އީރާންގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުއްލަހިޔާން އަންނަ ހަފުތާގެ ހޯމަ ދުވަހު އިންޑިއާއަށް ވަޑައިގަންނަވާނެ އެވެ.
މިދަތުރު ކުރިން ހަމަފައްސާފައި އޮތީ މިދިޔަ އަހަރުގެ ނޮވެމްބަރުގައި ކުރާ ގޮތަށެވެ. އެހެން ނަމަވެސް ކޮވިޑްގެ އާ ވައްތަރުތައް އިންޑިއާގައި ފެތުރިގަތުމާއި ބައިނަލްއަގްވާމީ މަޝްރަހުގައި އީރާނާއަށް އޮތް އެޖެންޑާއާ ހެދި އެހެން ތާރީހަކަށް ބަދަލުކުރީ އެވެ.
މިއީ އީރާންގެ ފޮރިން މިނިސްޓަރުކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ހުސައިން އަމީރު އަބްދުއްލަހިޔާން އިންޑިއާއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އަދި މިއީ ގައުމެއްގެ މިފެންވަރުގެ ބޭފުޅަކު މިއަހަރު އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރެވެ.
އީރާންގެ ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން އިންޑިއާއަށް ވަޑައިގަތުމުގައި އޮތް ސިޔާސީ އެޖެންޑާއާ ބެހޭ ގޮތުން ދެ ގައުމުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
އީރާންގެ މިހާ މަތީ މަގާމެއްގެ ބޭފުޅަކު އިންޑިއާއަށް ދަތުރު ކުރައްވާއިރު، އީރާންގެ ނިއުކްލިއާ ހާލަތާ ބެހޭ ގޮތުން އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި މަޝްވަރާތައް ކުރިއަށް އެބަދެ އެވެ.
އަމީރުގެ މިދަތުރާ ބެހޭ ގޮތުން އިންޑިއާ ނޫސްތަކުން ބުނާ ގޮތުގައި ފުރަތަމަ ކަމަކަށް އޮންނާނީ ދެ ގައުމުގެ ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމެވެ. އެގޮތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ. ޖައިޝަންކަރާ އެކު ހާއްސަ އެޖެންޑާއަކަށް މަޝްވަރާ ކުރައްވާނެ އެވެ.
އީރާން އާއި އިންޑިއާ އިގުދިސޯދީ ގޮތުން ބާރުގަދަ ކުރެވޭތޯ ދެ ވަޒީރުން މަސައްކަތް ކުރައްވާނެ ކަމަށް އިންޑިއާ ނޫސްތަކުން ބުނެ އެވެ. ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި މިއަހަރު ބޮޑުތަން އިތުރުކުރުމަކީ ވެސް އިންޑިއާގެ އުންމީދެއް ކަމަށް ބުނެވެ އެވެ.
އިންޑިއާއިން އަފްޣާނިސްތާނަށް ފޮނުވާ އެހީ އަފްޣާން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އީރާން މެދުވެރިވާނެ ކަމަށް ވެސް ބުނެވެ އެވެ. އެއީ އިންސާނީ އެހީތެރިކަމަށް ބޭނުންޖެހިފައި ތިބި މީހުންނަށް އެހީދިނުން ކަށަވަރުކުރުމަށް ކަމަށް ވެސް ބުނެވެ އެވެ.
ޔަމަންގައި ވަކި ސަރުކާރެއް އުފައްދަން ހަނގުރާމަކުރާ ހޫތީންނާ ހެދި ދުނިޔެ ކަންބޮޑުވެފައި އޮތް އިރު މިއީ ވެސް ދެ ވަޒީރުން މަޝްވަރާ ކުރައްވާނެ މައުލޫއެއް ކަމަށް އިކޮނޮމިކް ޓައިމްސް ބުނެ އެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސް އަށް ހޫތީން ދިން ހަމަލާއެއްގައި އިންޑިއާގެ ދެ މީހަކު ވަނީ މަރުވެފަ އެވެ. އަދި ހޫތީން ހިފަހައްޓާފައި އޮތް ކާގޯ ބޯޓެއްގައި ވެސް އިންޑިއާގެ 11 ފަޅުވެރިން އެބަ ތިއްބެވެ. އެމީހުން ދޫކޮށްލަން އިންޑިއާ އިން އޮތީ ގޮވާލާފަ އެވެ.
އަބްދުއްލަހިޔާން އިންޑިއާއަށް ފަހު ދެން ވަޑައިގަންނަވާނީ ސްރީލަންކާ އަށެވެ. އީރާން އާއި ލަންކާ އަކީ ވިޔަފާރީގައި ވަރަށް ގާތް ދެ ގައުމެވެ. އެހެން ނަމަވެސް ލަންކާއަށް މިހާރު ދިމާވެފައި އޮތް އިގުދިސޯދީ ދަތި ހާލަތާ ހެދި ގައުމު އޮތީ ވަރަށް ބޮޑަށް ބަލިކަށިވެފަ އެވެ.
ވަޒީރު ލަންކާއަށް ވަޑައިގެން އީރާނަށް ދައްކަން ޖެހިފައި އޮތް ދަރަނި އަދާކުރެވޭނެ ގޮތްތަކެއް ކަނޑައަޅުއްވާނެ ކަމަށް ބުނެވެ އެވެ. ހަބަރުތައް ބުނާ ގޮތުން އީރާނަށް ދައްކަން ޖެހޭ 251 މިލިއަން ޑޮލަރުގެ ބޮޑު އަދަދެއް ލަންކާ ބޮލުގައި އެޅިފައި އެބަ އޮތެވެ.
ލަންކާއަށް ލުއިދިނުމުގެ ގޮތުން އީރާނުން ހަމަޖައްސާފައި އޮތީ ދަރަނި އަދާކުރުމުގައި ނަގުދު ފައިސާގެ ބަދަލުގައި އީރާނަށް ބޭނުންވާ ސައިފަތް ފޮނުވާ ގޮތަށެވެ. މިކަމާ ބެހޭ ތޮތުން ވަޒީރުން މެދުގައި އަދި މަޝްވަރާ ކުރައްވާނެ ކަމަށް ޚަބަރުތައް ބުނެ އެވެ.