އިންޑިއާއާ އީރާންއާ ދެމެދު އޮތް ގުޅުން މިހާރަށް ވުރެ ރަނގަޅުވާން ޖެހޭ ކަމަށް އީރާންގެ އާ ރައީސް، އިބްރާހީމް ރައީސީ ވިދާޅުވެއްޖެ އެވެ. އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމާނިޔަމް ޖައިޝަންކަރާ ބައްދަލުކުރައްވައި ރައީސީ ވިދާޅުވީ އިންޑިއާއާއެކު ގާތްގުޅުމެއް ދެމެހެއްޓުމަށް އީރާނުން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ.
އީރާންގެ ރައީސްކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ޖައިޝަންކަރާއެކު އެއްމޭޒުދޮށަށް ވަޑައިގެން ރައީސީ ވިދާޅުވީ ސަރަހައްދީ މަސްލަހަތު ހިމާޔަތްކުރަން އިންޑިއާ އިން ހަރުދަނާ މަސައްކަތްތަކެއް ކުރާކަން އެނގިވަޑައިގަންނަވާ ކަމަށާއި އަފްޣާންގައި ސުލްހަ ގާއިމުކުރުމަށް ވެސް އިންޑިއާގެ ދައުރު މުހިންމު ކަމަށެވެ.
ރައިސީ ވިދާޅުވީ އަފްޣާން އަކީ އިންޑިއާ އާއި އީރާންގެ އަވަށްޓެރިއެއް ކަމަށާއި އަފްޣާން މިހާރު އޮތީ އަވަށްޓެރިންނަށާއި ރައްޓެހިންނަށް ބޭނުން ޖެހިފައި ކަމަށެވެ.
އިބްރާހީމް ރައީސީ ވިދާޅުވީ އަފްޣާން އެއޮތީ އެމެރިކާއިން ހަލާކުކޮށްލާފައި ކަމަށާއި އެމެރިކާއާ ނުލައި އަފްޣާން މާރަނގަޅުވީސް ކަމަށެެވެ. އަފްޣާނުން އެމެރިކާ ސިފައި ފައިބައިގެން އެދަނީ އެއްވެސް ޕްލޭނެއް ނެތި ކަމަށާއި އެގައުމު ހާލަތު މިހާރު އެއޮތް ގޮތަށް ބަދަލުވާނެކަން އީރާނަށް ކުރިން ވެސް އެނގޭ ކަމަށެވެ.
އަފްޣާނުން ޓެރަރިޒަމް ނައްތާލައި ސުލްހަ ގާއިމުކުރުމަށް ކަމަށް ބުނެ އެމެރިކާ ސިފައިން ކުރި ކަމަކީ މުޅި ގައުމު ހަލާކުކޮށްލުން ކަމަށާއި ހަތިޔާރުގެ ވިޔަފާރި ހުއްޓިދާ ފަދަ އެއްވެސް ކަމެއް އެމެރިކާއިން ނުކުރާނެ ކަމަށެވެ.
އަފްޣާން ސުލްހަކުރުމަށް އީރާނުން ބުރަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. ތާލިބާނުންނާއި ޣަނީގެ ސަރުކާރު އެއްމޭޒުދޮށަން ގެނެސް، ތެހެރާންގައި ވަނީ މަޝްވަރާ ބައްދަލުވުންތައް ބާއްވާފަ އެވެ. މިބައްދަލުވުންތައް ރާވައި ހިންގުމުގައި އިސްކޮށް އުޅުއްވީ މަގާމުގެ މުއްދަތު ހަމަވެވަޑައިގެން ހުންނެވި ފޮރިން މިނިސްޓަރު މުހައްމަދު ޖަވާދު ޒަރީފް އެވެ.
ޚަބަރުތައް ބުނާ ގޮތުން އަފްޣާން ސަރުކާރަށް ބާރު އޮތް އަވަށްތަކަށް ވުރެ ތާލިބާނުން ވެރިވެގެންފައިވާ އަވަށްތައް މިހާރު ގިނަ އެވެ. ތާލިބާނުން މުޅި އަފްޣާނަށް ފެތުރިގެންފައި ވާއިރު މިސްރާބުޖަހާފައި ވަނީ ސިޓީތަކުގައި ވެރިކަންކުރާ އަވަށްތައް ހިފުމަށެވެ.