ދުނިޔެ

އަފްޣާނުން ބޭރުވާން އުޅޭ މީހުން ހައްޔަރުކުރަނީ

އަފްޣާނިސްތާންގައި އޮތް މަދަނީ ވެރިކަން ތާލިބާނުން މިދިއަ އަހަރު އޮގަސްޓްގައި ޖަހައިގަތް ފަހުން އަފްޣާން ދޫކޮށް އެތައް ހާސް ބަޔަކު ވަނީ އެހެން ގައުމުތަކަށް ގޮސްފަ އެވެ.

ތާލިބާނުން އަފްޣާން ވެރިކަމާ ހަވާލުވުމަށް ފަހު އަފްޣާން ދޫކޮށް ދާން އެދޭ މީހުންނަށް ކޮންމެވެސް ވަރެއްގެ ލުޔެއް އޮތީ ދީފަ އެވެ. އަދި ގައުމު ދޫކޮށް ދާން އެދޭ މީހުން ނުހިފަހައްޓާނެ ކަމަށް ވެސް އޮތީ ބުނެފަ އެވެ.

އެހެން ނަމަވެސް ޚަބަރުތައް ބުނާ ގޮތުން އަފްޣާނުން މީހުން ފިލައިގެން ދިއުން ތާލިބާނުންނަށް ބޮޑު ކަމަކަށްވެ ގައުމު ދޫކޮށް ދާން މަސައްކަތްކުރާ މީހުން ހައްޔަރުކުރާ ހިސާބަށް ހާލަތު މިހާރު އޮތީ ބަދަލުވެފަ އެވެ.

ތާލިބާނުން ބުނީ ގައުމު ދޫކޮށް ދާން އެދޭ މީހުންނަށް އެ ފުރުސަތު މިހާރު ވެސް އޮތް ކަމަށާއި އެކަމަކު ތާލިބާނުންނަށް އެނގުމެއް ނެތި ފިލައިގެން ނުދެވޭނެ ކަމަށެވެ.

އަފްޣާން ދޫކޮށް ފިލަން އުޅެނިކޮށް މިހާރު ވެސް އެތައް ބަޔަކު ހައްޔަރު ކޮށްފައި ތިބި ކަމަށް ވެސް ތާލިބާނުން ބުނެ އެވެ. އަދި ބުނީ ހިފަހައްޓާފައި ތިބި މީހުންގެ ތެރޭގައި އަންހެނުން ވެސް ވަރަށް ގިނަ ކަމަށެވެ.

ތާލިބާނުން ބުނާ ގޮތުން ހިފަހައްޓާފައި ތިބި އަންހެނުން ދޫކޮށްލެވޭނީ އާއިލާއިން ހަވާލުވުމުންނެެވެ. އަދި އެމީހަކާ އޮތް ގާތް ކަމެއް ސާބިތު ކުރުމުންނެވެ.

ތާލިބާނުންގެ ތަރުޖަމާން ޒަބީހުﷲ މުޖާހިދު ވެސް ވަނީ މިކަމާ ބެހޭ ގޮތުން ޓްވީޓައި ބަސް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މައްސަލަ އަކީ ތާލިބާނުންނަށް ސިއްރުން އަދި ދަތުރުކުރާ ވަކި ގައުމެއް ނޭނގި ފިލައިގެން ދާން އުޅުމެވެ.

ޚަބަރުތައް ބުނާ ގޮތުން އަފްޣާނުން މީހުން ބޭރު ކުރަން އެ ގައުމަށް ދާ ބައެއް ފްލައިޓްތައް އޮޮޕަރޭޓްކުރާ ބަޔަކު ވެސް ނޭނގެ އެވެ. އަޑި ނޭނގޭ ބަޔަކު ހަމަޖައްސާ ފްލައިޓްތަކެއްގައި ޒުވާން އަންހެނުންނާއި ކުދިން ދަތުރުކުރާ ކަމަށް ވެސް ބުނެވެ އެވެ.

ތަރުޖަމާން ވިދާޅުވި ގޮތުގައި އަފްޣާނުން ދެން ބޭރު ވެވޭނީ ހުއްދަ އޮވެގެނެވެ. އަދި ހަރުދަނާ ކަމެއްގައި ނުވަތަ ބޭރު ގައުމެއްގެ ވަޒީފާއަށް ދާ ނަމަ ނުހިފަހައްޓާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.