ދުނިޔެ

އަންހެން ކުދިންނަށް ތައުލީމު ދިނުމަށް ސައުދީ އާއި ގަތަރުން ތާލިބާނުންނަށް ގޮވާލައިފި

އަފްޣާނިސްތާންގައި އަންހެން ކުދިންނަށް ތައުލީމު ދިނުން މަނާ ނުކުރުމަށް ސައުދީ އަރަބިއްޔާ އާއި ގަތަރުން އަފްޣާން ސަރުކާރަށް -- ތާލިބާން ސަރުކާރަށް ގޮވާލައިފި އެވެ.

ދެ ގައުމު ގުޅިގެން ނެރުނު ބަޔާނުގައި ތާލިބާނުންނަށް ގޮވާލާފައި އޮތީ ޖިންސް ތަފާތުވުން އެއްކިބާކޮށްފައި ދަރިވަރުންނަށް ތައުލީމު ލިބެން ހުރި ފުރުސަތުތައް ހުޅުވާލައި -- އަންންހެން ކުދިންނަށް ފުރުސަތު ހަނިނުކުރުމަށެވެ.

އަފްޣާން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި އޮތް ގޮތުން އަންހެން ކުދިންނަށް ތައުލީމު ދިނުމަކީ ތާލިބާން ސަރުކާރަށް ފެންނަ ކަމެއް ނޫނެވެ. އަދި އަންހެން ކުދިންނަށް ތައުލީމު ނުދިނުމަށް ސަރުކާރާއި އަމިއްލަ ކޮލެޖްތަކަށް ވެސް އޮތީ އަންގާފަ އެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އެހެން ގޮތަކަށް އަންގަންދެން މި އަމުރު ދެމިއޮންނާނެ ކަމަށެވެ.

ސައޫދީ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ތާލިބާން ސަރުކާރުގެ ނިންމުމަކީ އަފްޣާނިސްތާނުގެ އަންހެން ކުދިން ޔުނިވާސިޓީ ތައުލީމުން ބާކީކުރުން ކަމަށާއި އެއީ އެ ކުދިންނަށް އޮތް ހައްގެއް ނިގުޅައިގަތުން ކަމަށެވެ. އަދި އަފްޣާން ސަރުކާރުގެ މި ނިންމުމާ މެދު ހައިރާންވެ ހިތާމަކުރާ ކަމަށްވެސް ބުނެފައިވެ އެވެ.

ގަތަރުގެ ޚާރިޖީ ވުޒާރާއިން ބުނީ ތާލިބާނުންގެ ނިންމުމާ މެދު ކަންބޮޑުވެ މާޔޫސްވެއްޖެ ކަމަށެވެ. އަދި ތާލިބާން ސަރުކާރުގެ ނިންމުން މުރާޖައާ ކުރަން ވަނީ އިލްތިމާސްކޮށްފަ އެވެ.

އަންހެނުންގެ ހައްގުތަކާ ބެހޭ ގޮތުން އިސްލާމް ދީނުގައި އަންގަވާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ވެސް އަންހެން ދަރިވަރުންނަށް އުނގަންނައިދެވޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ތާލިބާނުންގެ މި ނިންމުމާ މެދު މުޅިި ދުނިޔެ އޮތީ ކަންބޮޑުވެފަ އެވެ. ހާއްސަކޮށް ސައޫދީ، ޔޫއޭއީ، ގަތަރު، ތުރުކީ އަދި އެހެނިހެން ގައުމުތައް ވެސް ހިމެނެ އެވެ.