ޑިޒައިނާ ސްޓެލާ މެކްކާޓްނީގެ ވިންޓާ 2023 ކެމްޕޭންގެ މޫނަކީ ކެންޑަލް ޖެނާ އެވެ.
މިއީ ކެންޑަލް، 27، އެ ޑިޒައިންއާ ކޮލޭބޮރޭޓްކުރާ ފުރަތަމަ ފަހަރެވެ.
މި ކެމްޕޭންގެ ފޮޓޯތައް ނަގާފައިވަނީ ފްރާންސްގެ ރީތި ކާމަގް ސޯލްޓް ފްލެޓްސް ގައެވެ.
މި ފޮޓޯތަކުން ކެންޑަލްއާ އެކު ފެންނަނީ އެ ސަރަހައްދުގެ މަޝްހޫރު ހުދު ކުލައިގެ އަސްތަކެކެވެ. ބައެއް ފޮޓޯގައި ކެންޑަލް އަސްދުއްވާ ގޮތަށްވެސް ފެނެ އެވެ.
މި އަހުގެ ބާރު ދައްކުވައިދޭ، "ހޯސް ޕަވާ" ތީމްގެ ކަލެކްޝަންގެ ފޮޓޯތައް އެންމެ ފުރަތަމަ ދައްކާލާފައިވަނީ ޕެރިސް ފެޝަން ވީކް ގައެވެ.
މިއީ އެ ބްރޭންޑްގެ އެންމެ "ތިމާވެއްޓާ ރަށްޓެހި" ވިންޓާ ކަލެކްޝަން ކަމަށް ބުނެ އެވެ. މި ކަލެކްޝަންގެ ހެދުން ހަދާފައިވާ ފޭރާމާއި މެޓީރިއަލް އަކީ 92 ޕަސަންޓް ކޮންޝަސް މެޓީރިއަލް އިން ހަދާފައިވާ ހެދުން ކަމަށާއި އެނިމަލް ޕްރިންޓް ހުރި ޕީސްތައް ހުރި ނަމަވެސް، ޖަނަވާރުން ހަދާފައިވާ ލެދާ އަދި ފިޔަ އާއި ކެހެރިގަނޑުން ހަދާފައިވާ ކޯޓާއި ހެދުން ނުހިމެނޭނެ ކަމަށްވެސް ބުނެފައިވެ އެވެ.
މި ކަލެކްޝަންގެ ދެވަނަ ފޭސްގައިވެސް އަހާއި ގުޅުވައިގެން ކަލެކްޝަން ނެރޭނެ ކަމަށް އެ ބްރޭންޑުން ބުނެ އެވެ.
ސްޓެލާ މެކްކާޓްނީ ބްރޭންޑްގެ ފައުންޑާ ސްޓެލާ މެކްކާޓްނީ ބުނީ ކެންޑަލް ނެގި ސަބަބަކީ އޭނާ އަސްދެކެ ލޯބިވާ ފަދައިން އަސް ދެކެ ލޯބިވާ މޮޑެލްއެއް ހޯދުމުގެ ބޭނުމުގައެވެ. އަދި އެ ފޮޓޯތަކުން ކެންޑަލްގެ ހިތުގައި ސްޓެލާ ފަދައިން އަސްތަކަށް ހުރި ލޯތްބާއި ގުޅުން ސާފުކޮށް ފެންނާނެ ކަމަށް ސްޓެލާ ބުންޏެވެ.
ކެންޑަލް އަކީ އަސްދުއްވުމަށް ކުޑަ އިރުއްސުރެއް ލޯބިކުރާ މީހެކެވެ. އަދި އޭނާގެ މިލްކިއްޔާތުގައި ހަތަރު އަސް އޮވެ އެވެ.
މި ކަލެކްޝަންގެ ރެޑީ-ވެއާ ޕީސްތައް މިހާރު އެ ބްރޭންޑްގެ އޮންލައިން ފިހާރައިން ލިބެން ހުންނާނެ އެވެ.