ދުނިޔެ

އަފްޣާނިސްތާންގައި ރަޝިއާ އިންވެސްޓްކުރާނެ: ތާލިބާން

އަފްޣާންގައި ތެލާއި ގޭހުގެ އިތުރުން މައުދަނާއި ސިމެންޓި އުފައްދާ ފެކްޓްރީތަކަށް ރަޝިއާ އިންވެސްޓް ކުރާނެ ކަމަށް ތާލިބާން ބުނެފި އެވެ.

ތާލިބާނުންގެ ތަރުޖަމާން ޒަބީހުﷲ މުޖާހިދު ޓްވީޓާގައި ވިދާޅުވެފައިވާ ގޮތުން ރަޝިއާ ސަރުކާރާއެކު އަފްޣާނުން ކުރި މަޝްވަރާތަކުން ހެޔޮ ނަތީޖާ ފެންނާނެ ކަމަށެވެ.

ރަޝިއާގެ އިންވެސްޓަރުން ކާބުލްގައި ބޮޑުވަޒީރުގެ ޑިޕިއުޓީއާ ބައްދަލުކުރި ކަމަށް ތަރުޖަމާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ތެޔޮ ސާފު ކުރުމާއި ގޭސް ބަންދު ކުރުން ފަދަ ސިނާއީ މަސައްކަތްތަކަށް އެއްބަަސްވެވުނު ކަމަށެވެ.

ޒަބީހުﷲ މުޖާހިދު ވިދާޅުވި ގޮތުގައި އަފްޣާނަށް އިންވެސްޓަރުން ގެނައުމަށް ގާނޫންތައް ބަދަލު ކުރާނެ އެވެ. އަދި އަފްޣާނަކީ އިންވެސްޓަރުންނާ ރައްޓެހި މާހައުލަކަށް ހަދާނެ އެވެ.

އަފްޣާންގައި އިންވެސްޓްކުރާ ގައުމުތަކުން އަފްޣާންގައި ވަކި ގޮތަކަށް ހަރަކާތްތެރިވާން އެދޭ ނަމަ ފުރުސަތު ފަހި ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އިންވެސްޓްމަންޓްތައް ކަވަރުކޮށް ވިޔަފާރިން ފައިދާ ހޯދަން ވެސް ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ތާލިބާނުން އޮގަސްޓް 15، 2021 ގައި އަފްޣާނަށް އަރައިގަނެ ސަރުކާރެއް ގާއިމު ކުރުމުން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން އަފްޣާންގައި އިންވެސްޓް ކުރަން ހުށަހެޅި އެވެ. އެހެން ނަމަވެސް އިންވެސްޓަރުން ބޭނުންވާ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމުގައި ތާލިބާނުން އަދި ވެސް އުޅެނީ އެކަން ނުވެގެންނެވެ.

އަފްޣާންގައި އިންވެސްޓް ކުރާނެ ކަމަށް އެންމެ ފުރަތަމަ ބުނި ގައުމުތަކުގެ ތެރޭގައި ޗައިނާ އާއި ރަޝިއާ އަދި ތުރުކީ ހިމެނެ އެވެ.

ތުރުކީ އާއި ގަތަރު ގުޅިގެން ކާބުލް އެއާޕޯޓް ހިންގަން މިހާރު ވަނީ މަސައްކަތް ފަށާފަ އެވެ.