ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިޝްކާގެ މަރު

މިޝްކާގެ މަރު: ހުރިހާ މަރުހަލާއެއްގައި އިހުމާލު

މި މަހުގެ ދެވަނަ ދުވަހު ކޮވިޑް ބަލީގައި މަރުވި ފާތިމަތު މިޝްކާއަށް ފަރުވާ ދިނުމުގައި ފެށުނީއްސުރެ ގޯސް ހަދާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ހެލްތު މިނިސްޓްރީން އެހެން ބުނެފައި ވަނީ މިއަދު ނެރެފައިވާ މިޝްކާގެ މަރުގެ ތަހުގީގު ރިޕޯޓްގަ އެވެ. އެ ރިޕޯޓްގައި ބުނީ އެޗްއީއޯސީން އެންމެ ފުރަތަމަ ކުއްޖާގެ މައުލޫމާތު ނަގަން ގުޅިއިރު ބެލެނިވެރިޔާ ކޮންސަލްޓޭޝަނަކަށް އެދިފައި ވީނަމަވެސް އެޗްއީއޯސީގައި ބޭނުންކުރާ އައުޓް ބްރޭކް ސިސްޓަމަށް ކުއްޖާގެ މައުލޫމާތު އެންޓާ ކުރިއިރު ކޮންސަލްޓޭޝަންއެއް ބޭނުންކަން ފާހަގަކޮށްފައި ނުވާކަމަށާ ބެލެނިވެރިޔާއާ އެޗްއީއޯސީން ގުޅިއިރު އެއްވެސް ވަރަކަށް މިޝްކާއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަން ފާހަގަކޮށްފައި ނުވާ ކަމަށެވެ.

މިޝްކާއަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި އެމަޖެންސީ ހާލަތެއްކަން ކޯލް ސެންޓަރުންނާއި އެޗްއީއޯސީގައި މަސައްކަތްކުރަމުންދާ މެޑިކަލް ރެސްޕޯންސް ޓީމް (ޑީއެމްއާރްޓީ) އިން ބެލިފައި ނެތުމުން ފަރުވާއަށް ދިއުމަށާއި އަދި ފަރުވާ ފޯރުކޮށް ދިނުމުގައި އެކަށީގެންނުވާ ލަސްތަކެއް ވެފައިވާކަމަށް އެ ރިޕޯޓްގައި ބުނެފައި ވެއެވެ.

މިޝްކާއަށް އެޗްއީއޯސީ އިން ދޭންޖެހޭ ފަރުވާ ފޯރުކޮށް ދިނުމުގެ ހުރިހާ މަރުހަލާއެއްގައި ބޮޑެތި ލަސްތަކެއްވެފައިވާ ކަމަށާއި އަދި ޑީއެމްއާރްޓީއިން އޮންލައިން ކޮންސަލްޓޭޝަން ހެދުމުގައި ބެލި ޑޮކްޓަރުންވެސް މިޝްކާގެ ހާލަތު އެންމެ ރަނގަޅަށް ދެނެގަނެފައި ނުވާ ކަމަށެވެ.

ހެލްތު މިނިސްޓްރީން ރިޕޯޓްގައި އިތުރަށް ބުނެފައި ވަނީ ކުއްޖާގެ ބެލެނިވެރިޔާ އާއި ޑީއެމްއާރްޓީގެ ޑޮކްޓަރާ ދެމެދު ކުރި މުއާމަލާތުގައި އެކުއްޖާ ބަލާދާނެ ކަމަށް ގަބޫލު ކުރެވިފައިވާކަން ކުއްޖާގެ ބައްޕަ ކޯލް ސެންޓަރުގެ އެޖެންޓުންނާ ކޮށްފައިވާ ކޯލްތަކުގެ ލޮގްތަކުން ދޭހަވާ ކަމަށެވެ. އަދި ކޯލް ސެންޓަރުން މިޝްކާގެ އާއިލާއާ ކޮށްފައިވާ މުއާމަލާތްތަކުން ތަކުރާރުކޮށް ކުއްޖާ ބަލާ ފޮނުވާ ކަމަށް
ދޭހަވާ އިބާރާތުން މުއާމަލާތް ކޮށްފައިވާ ކަން ފާހަގަ ކުރެވޭ ކަމަށެވެ.

