ދުނިޔެ

އިންޑިއާއިން އަފްޣާން ރެފިއުޖީންނަށް ވިސާ ދޭން ވިސްނަނީ

ތާލިބާނުންގެ އަނިޔާވެރިކަމުން ސަލާމަތްވާން ގައުމު ދޫކޮށްދާ އަފްޣާން ރައްޔިތުންނަށް ވަގުތީ ވިސާއާއި ބޯހިޔާވަހިކަން ދޭން އިންޑިއާ އިން ވިސްނަމުން އަންނަ ކަމަށް ސަރުކާރު އޮފިޝަލަކާ ހަވާދީ ބައެއް ނޫސް އޭޖެންސީތަކުން ރިޕޯޓްކޮށްފި އެވެ.

އެމެރިކާއާ ނޭޓޯ އަދި ބައިވެރި ގައުމުތަކުގެ ސިފައިން އަފްޣާނުން ފައިބަމުން ދާއިރު ތާލިބާނުން އަންނަނީ އަފްޣާންގެ އަވަށްތައް ހިފައި ދެކޮޅުވެރިކަން ދައްކަމުންނެވެ. އެޖަމާއަތާ ޚިލާފުވާހާ ބަޔަކު މަރައި ސަރުކާރުގެ އިމާރާތްތަކަށާއި މުދަލަށް ގެއްލުން ދެމުންނެވެ. ޚަބަރުތައް ބުނާ ގޮތުން 20 ޕްރޮވިންސެއްގެ ވެރިރަށް ތާލިބާނުން ވަނީ އަތުލާފަ އެވެ.

އަފްޣާނިސްތާނުން ޓެރަރިޒަމް ނައްތާލާނެ ކަމަށް ބުނެ އެގައުމަށް އެރި އެމެރިކާ ސިފައިންނާއި ނޭޓޯ އަދި ބައިވެރި ގައުމުތަކުގެ އަސްކަރީ ފައުޖުތަކަށް އެހީތެރިވި އަފްޣާން ރައްޔިތުންނަކީ ތާލިބާނުންގެ ނަޒަރުގައި ގައްދާރުންނެވެ. އެމީހުންނަށް ކޮންމެހެން ވެސް އަދަބުދޭން ޖެހެ އެވެ.

ތާލިބާނުން ކޮށްފާނެ އަނިޔާއަކުން ސަލާމަތްވުމަށް އަަވަށްޓެރި ގައުމުތަކަށް ރެފިއުޖީންގެ ގޮތުގައި އެތައް ބަޔަކު ދަނީ އަރަމުންނެވެ. މިގޮތަށް ރައްކާތެރިކަމާއި ހިޔާވަހިކަން ހޯދަން ދަތުރުކުރާ މީހުންގެ ތެރޭގައި ގިނައީ ފާއިތުވި 20 އަހަރު ތެރޭގައި ބިދޭސީ ބާރުތަކަށް ވާގިވެރިވި މީހުންނެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވި ގޮތުން އެމެރިކާ ސިފައިންނަށް އެއްވެސް މާނައެއްގައި އެހީތެރިކަމެއް ފޯރުކޮށްދިން މީހަކު ދޫކޮށްނުލައްވާނެ އެވެ. އެމެރިކާއިން ނުވަތަ އެކުވެރި ގައުމަކުން އެމީހުންނަށް އެހީތެރިކަން ހޯއްދަވައިދެއްވާނެ އެވެ.

އިންޑީއާއިން އަފްޣާން ރެފިއުޖީންނަށް ފޯރުކޮށްދޭނެ ކަމަށް އެ ބުނާ ފަސޭހަތަކަކީ ވެސް އެމެރިކާއާ ބައިވެރިންގެ އެއްބާރުލުމާއެކު ހިނގަމުން އަންނަ ކަންތައްތަކެކެވެ.

އެމެރިކާއިން ބުނެފައި އޮތީ ގަތަރާ ގުޅިގެން 8،000 މީހަކަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެމެރިކާގެ އަވަށްތަކުން ވެސް ފުރުސަތު ހޯދައިދޭނެ ކަމަށެވެ.

ކެނެޑާއިން ހޮނިހިރު ދުވަހު ބުނި ގޮތުން އަފްޣާންގައި ތިބި ކެނެޑާ ސިފައިންނަށް އެހީތެރިވި 20،000 މީހަކަށް ރަނގަޅު ގޮތްތަކެއް ފަހިކޮށްދޭނެ ކަމަށެވެ. އަދި އުޅޭނެ ތަނަކާއި ވަޒީފާއަށް ވެސް ފުރުސަތު ދޭނެ ކަމަށެވެ.