އަބްދުﷲ ސަނީފް

ކުއްޖާ މަރުވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޓީގެ ސަމާލުކަމަށް

ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ތިން މަހުގެ ކުއްޖަކު މަރުވި މައްސަލައިގައި ހެލްތް މިނިސްޓްރީން އެކަށީގެންވާ ތަހުގީގެއް ހިންގާފައި ނުވާތީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ ސަމާލުކަމަށް ގެނެސްފި އެވެ.

އެ މައްސަލަ ކޮމިޓީގެ ސަމާލުކަމަށް ގެނައީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް (ސަންނަ) އެވެ.

ތިނަދޫ ހޮސްޕިޓަލުގައި ތުއްތު ކުއްޖަކު މަރުވެފައިވަނީ މިމަހުގެ 18 ވަނަ ދުވަހު އެވެ. މިއަދާ ހަމައަށް ވެސް ހެލްތް މިނިސްޓްރީގެ ޓީމެއް އެރަށަށް ގޮސް ތަހުގީގު ހިންގާފައި ނުވާ ކަމަށް ސަނީފް އަވަސް އަށް ވިދާޅުވި އެވެ.

އާއިލާގެ ފަރާތުން ބޮޑެތި ތުހުމަތުތަކެއް މި މައްސަލައިގައި ކުރާއިރު ހެލްތް މިނިސްޓްރީން ތިނަދޫ ހޮސްޕޮޓަލަށް ގުޅައިގެން ކަން ހިނގާފައިވާ ގޮތް ސާފުކުރުމަކީ މިކަމުގައި އަމަލު ކުރެވިގެންވާނެ ގޮތް ނޫން ކަމަށް ސަނީފް ވިދާޅުވި އެވެ. އޭގެ ބަދަލުގައި ރަނގަޅު ތަހުގީގެއް ހިންގޭނީ މިނިސްޓްރީގެ ޓީމެއް އެރަށަށް ގޮސް، ކަންހިނގާފައިވާ ގޮތުގެ އަސްލު ރަގަޅަށް ބެލިގެން ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

މިކަން މިގޮތަށް ހިނގާފައި އޮތުމުން އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް ސަނީފް ވިދާޅުވި އެވެ.

"ކޮމެޓީގެ ސަމާލުކަމަށް މިކަން މިގެނައީ މިފަދަ ކަންކަން ހިނގަން މެދުވެރި ވަނީ ކިހިނެއްތޯ ބަލަން. މިއީ ސިސްޓަމުގެ ތެރެއިން ހިނގާ ކަމެއްތޯ ބަލައި އެކަމަށް އޮތީ ކޮން ހައްލެއްތޯ ދެނެގަންނަން. މި ދައްކަނީ ތުއްތު ކުއްޖެއްގެ ފުރާނަ ގެއްލުނު ވާހަކަ. މިއީ އާދައިގެ ކުޑަކުޑަ ކަމެއް ނޫން. މިކަން ހިނގާފައިވާ ގޮތް ރަގަޅަކަށް ނުބެލޭނެ މިނިސްޓްރީން މިތާ ތިބެގެން އެ ހޮސްޕިޓަލަށް ގުޅައިގެން އެ މީހުންގެ ބަޔާން ނަގައިގެނެއް. ކިހިނެއް ތޯ އިހުމާލުވީ ބަޔަކު އެކަން ބަލާނީ،" ސަނީފް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މި މަހުގެ ކުރީކޮޅު ފުވައްމުލަކު ހޮސްޕިޓަލްގެ އިހުމާލުން ހަ އަހަރުގެ ކުއްޖަކު މަރުވި މައްސަލައިގައި 24 ގަޑިއިރު ތެރޭގައި މިނިސްޓްރީގެ ޓީމެއް އެރަށަށް ގޮސް މައްސަލަ ބަލަން ފަށައިފައިވާ ކަމަށެވެ. ނަމަވެސް ތިނަދޫ މައްސަލައާއި ގުޅިގެން މިނިސްޓްރީން އެގޮތަށް އަމަލުކޮށްފައި ނުވަނީ ކީއްވެތޯ ސަނީފް ސުވާލު އުފެއްދެވި އެވެ.

މިހާދިސާ ހިނގާފައިވަނީ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އިހުމާލުން ކަމަށް ބުނެ އާއިލާ އިން އަންނަނީ ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. އެކުއްޖާ ބޭރަށް ހިންގާތީ އެމްބިއުލާންސް ފޮނުވައިދޭން އެދުނުތާ ދެގަޑިއިރުފަހުން އެމްބިއުލާންސް ފޮނުވިއިރު، ކުއްޖާ ގޮވައިގެން އާއިލާގެ މެމްބަރަކު ހޮސްޕިޓަލަށް ދިއުމަށް ވެސް ހޮސްޕިޓަލުން ދިޔައީ ދެކޮޅު ހަދަމުން ކަމަށް އާއިލާ އިން ބުނެ އެވެ.

އެވަގުތު އެ އާއިލާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ބަޔަކު ތިބުމުން ހޮސްޕިޓަލުން ތަކުރާރުކޮށް ބުނަމުން ދިޔައީ ކުއްޖާ ގެންދަން ޖެހޭނީ ކޮވިޑް ފެސިލިޓީއަށް ކަމަށާއި ބަލައި ދާންދެން ގޭގައި މަޑުކުރުމަށެވެ. ނަމަވެސް އެކުއްޖާގެ ބައްޕަ ފޭސްބުކްގައި ލިޔެފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެމީހުން ކޮވިޑުން ރަނގަޅުވިތާ 18 ވަރަކަށް ދުވަސްވެފައިވާ ކަމަށެވެ. އެވަރުން

ތިނަދޫ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ.

މީގެ ކުރިން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނިކޮށް ފަރުވާ ދިނުމުގައި އިހްމާލުވުމާ ގުޅިގެން އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ ވަނީ މަރުވެފަ އެވެ. އެފަހަރު ވެސް އިހުމާލުވެފައި ވަނީ ހޮސްޕިޓަލުންނެވެ.