ފިނިޕޭޖް

މިލާން ފެޝަން ޝޯގައި ނަތާލިއާ ބްރާޔަންޓް

އިޓަލީގެ މިލާން ފެޝަން ޝޯގައި ލޭކާސްގެ ބާސްކެޓް ބޯޅަ ތަރި ކޯބޭ ބްރާޔަންޓްގެ ދޮށީ ދަރިފުޅު ނަތާލިއާ ބްރާޔަންޓް މޮޑެލްކޮށްފި އެވެ.

މިއީ ނަތާލިއާ، 20، 2021 ގައި އައިއެމްޖީ މޮޑަލްސް އަށް ސޮއި ކުރުމަށްފަހު ރަންވޭގައި ހިނގި ފުރަތަމަ ފެޝަން ޝޯ އެވެ.

އެގޮތުން މިލާން ފެޝަން ޝޯގައި ނަތާލިއާ ރަންވޭ މަތީ ފުރަތަމަ ހިނގީ އިޓަލީގެ ލަގްޒަރީ ބްރޭންޑެއް ކަމުގައިވާ ވަސާޗޭގެ ޝޯގައި ބޮޑު ވީ-ކަރެއް އިން އަތް ކުރު ކަޅުކުލައިގެ މިޑީ ހެދުމެއް ލައިގެންނެވެ. އަދި ނަތާލިއާ އާއެކު ވަސާޗޭ ޝޯގައި ބައިވެރިވީ ފެޝަން އިންޑަސްޓްރީގެ އެންމެ މަޝްހޫރު ސުޕަމޮޑަލުން ކަމުގައިވާ ކްލޯޑިއާ ޝިފާ، ޖީޖީ ހަދީދް އަދި ކެންޑަލް ޖެނާ އެވެ.

ދެން ނަތާލިއާ ހިނގީ ހިއުގޯ ބޮސްގެ ސްޕްރިން/ސަމާ 2024 ޝޯ ގައެވެ. އަދި ލައިގެން ހުރީ ގަދަ ކުލައެއްގެ މައްޗަކާއި ކަޅު ބެލްޓަކާއެކު ޕިން-ސްޓްރައިޕް ސްކާޓެކެވެ. މިއީ ނަތާލިއާގެ ފުރަތަމަ ރަންވޭ ޝޯ ނަމަވެސް މިހާރު އޭނާއަށް ވަނީ އަގް، އައިވީ ޕާކް އަދި ބުލްގާރީ ކެމްޕޭންތަކަށް މޮޑެލްކުރުމަށް ފުރުސަތު ލިބިފަ އެވެ.

ނަތާލިއާ ބުނީ ޑޮނަޓެއްލާ ވަސާޗޭއާ ބައްދަލުވުމާއި މިފަދަ ފުރުސަތެއް ލިބި ބައިވެރިވުމަކީ ބޮޑު ޝަރަފެއް ކަމަށެވެ. އަދި ނަތާލިއާއަށް މި ލިބުނު ކާމިޔާބީގައި މަންމަ ވެނެސާގެ ބޮޑު ދައުރެއް އޮތް ކަމަށެވެ.

ޔުނިވާސިޓީ އޮފް ސަދަން ކެލިފޯނިއާގައި ކިޔަވަމުން އައި ނަތާލިއާ ކިޔެވުން މަޑުޖައްސާލައި، މޮޑެލްކުރުމަށް މިސްރާބް އަނބުރާލީ އޭނާ އަމިއްލަ ކަމެއް ކުރުމަށް ޝައުގުވެރިވެގެންނެވެ.

މިލާން ފެޝަން ވީކްގައި ނައޯމީ ކެމްބެލް، ކޭޓް މޮސް، ބެލާ ހަދީދް، އައިރީނާ ޝޭކް، އޭޝްލީ ގްރޭމް، ކާލާ ބްރޫނީ، އަޑުޓް އަކެޗް، ލޮޓާ ވޮލްކޯވާ އަދި ވިތޯރިއާ ޗެރެޓީ ފަދަ މަޝްހޫރު މޮޑަލުން ރަންވޭގައި ހިނގާފައިވެ އެވެ.