ދުނިޔެ

އިންޑިއާ، ޔޫއޭއީ ޑޮލަރަށް ބަރޯސާކުރުން ހުއްޓާލަނީ

އިންޑިއާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަކީ ވިޔަފާރީގައި އެކުވެރި ދެބާރެވެ. އިންޑިއާއިން ތިންވަނައަށް އެންމެ ގިނައިން ވިޔަފާރިކުރާ ގައުމަކީ ވެސް ޔޫއޭއީ އެވެ.

އިންޑިއާ އާއި ޔޫއޭއީއާ ދެމެދު ފާއިތުވި އަހަރު ކުރެވުނު ވިޔަފާރި 73 ބިލިއަން ޑޮލަރަށް އަރާ ކަމަށް ރެކޯޑްތަކުން ދައްކަ އެވެ. ދެ ގައުމުގެ މިސްރާބު މިހާރު އޮތީ ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި އެ އަދަދު 100 ބިލިއަން ޑޮަލަރަށް އުފުލާލުމެވެ.

ރިޕޯޓްތައް ބުނާ ގޮތުން ދެ ގައުމުގެ ވިޔަފާރި ދެމަހައްޓައި ތަރައްގީގައި އުސްމިންތަކަކަށް މިސްރާބުޖެހުމަށް ހުރި ނުރަސްތައް ނައްތާލުމަށްޓަކައި އެމެރިކާ ޑޮލަރަށް އިތުބާރުކުން ދެގައުމުން ހުއްޓާލާނެ އެވެ.

އިންޑިއާ އާއި ޔޫއޭއީއާ ދެމެދު ކުރެވޭ ވިޔަފާރީގައި ކޮންމެވެސް ވަރަކަށް އެމެރިކާ ޑޮލަރާއި ޔޫރޯ ބޭނުންކުރި ނަމަވެސް އޮފިޝަލުން ބުނާ ގޮތުން އުންމީދަކީ ދެގައުމުގައި -- ދެގައުމުގެ ފައިސާ ބޭނުންކުރެވޭ ގޮތް ހެދުމެވެ. މިސްރާބަކީ އެއީ ކަމަށް ވެސް އޮފިޝަލުން ބުނެ އެވެ.

އިންޑިއާގެ ކޮމާސް އެންޑް ޓްރޭޑް މިނިސްޓަރު ޕިޔޫސް ގޯޔަލް ވިދާޅުވި ގޮތުގައި ސައޫދީ އަރަބިއްޔާ އާއެކު މަޝްވަރާ ކުރެވެނު މޮޑެލް ޔޫއެއީއަށް ވެސް ކަމުދާނެ އެވެ.

ސައޫދީ އާއެކު މަޝްވަރާ ކުރެވެނީ ދެގައުމުގެ އަމިއްލަ ފައިސާއިން ވިޔަފާރި ކުރުމަށެވެ. އަދި އިންޑިއާގެ އަމިއްލަ މާލީ ނިޒާމެއް ސައޫދީއަށް ތައާރުފު ކުރުމަށެެވެ. އެގޮތުން އިންޑިއާގައި ބޭނުންކުރެވޭ "ރުޕޭ" ކާޑް ވެސް ސައުދީއަށް ތައާރުފު ކުރެވޭނެ އެވެ.

ޔޫއޭއީއަށް މި މޮޑެލް ފައްތާއިރު އިންޑިއާގެ އޮންލައި ޕޭމަންޓް ސިސްޓަމް -- ޔުނިފައިޑް ޕޭމަންޓް ސިސްޓަމް (ޔޫޕީއައި) ތައާރުފު ކުރުމަށް މަޝްވަރާ ކުރެވޭނެ ކަމަށް ގޯޔަލް ވިދާޅުވި އެވެ.

އިންޑިއާ އާއި ޔޫއޭއީއާ ދެމެދު މިހާރު ކުރެވޭ މައިގަނޑު ވިޔަފާރި އަކީ ހަކަތަ އެވެ. އެހެން ނަމަވެސް ގޯޔަން ވިދާޅުވި ގޮތުގައި ދެ ގައުމުގެ ދެމެދުގައި ގައުމީ ފައިސާއިން ގަނެ ވިއްކަން ފެށުމުން ތެލާއި ގޭހުގެ އިތުރުން އެހެނިހެން އިންވެސްޓްމަންޓްތައް ވެސް ދެ ގައުމުގެ ދެމެދުގައި ހިނގާނެ އެވެ.

ޔޫއޭއީގައި އުފައްދާ ކާބޯތަކެއްޗަށް ޓެކްސް ކުޑަކޮށް އިންޑިއާއަށް އެތެރެކުރުމަށް މަގުފަހައިވާނެ ކަމަށް ޓްރޭޑް މިނިސްޓަރު ވިދާޅުވި އެވެ. އަދި ހަމަ އެފަދައިން އިންޑީއާގައި ހައްދާ މޭވާ އާއި ތަރުކާރީ އަދި ގޮވާމުގެ ބާވައްތައް ޔޫއޭއީއަށް ދަށް ޓެކުހެއްގައި އެތެރެ ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.