ދުނިޔެ

އަފްޣާނިސްތާނުގެ އަންހެން ކުދިންނަށް ޔުނިވާސިޓީ ތައުލީމު ދިނުން ތާލިބާނުން މަނާކޮށްފި

އަފްޣާނިސްތާނުގެ އަންހެން ކުދިންނަށް ޔުނިވާސިޓީ ތައުލީމު ދިނުން ވަކި މުއްދަތެއް ނެތް ގޮތަށް ތާލިބާން ސަރުކާރުން މަނާކޮށްފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ސަރުކާރު އަދި އަމިއްލަ ހުރިހާ ޔުނިވާސިޓީތަކަށް މިކަން އަންގާފައި ވަނީ ޚާއްސަ ސީޓިއަކުންނެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ނަދާ މުހައްމަދު ނަދީމް ސޮއިކުރައްވާ ފޮނުއްވި ސިޓީގައި ބުނެފައި ވަނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ވަކި ގޮތެއް އަންގަންދެން އަންހެނުންގެ ކިޔެވުން މެދުކަނޑާލުމަށް ނެރެފައި އޮތް އަމުރު ތަންފީޒު ކުރުމަށް ހުރިހާ ޔުނިވާސިޓީތަކަށް އަންގާ ކަމަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ތަރުޖަމާން ޒިއާއުﷲ ހާޝިމީ މި ސިޓީ ޓްވީޓްކުރައްވައި -- މިއީ ސައްޙަ ޚަބަރެއްކަން ވަނީ މީޑިއާއަށް ކަށަވަރުކޮށް ދެއްވާފަ އެވެ.

އަފްޣާން އަންހެން ކުދިންނަށް މަތީ ތައުލީމު ދިނުން ތާލިބާނުން މަނާކޮށްފައި މިވަނީ ޔުނިވާސިޓީތަކަށް ވަނުމަށް ހަދަންޖެހޭ އިމްތިހާނުގައި އަފްޣާންގެ އެކި ކަންކޮޅުތަކުގައި އެތައް ހާސް އަންހެން ކުދިންނާއި އަންހެނުން ބައިވެރިވިތާ ތިން މަސް ވެސް ނުވަނީހެވެ.

އެ ކުދިންގެ ކުރިމަގު ބައްޓަންކުރުމަށް ގިނަ ކުދިން އިޚުތިޔާރު ކޮށްފައި ވަނީ އިންޖިނިއަރިން އަދި މެޑިސިން ފަދަ އުންމީދީ ރޮނގުތަކެވެ.

ތާލިބާނުން އަފްޣާން ސަރުކާރު ޖަހަގަނެ ފާއިތުވި މުއްދަތުގައި އަންހެން ކުދިންނަށް ތައުލީމު ދިނުން އޮންނަނީ ވަރަށް ބޮޑަށް ހަރުކަށިކޮށްފަ އެވެ. ބޭރުގެ ފިއްތުންތަކާ ހެދި އަންހެން ކުދިންގެ ސްކޫލްތައް ހުޅުވާނެ ކަމަށް ތާލިބާން ސަރުކާރުން ބުނި ނަމަވެސް ގިނަ ފަހަރު ހުންނަނީ ބަންދުކޮށްފަ އެވެ.

އަފްޣާން ސަރުކާރުން ކުރިން ބުނި ގޮތުން ސްކޫލްތައް ވަކިކޮށްގެން ހިިންގާ ނަމަ އަންހެން ދަރިވަރުންނަށް ކިޔަވަން ފުރުސަތު ދެވޭނެ އެވެ. އަދި އަންހެން ޓީޗަރުންނާއި އުމުރުން ދުވަސްވީ ފިރިހެނުން -- އަންހެން ކުދިންގެ ސްކޫލް/ ކޮލެޖުތަކުގައި ކިޔަވައި ދިނުން މައްސަލައެއް ނޫން ކަމަށް ވެސް އޮތީ ބުނެފަ އެވެ.

އަފްޣާން ހިންގުމަށް ޓަކައި ބޭނުންވާ ފައިސާ ހޯދުމަށް ތާލިބާން ސަރުކާރަށް އޮތް އެންމެ ފަސޭހަ ހައްލަކީ ދުނިޔޭގެ ބާރާއި ނުފުޒު ގަދަ ގައުމުތަކާ އެކު ގުޅުން ގާތްކުރުމެވެ. އެހެން ނަމަވެސް އަންހެނުންގެ ހައްގުތަށް ހިފަހައްޓާ ނަމަ ތާލިބާނުންނަށް އެހީ ނުވާނެ ކަމަށް އެ ގައުމުތަކުން އޮތީ ބުނެފަ އެވެ.

ތާލިބާނުންގެ އެދުމަކީ ތާލިބާނުން ގެންގުޅޭ ފިކުރާ އެކު ވެސް ގައުމުތަކުން އަފްޣާން ބަލައިގަތުނެވެ. އެހެން ނަމަވެސް ތާލިބާަނުން ދައްކާ ވާހަކަ ގައުމުތަކަށް އިވޭ ކަމަކަށް ނުހަދަ އެވެ.