ފިނިޕޭޖް

އޭޝްލީ އޯލްސަންއަށް ފުރަތަމަ ފަހަރަށް ދަރިއަކު ލިބިއްޖެ

ކުރީގެ އެކްޓްރެސް އަދި މިހާރުގެ ފެޝަން ޑިޒައިނާ އޮލްސަން ޓްވިންސްގެ އޭޝްލީ އޯލްސަން، 37، މަންމައަކަށް ވެއްޖެ އެވެ.

އޭޝްލީ އަށާއި ފިރިމީހާ ލުއީ އައިސްނާ، 34، އަށް ލިބުނީ ފިރިހެން ކުއްޖެކެވެ. މި ކުއްޖާއަށް ކީ ނަމަކީ އޯޓޯ އެވެ. މިއީ މެ ދެމަފިރިންގެ ފުރަތަމަ ދަރިފުޅެވެ.

މި ހަބަރު އެންމެ ކުރިން އާންމުކުރި ޓީއެމްޒީއިންނެވެ. އޭޝްލީއަށް ދަރިފުޅު ލިބުނީ ކޮންއިރަކު ކަމެއް ކަށަވަރުވެފައި ނުވާއިރު، ޓީއެމްޒީއިން ބުނީ މީގެ މަސްތަކެއް ކުރިން ދަރިފުޅު ލިބިފައިވާ ކަމަށެވެ.

މި ދެމަފިރިންނަކީ އެމީހުންގެ ޒާތީ ކަންތައްތައް ވަރަށް ޕްރައިވެޓްކޮށް ބަހައްޓަން ބޭނުންވާ ބައެކެވެ.

އޭޝްލީ އާއި ލުއީ ލޯބީގެ ގޮތުން ގުޅުނީ 2017 ގައެވެ. އަދި ކައިވެނި ކުރީ ޑިސެމްބަރ 2022 ގައި އޮތް ވަރަށް ޕްރައިވެޓް ހަފްލާއެއް ގައެވެ. މި ހަފްލާގައި ބައިވެރިވީ ވަރަށް ގާތް އާއިލާގެ މެންބަރުންނާއި ރައްޓެހިން ހިމެނޭ ގޮތަށް 50 އަށް ގެސްޓުންނެވެ.

މޭރީ-ކޭޓް އާއި އޭޝްލީ އަކީ ތުއްތު އިރުއްސުރެއް ޓީވީން ފެންނަމުން އައި މޫނުތަކެކެވެ. މި ގޮތުން މި ޓްވިންސްގެ ފާހަގަކޮށްލެވޭ ސީރީޒް އަދި ފިލްމުތަކުގެ ތެރޭގައި "ފުލް ހައުސް"، "އެޑްވެންޗާސް އޮފް މޭރީ-ކޭޓް އެންޑް އޭޝްލީ"، "ޕާސްޕޯޓް ޓު ޕެރިސް"، "ހޮލިޑޭ އިން ދަ ސަން"، "ނިއު ޔޯކް މިނެޓް"، "ވެން އިން ރޯމް" ފަދަ ޕްރޮޖެކްޓްތައް ހިމެނެ އެވެ.