ފިނިޕޭޖް

މާވެލްއާ ގުޅިގެން ލޫބުޓިންގެ ކަލެކްޝަނެއް ނެރެފި

ޑިޒްނީގެ 100 ވަނަ އަހަރީ ދުވަހާ ގުޅިގެން، ޑިޒްނީގެ ކުންފުންޏެއް ކަމުގައިވާ މާވެލް ސްޓޫޑިއޯ އާއި ލަގްޒަރީ ޑިޒައިނާ ބްރޭންޑް ކްރިސްޓިއަން ލޫބުޓިން މާވެލް ޔުނިވާސް ލިމިޓަޑް ކަލެކްޝަނެއް ނެރެފި އެވެ.

ހަތާވީސް އައިޓަމްގެ މި ކަލެކްޝަންގައި މާވެލް ސިނަމެޓިކް ޔުނިވާސްއިން އިންސްޕަޔާވެގެން ހަދާފައިވާ މި ކަލެކްޝަންގައި އަންހުންނަށާއި ފިރިހެނުން އަދި ކުޑަކުދިންނަށް ފައިވާނާއި ބޫޓް އަދި ދަބަސް އެކުލެވިގެންވެ އެވެ.

އެގޮތުން އިންފިނިޓީ ސްޓޯންސް އަދި ލޫބުޓިންގެ ސިގްނޭޗާ ސްޕައިކް އިން ޒީނަތްތެރިކޮށްފައިވާ ފައިވާނާއި ބޫޓާއި ދަބަސް ހިމެނޭއިރު، "ދަ މާވެލްސް"، "ޝަންގް-ޗީ އެންޑް ދަ ލެޖެންޑް އޮފް ދަ ޓެން ރިންގްސް"، "ބްލެކް ވިޑޯ"، "ބްލެކް ޕެންތާ: ވަކަންޑާ ފޮއެވާ"، "ހަލްކް"، "މޫން ނައިޓް" ފަދަ ފިލްމްތަކުގެ އިންސްޕިރޭޝަން ފެނެ އެވެ.

މި ކަލެކްޝަންގެ އައިޓަމްތަކުގެ އަގުތައް އުޅެނީ 590 ޑޮލަރުން ފެށިގެން 3،995 ޑޮލަރާ ދެމެދު ގައެވެ.

މީގެ އިތުރުން "ދަ ލުބިވާސް އެކްސްޕްލޯޑްސް"ގެ ނަމުގައި ލޫބުޓިން އާއި މާވެލް ވަނީ ކޮމިކެއްވެސް ނެރެފަ އެވެ. އޭގައި ލޫބުޓިންގެ މައްޗަށް ބިނާކޮށްފައިވާ "ލޫބީ" ކިޔާ ސުޕަހީރޯއެއް އުޅެ އެވެ.

މާވެލް ތަފާތު އެކި ބްރޭންޑްތަކާ ކޮލޭބޮރޭޓް ކުރަމުން އައި ކަމުގައިވީ ނަމަވެސް މިއީ ލަގްޒަރީ ބްރޭންޑަކާ އެކު މާވެލް ކޮލޭބޮރޭޓް ކުރި ފުރަތަމަ ފަހަރެވެ.

އެހެން ނަމަވެސް ލޫބުޓިން އަކީ ޑިޒްނީއަށް އާ ޑިޒައިނަރެއް ނޫނެވެ. އޭނާ ޑިޒްނީ ފިލްމަކަށް އެންމެ ފުރަތަމަ ކޮލޭބޮރޭޓް ކުރީ 1997 ގައި ރިލީޒްކުރި "101 ޑެލްމޭޝިއަންސް" އަށެވެ.