ރީތި އައިވަރީ ލެހެންގާއެއް ލައިގެން ހުރި ކަމެވެ. މި ލެހެންގާ ލައިގެން ޖެނިފާ ހުރީ ޑޭސީ ސްޓައިލަށް ޒީނަތްތެރިވެގެންނެވެ. އަދި ވަރަށް ރީއްޗެވެ.

މިކަމުގެ ސަބަބުން އިންޑިއާގެ ބައެއް މީހުން ވަނީ ޓްވިޓާގައި އުފާފާޅުކޮށްފަ އެވެ. މީގެ ތެރެއިން ފާހަގަކޮށްލެވޭ ޓްވީޓްތަކުގެ ތެރޭގައި ޖެނިފާ އިންޑިއަން ހެދުމުގައި ހުއްޓާ ފެނުމަކީ ދުވަހަކުވެސް ފެންނާނެ ކަމަށް ހީނުކުރާ ކަމެއް ކަމަށާއި ރޭޗަލް ގްރީންއަށް ކޮންމެ އެއްޗެއްވެސް ރީތިކަމާއެކު ލެވިދާނެކަމާއި ދޭސީ ގާލްއަކަށް ވީކަން ހިމެނެ އެވެ.

ހޮލީވުޑް ފިލްމަކަށް ބޮލީވުޑް ޑިޒައިނަރެއްގެ ހެދުމެއް ބޭނުންކުރުމަކީ އެ ޑިޒައިނަރަކަށް ލިބޭ ވަރަށް ބޮޑު ޝަރަފަކާއި މާކެޓިން ޕްރޮމޯޝަނެކެވެ.

މީގެ އިތުރުން މަނީޝް މަލްހޮތްރާވެސް ވަނީ އޭނާގެ އިންސްތަގްރާމް ދެ އަކުންޓަކުން ފޭނުންގެ ޕޯސްޓްތައް ސްޓޯރީއަށް ހިތަކާއެކު ލާފަ އެވެ. މަނީޝްގެ ގިނަ ދުވަސްވީ ރަހްމަތްތެރިއެއް ކަމުގައިވާ ފިލްމް ޑައިރެކްޓަރު ކަރަން ޖޯހަރުވެސް ވަނީ މިކަމަށް ތައުރީފްކޮށްފަ އެވެ.

"މާޑާ މިސްޓްރީ 2" ނެޓްފްލިކްސް އިން ރިލީޒްކުރާނީ އަންނަ މަހުގެ 31 ވަނަ ދުވަހު އެވެ.