އާބާދީ ބޮޑެތި ރަށްތަކުގައި ޕްރައިވެޓް ހޮސްޕިޓަލްތައް އަޅަން ޖެހޭ ކަަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާާޅުވެއްޖެ އެވެ.
ގދ. ތިނަދޫގައި އަޅަން ނިންމާފައިވާ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ނުފެށި ލަސްވާތީ އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމަށް ނަސީމް މިއަދު ވަނީ މަޖިލީހަށް ހާޒިރު ކޮށްފަ އެވެ. އަދި މި ފުރުސަތުގެ ތެރެއިން އެހެން މެމްބަރުންވެސް އިތުރު ސުވާލުތައް މިނިސްޓަރާ ކުރެއްވި އެވެ.
އެގޮތުން ރަށްރަށުގައި ޕްރައިވެޓް ހޮސްޕިޓަލްތަައް އެޅުމާ ގުޅޭ ގޮތުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ސުވާލު ކުރެއްވި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ނަސީމް ވިދާޅުވީ ސިއްހީ ހިދުމަތްތައް ދޭން ޖެހޭނީ ހަމައެކަނި ސަރުކާރުން ކަމަށް އެއްގޮތަކަށް ވެސް ދެކެވަޑައިނުގަންނަވާ ކަމަށާއި އަދި ރަށްރަށުގައި ޕްރައިވެޓް ހޮސްޕިޓަލްތައް އަޅަން އެއްވެސް ހުރަހެއްވެސް ނޯންނާނެ ކަމަށާއި އަދި އެފަދަ ދިރާސާތައް ވެސް ކުރަމުންދާ ކަމަށެެވެ.
މިނިސްޓަރު ވިދާޅުވީ ބޮޑެތި ރަށްރަށުގައި ޕްރައިވެޓް ހޮސްޕިޓަލްތައް ނެތުމަކީ ވަރަށް ދެރަަކަމެއް ކަމަށާއި އަދި އަދި ސަރުކާރުން ގަބޫލު ކުރާަ މިންގަނޑަށް ފެތޭގޮތަށް ހޮސްޕިޓަލްތައް އަޅަން ނިންމައިފިނަމަ އެކަމަށް ހުއްދަ ދޭނެ ކަަމަށެެވެ.
"އަޅުގަނޑުމެން މިކަން ކުރަނީ ކަައުންސިލްތަކުގެ ލަފަޔާވެސް އެކީގައި. އޭގައި ވަކި ސްޓޭންޑަޑްތަކެއް ހުންނާނެ. އެ ގޮތަށް އަޅުގަނޑުމެން ކުރިއަށް ގެންދާނަން." ނަސީމް ވިދާޅުވި އެވެ.
އާބާދީ ބޮޑެތި ރަށްތަކުގައި ޕްރައިވެޓް ހޮސްޕިޓަލްތައް ނެތް ނަމަވެސް އެފަދަ ރަށްތަކުގައި ޕްރައިވެޓް ކްލިނިކްތައް މިހާރުވެސް ހުރެ އެވެ. އަދި އިތުރު ކްލިނިކްތައްވެސް ބޮޑެތި ރަށްތަކުގައި އެޅުމަށް ވެސް ބައެއް ކުންފުނިތަކުން މިހާރު ދަނީ މަސައްކަތް ކުރަމުން ނެވެ.
މާލޭގައި މިހާރު ވެސް ޕްރައިވެޓް ހޮސްޕިޓަލްތަކުން ހިދުމަތްދޭ އިރު ބޮޑު ޑިމާަންޑެއް އޮވެއެވެ.