ދުނިޔެ

އިސްލާމްއާބާދު-ކާބުލް ދަތުރުތަކަށް ޕާކިސްތާނުން ހުއްދަދީފި

ޕާކިސްތާން ސިވިލް އޭވިއޭޝަން އޮތޯރިޓީން އަފްޣާން އެއާލައިނަށް ހުއްދަދީފި އެވެ.

މި ހުއްދައިގެ ދަށުން އިސްލާމްއާބާދާއި ކާބުލްއާ ދެމެދު ވައިގެ ދަތުރުތައް އިހު އޮތް ގޮތަށް ކުރިއަށް ދާނެ ކަމަށް އޮފިޝަލުން ބުނެ އެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި ފްލައިޓް އޮޕަރޭޓްކުރަން އެދޭ ޕްރައިވެޓް އެއާލައިންތަކަށް ވެސް ހުއްދަދޭނެ އެވެ.

ޕާކިސްތާން ސިވިލް އޭވިއޭޝަން އޮތޯރިޓީ އެއާ ޓްރާންސްޕޯޓްގެ ޑައިރެކްޓަރު އިފްރާން ސާބިރު ވިދާޅުވި ގޮތުން ކާމް އެއާގެ ފްލައިޓްތައް ކާބުލްއިން ޕާކިސްތާނަށް ހަފްތާއަކު ތިންބުރު އަޅާނެ އެވެ. މިއީ އަފްޣާންގައި އޮޕަރޭޓްކުރާ އެންމެ ބޮޑު ޕްރައިވެޓް އެއާލައިންނެވެ.

ތާލިބާނުން އަފްޣާން އަތުލައިގަތް ފަހުން ސިވިލް އޭވިއޭޝަނުން އިދާރާއެއްގެ ހުއްދަ ލިބިގެން އެގައުމުން ބޭރަށް އެންމެ ފުރަތަމަ އުދުހޭ އެއާލައިނަކީ ވެސް ކާމް އެއާ އެވެ. އިރްފާން ސާބިރު ވިދާޅުވި ގޮތުން ދެގައުމުގެ ދެމެދުގައި އުދުހެން ބޭނުންވާ ހުރިހާ ކަމެއް އެ އެއާލައިނަށް ފަހިކޮށްދީފައި ވާނެ އެވެ.

އިރުފާން ކުރިން ވިދާޅުވި ގޮތުން ކާމް އެއާލައިނުން ފުރަތަމަ އޮޕަރޭޓް ކުރަން ހަމަޖައްސާފައި އޮތީ ޗާޓާޑް ފްލައިޓް ތަކެވެ. އެހެން ނަމަވެސް އެ ޚިޔާލު ބަދަލުކޮށް މިހާރު ކޮމާޝަލް ފްލައިޓްތައް ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަފްޣާނުން ދުނިޔޭގެ ގައުމުތަކަށް ކުރަމުން ގެންދިއަ ފްލައިޓްތައް ހުއްޓާލަން ޖެހުނީ އޮގަސްޓް 15 ގައި ތާލިބާނުން ކާބުލް ހިފުމާ ގުޅިގެންނެވެ. އެއަށް ފަހު މައިގަނޑު ގޮތެއްގައި ކާބުލްއަށް އޮޕަރޭޓްކުރީ އަފްޣާންގައި ތިބި އެހެން ގައުމުތަކުގެ މީހުން އުފުލަން ދަތުރުކުރި ފްލައިޓް ތަކެވެ.

އަފްޣާންގެ އެއާޕޯޓް އަލުން ބޭނުންކުރަން ތަައްޔާރު ކުރުމުގެ ގޮތުން އިންޖިނޭރުންނާއި ތަކެތި ހިފައިގެން ވެސް ބައެއް ފްލައިޓްތައް ދަތުރުކުރި އެވެ.