ދުނިޔެ

ޕާކިސްތާން ޖާސޫސީ އިދާރާގެ ވެރިޔާ ކާބުލްއަށް

ޕާކިސްތާން އިންޓަ-ސާވިސަސް އިންޓެލިޖެންސް އޭޖެންސީގެ ވެރިޔާ ޖެނެރަލް ފާއިޒް ހަމީދު ކާބުލްއަށް ވަޑައިގެންފި އެވެ. މިއީ އޮގަސްޓް 15 ގައި ތާލިބާނުން ކާބުލްއަށް ވެރިވެގަތް ފަހުން އޭނާ ކާބުލްއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ޖާސޫސީ ވެރިޔާ ނޫސްވެރިނަށް ވިދާޅުވި ގޮތުން ކާބުލްއަށް ވަޑައިގެންނެވި ބޭނުމަކީ ކާބުލްގައި ހުންނަވާ ޕާކިސްތާން ސަފީރާ ބައްދަލު ކުރެއްވުމެވެ. ތާލިބާނުންގެ އޮފިޝަލަކާ ބައްދަލުކުރައްވާ ވާހަކައެއް ވިދާޅެއް ނުވެ އެވެ. އެހެން ނަމަވެސް، ތާލިބާނުންގެ ވެރިނާ ހަމީދު ބައްދަލު ކުރައްވާނެ ކަމަށް ތަޖުރިބާކާރު ނޫސްވެރިން ބުނެ އެވެ.

އަފްޣާންގައި ތާލިބާނުންގެ ސަރުކާރެއް ވަރަށް އަވަހަށް އެކުލަވާލާނެ ކަމަށް އެ ޖަމާއަތުގެ ތަރުޖަމާން ބިލާލް ކަރީމީ އޮތީ ވިދާޅުވެފަ އެވެ. އެހެން ނަމަވެސް ތާލިބާނުންގެ ތެރޭގައި ވެސް ސަރުކާރުގެ މަގާމުތަކަށް ވެރިން އައްޔަން ކުރުމުގައި އޮތީ ޚިލާފު އުފެދިފަ އެވެ.

މަޝްރަހު ދިރާސާ ކުރާ މީހުން ބުނާ ގޮތުން ހަމީދު ކާބުލްއަށް ވަޑައގެންނެވީ އެޖެންޑާ ކުރެވިގެނެވެ. މައިގަނޑު ބޭނުމަކީ ތާލިބާނުންގެ ވެރިންނާ ބައްދަލު ކުރައްވައި ސަރުކާރު އެކުލަވާލުމުގައި ހުރި ތަފާތުތައް ނައްތާލުމެވެ.

ޖާސޫސީ ވެރިޔާ ބައްދަލު ކުރައްވަން ހަމަޖެހިފައިވާ ބޭފުޅުންގެ ތެރޭގައި މުއްލާ ބަރާދަރާއި މުއްލާ ހައިބަތުﷲ ހިމެނެ އެވެ. އަދި ގަތަރާއި ޔޫއޭއީ ރަޝިއާ އަދި ތުރުކީ ސަފީރުންނާ ބައްދަލު ކުރައްވާނެ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަބުދުލް ޣަނީ ބަރާދަރާއި އަނަސް ހައްގާނީއާ ދެމެދު ނުތަނަވަސްކަން އުފެދި އޮތީ އަރާރުންވުމާ ހިސާބުގަ އެވެ. މި ދެބޭފުޅުންނަށް ވާގިވެރިވާ ހަނގުރާމަވެރިންގެ މެދުގައި ހަމަނުޖެހުން ހިނގައި މުއްލާ ބަރާދަރަށް އަނިޔާވި ކަމަށް ވެސް ބުނެވެ އެވެ. އަދި އޭނާއަށް ފަރުވާދިނުމަށް ޕާކިސްތާނަށް ގެންދިއަ ޚަބަރުތަކެއް ވެސް ވަނީ ފެތުރިފަ އެވެ.

ރޮއިޓާސް ބުނާ ގޮތުން ތާލިބާނުން އެކުލަވާލާ ސަރުކާރެއްގައި ވެރިއަކަށް ހުންނަވާނީ ބަރާދަރެވެ. ތާލިބާނުންގެ ފަރާތުން ގައުމުތަކާ މަޝްވަރާކުރުމުގައި ވެސް ބަރަދާރު އުޅުއްވަނީ ވަރަށް ހަރަކާތްތެރިކޮށެވެ. ތާލިބާނުން ސަރުކާރުގައި ހިމެނޭނެ ކަމަށް ބެލެވޭ އޮފިޝަލުން ވެސް ރޮއިޓާސްގެ މިވާހަކަ ތެދުކުރެ އެވެ.

ނިއުޔޯކް ޓައިމްސްގައި ބުނެފައިވާ ގޮތުން އަފްޣާންގައި އެކުލަވާލާނީ އީރާންގައި އޮތް ކަހަލަ ސަރުކާރެކެވެ. އެހެންކަމުން ސަރުކާރުގައި ނުވަތަ ގައުމާ ހަވާލުވެ ވަޑައިގެން ރުހާނީ ލީޑަރަކު ހުންނެވުމަކީ ވަރަށް ގާތްކަމެކެވެ.

މަޝްރަހު ދިރާސާކުރާ މީހުން ބުނަނީ ތާލިބާނުންގެ މެދުގައި ހުރި ޚިލާފުތައް ހަމައަކަށް އެޅުވުމުގައި ފާއިޒް ހަމީދު މުހިންމު ދައުރެއް އަދާކުރައްވާނެ ކަމަށެވެ. ޕާކިސްތާނާއި ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ބޭނުންވަނީ އަފްޣާންގައި އެކުލަވާލެވޭ ސަރުކާރަކީ ގަބީލާ / ޖަމާއަތްތަކުގެ މެދުގައި އެކުލަވާލެވޭ ސަރުކާރަކަށް ވުމެވެ.