އަހުމަދު ނަސީމް

އެމްބިއުލާންސަށް ވަކި އިދާރާއެއް އުފައްދަނީ

އެމްބިއުލާންސްގެ ހިދުމަތް ދޭން ވަކި މުއައްއްސަސާއެއް އުފައްދަން ނިންމަވާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގައި ހެލްތު މިނިސްޓަރު މިއަދު ވިދާޅުވީ ރާއްޖޭގެ ބޮޑެތި ހުރިހާ ރަށެއްގައި ވެސް އެމްބިއުލާންސްތައް މިހާރު ވެސް އޮންނާނެ ކަމަށާއި ނަމަވެސް އެ އެމްބިއުލާންސްތައް ބެލެހެއްޓުމުގެ އިންތިޒާމެއް މިހާތަނަށް ވެސް ހަމަޖެހިފައި ނެތް ކަމަށެވެ. އަދި މިހާރު އޮންނަ އުސޫލުގެ ތެރެއިން ހެލްތު މިނިސްޓްރީއަށް އެކަން ނުކުރެވޭ ކަމަށެވެ.

އަތޮޅުތަކުގެ ތެރޭގައި އެމްބިއުލާންސްތައް ސާވިސް ކުރަން ގޮންޖެހުންތައް ހުރިކަން ވެސް މިނިސްޓަރު ފާހަަގަ ކުރެއްވި އެވެ. އެގޮތުން މިހާރު ވެސް އަތޮޅުތަކުން 13 އެމްބިއުލާންސް ސާވިސް ކުރަން މާލެ ގެނެސްފައިވާ ކަަމަށް ވިދާޅުވި އެވެ.

"އެއްވެސް އެއްޗަކަށް ފައިލެއް ހެދިފައެއް އޮންނަނީއެއް ނޫން. ކޮން އިރަކުތޯ ސާވިސް ކުރީ. ކޮންއިރަކުތޯ ތެޔޮ ބަދަލު ކުރީ. މިހާރު މިތަނުގައި މާލޭގައި ގެންގުޅޭ އެމްބިއުލާންސަށް އަޅުގަނޑުމެން އޮންނާނީ ފައިލް ހަދާފައި. އޭގައި ހުރި މައްސަލަތަކާ އެއްޗެތި އޮޅުން ފިލާ ގޮތަށް. މިކަހަލަ ގޮތަކަށް އިންތިޒާމް ކޮށްގެން ނޫނީ މިކަމެއް ނުވާނެ. އަސްލު ހަގީގަތުގައި އެމްބިއުލާންސް ހިދުމަތާބެހޭ ވަކި މުއައްސަސާއެއް އެބަ އުފެދެން ޖެހޭ." ނަސީމް ވިދާޅުވި އެވެ.

ނަސީމް ވިދާޅުވީ އެ މުއްއްސަސާއެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާ ވާހަކަފުޅު ދައްކަވައި އޭނާގެ ރުހުން ވެސް ހޯއްދަވާފައިވާ ކަމަށެވެ.

"ހެލްތު މިނިސްޓްރީން ކުރަން ޖެހޭ ކަމެއް ނޫން އެމްބިއުލެންސް ދުއްވާ ބެލެހެއްޓުމަކީ. އެހެންވީމާ އެކަމަށް ވަކި ހާއްސަ ޔުނިޓެއް އިންނަން ޖެހޭ އަދި އެ ޔުނިޓަކީ އިންޑެޕެންޓެންޑް ޔުނިޓަކަށް ވާން ޖެހޭ. އެއީ ވިޔަފާރި ކުންފުންޏެއް ނޫން. އެހެން ނަމަވެސް ހިދުމަތެއް އަދާ ކުރާ އެންޓިޓީއަކަށް ވާނެ. އެގޮތަށް މަސައްކަތް ކުރާނީ، އެކަން ތަންފީޒު ކުރަމުން މިދަނީ އިނގޭތޯ" އޭނާ ވިދާޅުވި އެވެ.