އެހެންނަމަވެސް އެރޭ 11:32 (އީއެމްއެސްއަށް ކޯލްކުރި ގަޑި) އާ ހަމައަށް އެއްވެސް ފަރާތަކުން ކުއްޖާ ބަލާ ދިއުމަށް އެންބިއުލަންސް ޓްރިގާކޮށްފައި ނުވާއިރު އެޗްއީއޯސީގެ ކޯލް ސެންޓަރުން ކޯލްތަކަށް ޖަވާބު ދިން ފަރާތްތަކުން ކުއްޖާގެ ހާލަތުގެ ސީރިއަސްކަމާއި ހާލަތަށް އައި ބަދަލު ދެނެގަނެވިފައިވެސް ނެތް ކަމަށެވެ. އެ މައުލޫމާތު ފުރިހަމައަށް ލޮގްކޮށް ހުރިހާ ކޯލްތައް ހިއްސާ ކުރަން ހަމަޖެހިފައިވާ ގޮތަށް ހިއްސާކޮށްފައި ނުވާ ކަން ވެސް ފާހަގަކޮށްފައި ވެއެވެ.

އެ ހާދިސާގައި އެޓެންޑް ވާންޖެހޭ ފަރާތްތަކުން ފަރުވާތެރިކަމާއެކު އެކަށީގެންވާ ވަގުތުގެ ތެރޭގައި އެޓެންޑްވެފައި ވާނަމަ އެހާދިސާ ހިނގުމަކީ ނާދިރު ކަމެއް ކަމަށާއި އެފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް ރިވިއުއިން ފާހަގަ ކޮށްފައިވާ ކަންކަން އިސްލާހު ކުރުމުގެ މަސައްކަތްފަށާފައިވާ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.

އަދި އެ ހާދިސާ ދިމާވުމަށް މެދުވެރިވި އެކިއެކި ކަންކަމަކީ ފެށުނީއްސުރެ ސިސްޓަމުގައި ހުރި މައްސަލަތައްކަން ވަނީ ފާހަގަ ކޮށްފައެވެ. އަދި ކުރިން ކޮވިޑް ކޭސްތަކުގެ އަދަދު ހިފެހެއްޓިފައިހުރި މިންވަރުގެ ސަބަބުން އެ ފަދަ މައްސަލަތައް ފެންމަތި ނުވީ ކަމަށް ރިޕޯޓްގައިވެއެވެ.

"ސިސްޓަމްގައި އެކުލެވިގެންވާ އެކިއެކި ބައިތަކާއި މަރުހަލާތަކުގައި ހުރި މައްސަލަތައް ވަކިން ހާއްސަ ގޮތެއްގައި އާދަޔާ ހިލާފަށް ކޭސްތައް އިތުރުވެގެން އަންނައިރު ދިމާވާ ނިޒާމީ މައްސަލަތައް ވަނީ ދެނެގަނެވި އެކަންކަން ރަނގަޅު ކުރަން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަށާފައި. ހެދިފައިވާ ރިވިއުއިން ލިބިފައިވާ މައުލޫމާތަށް ބެލުމަށްފަހު ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާ މެދު ހެލްތު މިނިސްޓްރީން ފިޔަވަޅު އެޅުމަށްވަނީ ހަމަޖެހިފައި،" އެ ރިޕޯޓުގައި ވެއެވެ.

މިނިސްޓްރީން ބުނެފައި ވަނީ އެ ހާދިސާ ރިވިއު ކުރުމުގައި ކޮވިޑް ބައްޔަށް ޕޮޒިޓިވްވާ ފަރާތްތަކަށް އެޗްއީއޯސީއިން ފޯރުކޮށްދޭންޖެހޭ ސިއްހީ ހިދުމަތްތައް ދިނުމުގައި އާންމުކޮށް ގެންގުޅޭ އުސޫލުތައް ބެލުމުގެ އިތުރުން އެ ހާދިސާއާއި ގުޅުންހުރި ހުރިހާ ފަރާތްތަކާއި ވާހަކަދެއްކި ކަމަށެވެ. އަދި އެޗްއީއޯސީގެ ކްލަސްޓާތަކާ ހަވާލުވެ ތިއްބެވި ފަރާތްތަކުގެ އިތުރުން ބެލެނިވެރިޔާއާ އިންޓަވިއު ކުރެވިފައިވާ ކަމަށެވެ.

މިޝްކާގެ މަރުގެ މައްސަލަ ފުލުހުން ވެސް އަންނަނީ ބަލަމުންނެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިމަހުގެ 14 ވަނަ ދުވަހު ހިއުމަން ރައިޓްސް ކޮމިޝަނުންނެވެ. މިޝްކާގެ މަރުގެ މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޝަން ވެސް ގެންދަނީ ބަލަމުންނެވެ.