ތާލިބާނުން އޮގަސްޓް 15 ގައި އަފްޣާނަށް އަރައިގަތުމާ ގުޅިގެން ޕާކިސްތާން އެއާލައިނުން އެގައުމަށް ދަތުރުކުރި ފްލައިޓްތައް އޮތީ ހުއްޓާލާފަ އެވެ. ދަތުރުތައް އަލުން ފެށީ މަހެއްހާ ދުވަސް ފަހުން، ސެޕްޓެމްބަރު 13 ގައެވެ.
އެހެން ނަމަވެސް، ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިން (ޕީއައިއޭ) އިން މިހާރު ބުނަނީ އަފްޣާނަށް އުދުހުން އަނެއްކާ ވެސް ހުއްޓާލައިފި ކަމަށެވެ. ސަބަބެއް ކަމަށް ބަޔާނުގައި ބުނެފައި އޮތީ ފްލައިޓްތަކަށް ރައްކާތެރިކަން ނެތުން ކަމަށާއި ތާލިބާނުން ކަނޑައަޅާ ގަވާއިދުތައް މާބޮޑަށް ވެސް ހަރުކަށީ ކަމަށެވެ.
ޕީއައިއޭއިން ބުނީ ޗާޓަރު ފްލައިޓްތަކުން ޓިކެޓް ވިއްކަން ޖެހެނީ ވެސް ތާލިބާނުން ބުނާ އަގެއްގައި ކަމަށާއި ތާލިބާނުންގެ ސަރުކާރުގައި އެއް އިދާރާއާ އަނެއް އިދާރާއާ ގުޅުމެއް ނެތް ކަމަށެވެ. އަދި އެކި އިދާރާއިން އަންގަނީ އެކި އެންގުން ކަމަށެވެ.
ޕީއައިއޭއިން ނެރުނު ބަޔާނެއް ބުނާ ގޮތުން އަފްޣާން ރެފިއުޖީން ގައުމުން ބޭރުކުރާ ކަމުގެ ތުހުމަތު ވެސް އެ އެއާލައިނަން އޮވެ އެވެ. އަދި އެއާލައިންގައި މަސައްކަތްކުރާ އޮފިޝަލުންގެ ބޮލުގައި ތާލިބާނުން ބަޑިޖައްސައި ނުކުރާ ކިތަންމެ ކަމަކަށް އެއްބަސް ކުރުވަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިނަށާއި އަފްޣާންގެ ކާމް އެއާލައިނަށް ތާލިބާނުންގެ ތަރުޖަމާން ޒަބީހުﷲ މުޖާހިދު ފޮނުއްވި ލިޔުމެއްގައި އެދިފައި ވަނީ އަގުތައް ތިރިކުރުމަށެވެ. އަދި އަފްޣާނުން ފޮނުވާ ކާގޯއަށް ނަގާ އަގުތައް ތިރިކުރަން ވެސް އެދިފައިވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޕީއައިއޭ އަދި ކާމްއިން ޕެސެންޖަރު ފްލައިޓްތަކެއް އަދި ނުފަށަ އެވެ. މުޅިންހެން ކުރަނީ ޗާޓަރު ދަރުތުތަކެވެ. އަދި އޮގަސް 15 އިގެ ކުރިން ބޮލަކަށް ނެގި 120-150 ޑޮލަރާ ދެމެދުގެ އަގެކެވެ. މިހާރު ޓިކެޓަކަށް 2،500 ޑޮލަރު ނަގާ ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ.
ޕާކިސްތާނުން ގަވާއިދަށް ގެނައި ބަދަލެއްގައި ކާބުލްއިން ޕާކިސްތާނަށް ދަތުރުކުރާ ހުރިހާ މީހުންގެ މައުލޫމާތު ދެތިން ދުވަސް ކުރިން ޕާކިސްތާންގެ އިދާރާތަކަށް ފޮނުވަން ޖެހެ އެވެ.