ފިނިޕޭޖް

ތިއަރީ މޫގްލެއާ ޝޯގައި އެންޖެލާ ބެސެޓް

ޕެރިސް ފެޝަން ވީކްގެ ތިއަރީ މޫގްލެއާ ސްޕްރިން 2024 ޝޯގައި ކުޅަދާނަ އެކްޓްރެސް އެންޖެލާ ބެސެޓް މޮޑެލްކޮށްފި އެވެ.

މިއީ 65 އަހަރުގެ އެންޖެލާ ރަންވޭގައި ހިނގި ފުރަތަމަ ފަހަރެވެ.

އެގޮތުން ފްރާންސްގެ ލަގްޒަރީ ބްރޭންޑް މޫގްލެއާ އަށް ކޭސީ ކެޑްވެލެޑާ ޑިޒައިން ކުރި ސްޕްރިން 2024 ކަލެކްޝަން ދައްކައިދޭ މިޝޯގައި އެންޖެލާ މޮޑެލްކޮށްފައިވަނީ ކަޅުކުލައިގެ ތުނި ގައުން އެއްގައެވެ.

މި ގައުން އަކީ ކަށި މައްޗާ ހަމައަށް ހުރި، ކޮނޑުން ކޮނޑަށް ސީދާ ކަރެއް ލާފައި، ވަރަށް ބޮޑަށް ވިހުރުވޭ އަތަކާއި ޓްރޭންއެއް ލާފަ ހުރި ގައުން އެކެވެ. އެތެރޭން އެންޖެލާ ލާފައި ހުރީ ވީކަރެއް ހިމެނޭ ބޮޑީ ސޫޓެކެވެ.

މޫގްލެއާ ސްޕްރިން 2024 ޝޯގައި ރަންވޭ މަތިން އެންޖެލާގެ ކުރިން ހިނގީ ޕެރިސް ހިލްޓަން އެވެ. މީގެ އިތުރުން އައިރީނާ ޝޭކް، ކޮނީ ފްލެމިން، އެމްބާ ވެލެޔާ، ހެލީނާ ކްރިސްޓެންސަން ފަދަ މަޝްހޫރު މޮޑެލުންވެސް މި ޝޯގައި މޮޑެލްކޮށްފައިވެ އެވެ.

މާވެލްގެ "ބްލެކް ޕެންތާ"ގެ ދެ ފިލްމުގައި ކުއީން ރަމޮންޑާގެ ރޯލު އަދާކޮށްފައިވާ އެންޖެލާ އަކީ ދެ ފަހަރަށް އެކަޑަމީ އެވޯޑަށް ނޮމިނޭޓްވުމުގެ އިތުރުން ދެ ގޯލްޑަން ގްލޯބް އެވޯޑް ލިބިފައިވާ އެކްޓްރެސް އެކެވެ. އަދި އޭނާ އަކީ މާވެލް އެކްސްޓެންޑެޑް ޔުނިވާސްގެ ފިލްމެއްގެ ރޯލަކަށް އެކަޑަމީ އެވޯޑަށް ނޮމިނޭޓްވި ފުރަތަމަ މީހާ އެވެ.