ދުނިޔެ

ޔޫއޭއީގެ ފޮރިން މިނިސްޓަރު ތުރުކީގައި

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ފޮރިން މިނިސްޓަރު، އަބްދުﷲ ބިން ޒައިދު އައްނަހްޔާން ތުރުކީއަށް ވަޑައިގެން ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއާ ބައްދަލު ކުރައްވައިފި އެވެ.

މިއީ ދެ ގައުމުގެ ދެމެދުގައި ހީނަރުވެފައި އޮތް ގުޅުން ބަދިހިކޮށް ތާޒާ ކުރުމަށް ދެ ގައުމުގެ ސަރުކާރުން ބާއްވާ މަޝްވަރާތަކުގެ ބޮޅެކެވެ.

އުރުދުޣާން ކުރިން ވިދާޅުވި ގޮތުގައި ސަރަހައްދީ ގައުމުތަކުގެ މެދުގައި މުޅިން އާ ސަފުހާތަކެއް ހުޅުވަން ތުރުކީ އޮތީ ތައްޔާރަށެވެ. އަދި ޚާއްސަކޮށް އަރިބި ގަލްފް ގައުމުތަކާއެކު ގުޅުން ދެމެހެއްޓުމަށް ތުރުކީ އިސްނަގައިގެން ވެސް މަސައްކަތް ކުރައްވާނެ އެވެ.

ޔޫއޭއީގެ ފޮރިން މިނިސްޓަރު ތުރުކީއަށް ކުރައްވާ ދަތުރުގައި ތުރުކީގެ ފޮރިން މިނިސްޓަރު މަވްލޫތު ޗަވްސޯލޫއާ ވެސް ބައްދަލު ކުރެއްވި އެވެ. އެހެން ނަމަވެސް، މަޝްވަރާ ކުރެވުނު ސުރުހީތައް ނޫސްތަކަށް އަދި ފޯރާފައެއް ނުވެ އެވެ.

އުރުދުޣާން ވިދާޅުވި ގޮތުގައި ތުރުކީއަށް އެންމެ ހެޔޮ އެދޭނީ އަރަބި މުސްލިމް ގައުމުތަކުންނެވެ. އޭގެ ތެރެއިން ވެސް ސައޫދީއާ ޔުނައިޓެޑް އަރަބް އެމިރޭޓްސް އަކީ ތިމާގެ ދެގައުމު ކަމަށް އުރުދުޣާން ަވަނީ ވިދާޅުވެފަ އެވެ.

ދުނިޔޭގެ މަޝްރަހުގައި ތުރުކީގެ ދުވެލި ބާރުކަމުން އެމެރިކާ ވެސް އޮތީ ހަސަދަވެރިވެފަ އެވެ. އެމެރިކާ އަޑީގައި އޮވެގެން ގުރީކަށް އަސްކަރީ މުދާ ސަޕްލައިކޮށް އިގުތިސާދީ ފެންވަރު މަތިކުރުވަން މަސައްަކަތް ކުރަނީ ސަރަހައްދީ ގަދަބާރަކަށް ތުރުކީ ވެދާނެ ކަމަށް ބިރުންނެވެ.