އަފްޣާނިސްތާންގެ ވަގުތީ ފޮރިން މިނިސްޓަރު އާމިރު ހާން މުއްތަގި ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީއާ ބައްދަލު ކުރައްވަނީ އެވެ. ކާބުލްގައި ހުންނަވާ ޗައިނާ އެމްބެސެޑަރު ވަންގް ޔޫ ވިދާޅުވި ގޮތުގައި ދެ ވަޒީރުންގެ ބައްދަލުވުން އޮންނާނެ އެވެ.
ތާލިބާން ފޮރިން މިނިސްޓްރީގެ ތަރުޖަމާން އަބްދުލް ގަހަރް ބަލްޚީ ވިދާޅުވި ގޮތުގައި ޗައިނާ އެމްބަސީން އަދި ވަކި ދުވަހެއް ވަކި ވަގުތެއް ކަނޑައެއް ނާޅަ އެވެ. އެހެން ނަމަވެސް ޗައިނާގެ ފޮރިން މިނިސްޓަރުގެ ފަރާތްޕުޅުން ކަށަވަރުކަން އޮތީ ލިބިފަ އެވެ.
އަފްޣާންގައި ތާލިބާނުން ވެރިކަން ގާއިމުކޮށް ދުނިޔެއަށް ހުޅުވާލުމަށްޓަކައި ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ތުރުކީ އާއި ގަތަރު އަދި އުޒްބެކިސްތާން އާއެކު މަޝްވަރާކޮށް ވަޒީރުންގެ ފެންވަރުގައި ވަނީ މަޝްވަރާތައް ބާއްވާފަ އެވެ.
ދެ ގައުމުގެ ފޮރިން މިނިސްޓަރުންގެ ބައްދަލު ކުރެއްވުމުގައި މަޝްވަރާ ކުރައްވާނެ ކަމަށް ބެލެވެނީ އަފްޣާނުން ޗައިނާއަށް އެތެރެ ކުރެވެން ހުރި ކާނާ އާއި ތަފާތު އެހެން ބާވަތްތަކާ ބެހޭ ގޮތުންނެވެ. ޗައިނާއިން ކުރިން ބުނެފައި އޮތީ އަފްޣާން އެކްސްޕޯޓަށް އެއްބާރުލުން ދޭނެ ކަމަށެވެ. އަދި އަފްޣާންގެ އުފެއްދުންތައް ޗައިނާއިން ގަންނާނެ ކަމަށެވެ.
އަފްޣާންގައި ތާލިބާނުން ވެރިކަން ކުރަން ފެށިފަހުން ޗައިނާއާ މެދު ބަލަނީ ވަރަށް ގާތް ގައުމެއް ގޮތުގަ އެވެ. ޗައިނާއަށް ހެޔޮ ބަސް ބުނެ ތާލިބާނުން ދަނީ ގައުމުތަކުގައި ވާހަކަ ދައްކަމުންނެވެ.
ޗައިނާއިން ވެސް ބަލަނީ އަފްޣާން އަކީ އިންވެސްޓް ކުރެވެން އޮތް ބިމެއް ގޮތުގަ އެވެ. އެހެން ނަމަވެސް ތާލިބާނުން ރަސްމީ ސަރުކާރެއް އެކުލަވާލައި އަދި އޮފިޝަލުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދީގެން މެނުވީ ބޭރު ގައުމުތަކުން އިންވެސްޓް ކުރާނެ ކަމަކަށް ނުބެލެވެ އެވެ.