ގދ. ތިނަދޫ

ތިނަދޫއަށް ފޮނުވާ ޑޮކްޓަރުން ފިލާ މައްސަލަ ބޮޑުވެފައި

ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ފޮނުވާ ޑޮކްޓަރުން ފިލާ މައްސަލަ ވަރަށް ބޮޑުވެފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެ އެެވެ.

ގދ. ތިނަދޫގައި އަޅަން ނިންމާފައިވާ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ނުފެށި ލަސްވާތީ އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމަށް ނަސީމް މިއަދު ވަނީ މަޖިލީހަށް ހާޒިރު ކޮށްފަ އެވެ. އަދި މިހާރު ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ހޭނައްތާ ޑޮކްޓަރެއް ހަރުނުލާތީވެސް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ ސުވާލު ކުރެއްވި އެވެ.

މުޣުނީ ސުވާލަށް ޖަވާބު ދެއްވައި ނަސީމް ވިދާޅުވީ ތިނަދޫ ހޮސްޕިޓަލަށް މި ފަހުންވެސް ފަސް ޑޮކްޓަރުން ފޮނުވި ކަމަށާއި އެހެންނަމަވެސް އެ ފަސް ޑޮކްޓަރުން ވެސް ފިލައިގެން ގޮސްފައިވާ ކަމަށެވެ.

ނަސީމް ވިދާޅުވީ ޑޮކްޓަރުން ފިލާ މައްސަލަ ބޮޑުވެގެން އެ މީހުން އެއާޕޯޓުން ހުއްޓުވަން އިމިގްރޭޝަނާ ގުޅިގެން އިންތިޒާމްތައް ވެސް ހަމަޖެއްސެވި ކަމަށެވެ.

ޑޮކްޓަރުން ކުއްލިއަކަށް ފިލުމުން ބޮޑެތި ގެއްލުންތައް ވަމުންދާކަން ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އެއީ އެމީހުންގެ ފަރާތުން ލިބެން ޖެހޭ އުޖޫރަތަކެއް ވެސް އެބަހުރޭ. އެއީ އަޅުގަނޑުމެން އެތައް ހަރަދެއް ކޮށްގެން އެ މީހުން ގެންނަނީ. އެެހެންވީމާ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް ޑޮކްޓަރުން ފޮނުވާ ރަށްރަށުގެ ހޮސްޕިޓަލްތަކުން އެ މީހުންނަށް ވާނުވާ ގޮތް ބޮޑަށް ބައްލަވައި ގާތުން މަސައްކަތް ކޮށްދިނުން. އިރާދަކުރެއްވިއްޔާ ދެން ފުރައިގެނެއް ނުދެވޭނެ،" ނަސީމް ވިދާޅުވި އެވެ.

ތިނަދޫގެ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތާ ގުޅޭ ގޮތުން ނަސީމް ވިދާޅުވީ އެ ހޮސްޕިޓަލް އެޅުމަށް މިހާރު ކުވެއިތު ފަންޑުން ލޯނު ވެސް ހަަމަޖެހިފައިވާ ކަމަށެވެ. އެ އިމާރާތުގެ ޑިޒައިންގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށާއި އަދި ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް މިއަހަރުގެ ދެވަނަ ކުއާޓާގެ ފަހު ބައިގައި ޓެންޑާ ކުރެވޭނެ ކަމަށެވެ.