ގދ. ތިނަދޫ

ތިނަދޫ ޓާޝަރީ ހޮސްޕިޓަލް: މިހާރު ކުރިއަށް ދަނީ ޑިޒައިން މަސައްކަތް

ގދ. ތިނަދޫގައި އެޅުމަށް ހަމަޖެހިފައިވާ ޓާޝަރީ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް، މިހާރު ކުރަމުންދާ އެ ހޮސްޕިޓަލްގެ ޑިޒައިން މަސައްކަތްތައް ނިމުމުން ފެށޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ތިނަދޫގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ޓާޝަރީ ހޮސްޕިޓަލާއި ގުޅޭ ގޮތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޢުނީ ކުރެއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގައި މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ މިހާރު ކުރިއަށްދަނީ ޑިޒައިން މަސައްކަތް ކަމަށެވެ.

"ޑިޒައިންގެ މަސައްކަތް ނިމުނުހާ އަވަހަކަށް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފެށިގެން ދާނެ،" ނަސީމް ވިދާޅުވި އެވެ.

ހެލްތް މިނިސްޓްރީން ނިންމާފައިވަނީ ތިނަދޫގައި މިހާރު ހުރި ޑރ. އަބުދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރުމަށެވެ.

ހެލްތް މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުން އެ ހޮސްޕިޓަލަކީ މުޅިން އާ ކޮންސެޕްޓަކަށް ވަކި ބިމެއްގައި ހަދާ އިމާރާތެކެވެ. އަދި އެ ހޮސްޕިޓަލް އަޅާނީ އިންޓަނޭޝަނަލް ފެންވަރުގައި ތިމާވެއްޓާ ވެސް ރައްޓެހި ގޮތަކަށް ކަމަށްވެސް ބުނެފައިވެ އެވެ.

ވަކި ބިމެއްގައި ޓާޝަރީ ހޮސްޕިޓަލް އަޅަން ނިންމާފައި ވަނީ ތިނަދޫ ޑރ. އަބުދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް މިހާރު ހުރި އިމާރާތް ބޮޑު ކުރެވޭނެ ގޮތެއް ނެތުމުންނެވެ.

އަބުދުއް ސަމަދު ޓާޝަރީ ހޮސްޕިޓަލް ހުޅުވާއިރު މަދުވެގެން 100 އެނދު ހުންނާނެ އެވެ.