ރާއްޖޭގެ ތިން ސަރަހައްދެއްގައި ވެކްސިން ރައްކާކުރަން ސެންޓަރުތަކެއް ގާއިމުކުރަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ގދ. ތިނަދޫގައި އަޅަން ނިންމާފައިވާ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ނުފެށި ލަސްވާތީ އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމަށް ނަސީމް މިއަދު ވަނީ މަޖިލީހަށް ހާޒިރު ކޮށްފަ އެވެ. އަދި އެ ސުވާލަށް ފަހު ސިއްހީ ދާއިރާގެ ޕްރޮޖެކްޓްތަކާ ގުޅޭ އަޕްޑޭޓެއް ވެސް ނަސީމް ދެއްވި އެވެ.
ނަސީމް ވިދާޅުވީ ވޯލްޑް ބޭންކްގެ ލޯންގެ އެހީގައި ރާައްޖޭގެ ތިން ސަރަހައްދެއްގައި ވެކްސިން ރައްކާކުރާނެ ސެންޓަރުތައް ގާއިމުކުރާނެ ކަމަށެވެ.
އެގޮތުން މާލޭ ސަރަަހައްދުގައ ހުޅުމާލޭ އަދި އުތުރުން ށ. ކޮމަންޑޫ އަދި ދެކުނުން ގދ. ގައްދޫގައި ވެކްސިން ރައްކާކުރާ ސެންޓަރުތައް ގާއިމުކުރާނެ ކަމަށެވެ.
ވެކްސިން ރައްކާކުރާ ސެންޓަރުތައް ގާއިމުކުރަން ނިންމި އިރު މިހާރު ދެމުންގެންދާ ކޮވިޑް ވެކްސިންގެ ބައެއް ވައްތަރުގެ ވެކްސިންތައް ބަހައްޓަން ޖެހެނީ ވަރަށް ފިނީގަ އެވެ.
ކޮވިޑް ވެކްސިންގެ އިތުރުން ރާއްޖޭގައި އާންމުކޮށް ދޭ ވެކްސިންތަކަކީވެސް ވަކި ފިނި ހޫނުމިނެއްގައި ރައްކާކުރަން ޖެހޭ ވެކްސިންތަކެކެވެ.
މިއަދު މަޖިލީހުގައި ނަސީމް ވަނީ ރާއްޖޭގެ ސިއްހީ ނިޒާމް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އަޅަން ނިންމާފައިވާ ހޮސްޕިޓަލްތަކުގެ އަޕްޑޭޓްވެސް ދެއްވައިފަ އެވެ. އެގޮތުން ގިނަ ހޮސްޕިޓަލްތަކެއް އެޅުމަށް ވަރަށް އަވަހަށް ބީލަމަށް ލެވޭނެ ކަމަށް ވިދާޅުވި އެވެ.