ޗައިނާ ފޮރިން މިނިސްޓަރު ވާންގް ޔީ އޮކްޓޯބަރު 26-25 އަށް ގަތަރަށް ވަޑައިގަންނަވާނެ ކަމަށް ބީޖީން ބުނެފި އެވެ.
ވަޒީރު ގަތަރަށް ކުރައްވާ ދަތުރުފުޅުގައި އަފްޣާނިސްތާނުގެ އިންތިގާލީ ސަރުކާރު، ތާލިބާނުންގެ ވަފުދަކާ ބައްދަލު ކުރައްވާނެ ކަމަށް ވެސް ބެއިޖިން ބުނެ އެވެ.
ގްލޯބަލް ޓައިމްސްއިން ޗައިނާގެ ޚާރިޖީ ވުޒާރާއާ ހަވާލާދީ ބުނެފައިވާ ގޮތުން މިބައްދަލުވުމުގައި އަފްޣާނިސްތާނުގެ ހާލަތާ މެދު މަޝްވަރާކުރެވޭނެ އެވެ. އަދި ދެ ގައުމުގެ ޝައުގުވެރިކަން އެއްގޮތް އެހެން މައުލޫތަކާ މެދު ޚިޔާލު ބަދަލުކުރާނެ އެވެ.
މިއަހަރު ޖުލައި މަހު އުތުރު ޗައިނާގެ ޓިއާންޖިންގައި ޗައިނާ-އަފްޣާން މަޝްވަރާތަކެއް ކުރި އެވެ. ގްލޯބަލް ޓައިމްސް ބުނާ ގޮތުން ގަތަރުގައި ދެކެވޭ ވާހަކަތައް މޫހިފާނީ ޖުލައިގައި އޮތް މަޝްވަރާތަކަށެވެ. ޓިއާންޖިންގައި އޮތް ބައްދަލުވުމަކީ ޗައިނާއިން ތާލިބާނުންނާ ދައްކަން ހުރި ވާހަކަތަކުގެ ބޮޅެކެވެ.
އަފްޣާނިސްތާނުގެ ވަގުތީ ޚާރިޖީ ވަޒީރު އާމިރު ޚާން މުއްތަގީ ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީއާ ބައްދަލުކުރައްވާނެ ކަމަށް ތާލިބާނުންގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އަބްދުލް ގަހާރު ބަލްޚީ މިދިޔަ ހަފްތާގައި އޮތީ ވިދާޅުވެފަ އެވެ. އޭނާ އެއިރު ވަކި ތާރީހެއް ވިދާޅެއް ނުވެ އެވެ.
މިއީ މިދިޔަ އޮގަސްޓް މަހު ތާލިބާނުން އަލުން ވެރިކަމަށް އައުމަށް ފަހު ޗައިނާ އާއި އަފްޣާނިސްތާނާ ދެމެދު ބާއްވާ ރަސްމީ ފުރަތަމަ ބައްދަލުވުމެވެ. ތާލިބާނުން އަފްޣާންގެ ވެރިކަން އަތުލާފައި ވަނީ އަޝްރަފު ޣަނީގެ ސަރުކާރު ވައްޓާލުމަށްް ފަހު އެވެ.
ޗައިނާއާ އަފްޣާން އަކީ ޒަމާންވީ ރަހުމަތްތެރި އަވަށްޓެރިންނެވެ. އަދި ވިޔަފާރި ބައިވެރިއެއްގެ ހައިސިއްޔަތުން ޗައިނާއިން އަބަދުވެސް އަފްޣާނަށް ގޮވާލަނީ ދަތިތަކުން އަރައިގަތުމަށް މަޝްވަރާ ކުރުމަށެވެ. ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވަންގް ވެންބިން ވިދާޅުވި ގޮތުގައި އަފްޣާންގައި އިންވެސްޓް ކުރެވެން ހުރި ސިނާއަތްތައް ޗައިނާއިން ދެނެގަންނާނެ އެވެ.
އަފްޣާންގެ ވެރިކަމަށް އާދެވުމާއެކު ތާލިބާނުން މިހާރު މަސައްކަތްކުރަނީ އެ ގައުމު ދުނިޔެއަށް ހުޅުވާލުމަށެވެ. އަދި ދުނިޔެ ބަލައިގަންނަ ގައުމެއް ގޮތުގައި ގައުމުތަކާ މުއާމަލާތު ކުރުމަށެވެ. ތާލިބާނުންގެ ސަރުކާރު ބަލައިގަތުމަށް އެމީހުން ވަނީ ދުނިޔެއަށް ގޮވާލާފަ އެވެ.