ދުނިޔެ

ދޯހާގައި އިންޑިއާއިން ތާލިބާނުންނާ މަޝްވަރާ ކުރަނީ

އިންޑިއާގެ އޮފިޝަލުންތަކެއް ސިއްރިޔާތުގައި ތާލިބާން ލީޑަރުންނާ ބައްދަލު ކޮށްފި އެވެ. ގަތަރު ފޮރިން މިނިސްޓްރީގެ ހާއްސަ ސަފީރު، މުތުލަގް ބިން މާޖިދު އަލްގަހުތާނީއާ ހަވާލާދީ އިންޑިއާ ނޫސްތަކުން ބުނާ ގޮތުން ތާލިިބާނުންގެ ވެރިންނާއެކު އިންޑިއާއިން މަޝްވަރާ ކުރީ ހޯމަ ދުވަހު ގަތަރުގެ ވެރިރަށް ދޯހާގަ އެވެ.

އިންޑިއާއިން އަފްޣާނިސްތާންގައި ސުލްހަ ބެލެހެއްޓުމުގައި ބައިވެރި ވެދާނެ ކަމަށް ބުނާ ހަބަރުތައް އަންނަނީ އިތުރު ވަމުންނެވެ. އެހެން ނަމަވެސް މިހާ ސީދާކޮށް އިންޑިއާގެ ދައުރާ ބެހޭ ގޮތުން މިއީ އަދި އިވުނު ފުރަތަމަ ފަހަރެވެ.

"ތާލިބާނުންނަނީ އަފްޣާނިސްތާންގެ ބައެއް،" ސަފީރު ވިދާޅުވި އެވެ. "އެކަމަކު ތާލިބާނުން މުޅި އަފްޣާނިސްތާން ނުހިފާނެ ކަމަށް ގަބޫލުކުރާ ބަޔަކު ވެސް އުޅޭ،" އޭނާ ވިދާޅުވި އެވެ. ސަފީރު ވިދާޅުވި ގޮތުން ތާލިބާނުންނާއެކު މަޝްވަރާ ކުރަން ޖެހެނީ އަފްޣާނިސްތާންގެ މުސްތަގުބަލަށްޓަކަ އެވެ.

"އިންޑިއާއިން އެކުރަނީ މުހިންމު މަސައްކަތްތަކެއް،" ސަފީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ދެބައެއްގެ ދެމެދުގައި ހުރި ޚިލާފުތަކާ ބެހޭ ގޮތުން މަޝްވަރަކޮށްގެން ނޫން ގޮތަކަށް ހައްލު ނުހޯދޭނެ ކަމަށެވެ.

ގަތަރުގައި ތާލިބާނުން ހެޑްކުއާޓަރު ހަދާފައި ވަނީ 2013 ގައެވެ. އިންޑިއާ ނޫސްތަކުން ބުނާ ގޮތުން މަޝްވަރާތަކަށް އިންޑިއާގެ އެކްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިޔަމް ޖައިޝަންކަރު ވެސް ދޯހާއަށް ވަޑައިގެންނެވި އެވެ. އަދި ފޮރިން މިނިސްޓްރީގެ އިތުރު އޮފިޝަލުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.