ޓެކްނޯލޮޖީ

ޗިޕް ނުލިބިގެން އައިފޯން 13 ލަހެއް ނުވާނެ

އައިފޯން 13 އަށް ބޭނުންވާ އޭ15 ޗިޕްތައް އުފައްދަނީ ޓައިވާން ސެމީކޮންޑަކްޓާ މެނުފެކްޗަރިން ކޮމްޕެނީ (ޓީއެސްއެމްސީ) އިންނެވެ. ޓީއެސްއެމްސީން ބުނީ ސިލިކަން ޗިޕްތައް އުފައްދަން ދަތިތަކެއް ހުރި ކަމަށާއި އެކަމަކު އޭ15 ޗިޕްތައް ނުލިބިގެން އައިފޯން 13 ބާޒާރަށް ނެރޭ ތާރީހު ލަސް ނުވާނެ ކަމަށެވެ.

ޓީއެސްއެމްސީން ބުނީ މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ އޭ15 ޗިޕްތަކަށާއި އެމް1 ޗިޕްތަކަށް ކަމަށެވެ. އެޕަލްއަށް ބޭނުންވާ ޗިޕްތައް އުފައްދަން ކޮންޓްރެކްޓް ދީފައިވާތީ ޓީއެސްއެމްސީން ބުނީ އެއީ ބޮޑު ފަހުރެއް ކަމަށާއި އެ ޝަރަފު ދަމަހައްޓާނެ ކަމަށެވެ.

ޓީއެސްއެމްސީ އަކީ ވަރަށް ފުޅާކޮށް ޗިޕް އުފައްދާ ކުންފުންޏެކެވެ. އެ ކުންފުނީގެ ކަސްޓަމަރުން ވަރަށް ގިނަ އެވެ. އެހެން ނަމަވެސް ޓީއެސްއެމްސީން ބުނީ އިސްކަން ދޭނީ ދުނިޔޭގައި ގިނަ ބަޔަކު ބޭނުންކުރާ އާލަތްތަކަށް ކަމަށާއި ކުންފުންޏަކަށް ނޫން ކަމަށެވެ.

ދުނިޔޭގައި ސިލިކަން މާކެޓަށް ލޮޅުން އަރައިގެން އުޅެނީ އެމެރިކާއާ ޗައިނާއާ ކުރަމުންން ގެންދާ ފިކުރީ ހަނގުރާމައިގެ ސަބަބުންނެވެ. ޗިޕް އުފައްދަން ބޭނުންވާ މާއްދާތައް އެކި ގައުމުތަކުން ހޯދުން ކުރިން ތަނަވެފައި އޮތް ނަމަވެސް މިހާރު އޮތީ ހުރަސްއެޅިފަ އެވެ.

މައިކްރޮޗިޕްތައް އުފައްދަން ސައުތު ކޮރެއާއިން ހޯދަންޖެހޭ ބައެއް ކެމިކަލް ޗައިނާއަށް ދޫކުރުން އޮތީ ހައްދުކޮށްފަ އެވެ. ޗައިނާއިން ދުނިޔޭގެ މާކެޓަށް ނެރެންޖެހޭ – ވަރަށް މަދުން ނޫނީ ނުލިބޭ ބާވަތްތައް އެގައުމުން ހުރީ ހިފަހައްޓާފަ އެވެ. މިގޮތުން އެއްގައުމުން އަނެއް ގައުމަށް ޖެއްސުންކުރަން ހަދައިގެން ޑިވައިސްތަކަށް ބޭނުންޖެހޭ ވަރަށް މައިކްރޮޕްރޮސެސާތައް އުފައްދަން ވަނީ ދަތިވެފަ އެވެ.