އެޕަލް އިން އާދަކާދައިގެ މަތިން ކޮންމެ އަހަރަކު ވެސް އައިފޯނެއް ނެރެ އެވެ. މިދިއަ އަހަރު އައިފޯން 14 ވަނީ މޮޑެލްތަކަކަށް ބަހާލައިގެން ނެރެފަ އެވެ. އެހެންކަމުން މިއަހަރު އައިފޯނާ މެދު އޮތް ޔަގީން ކަމަކީ، އައިފޯން 15 ނެރޭނެ ކަމެވެ.
އައިފޯން 15 އާ ބެހޭ ގޮތުން އެކައްޗެއް ވެސް އަދި ކަށަވަރު ނުވެ އެވެ. އެޕަލް އިން އާދައިގެ މަތިން އައިފޯން ނެރެނީ އަހަރުގެ ފަހުކޮޅެވެ.
އެހެން ނަމަވެސް، ފާޢިތުވި 2022 އަކީ މާލީ ގޮތުން -- މުދާ ވިއްކައިގެން އެޕަލް އަށް މާލީ ހާލަތު ތަނަވަސްކުރެވުނު އަހަރެއް ނޫން ކަމަށް ބުނެވެ އެވެ. އެހެންކަމުން މި އަހަރުގެ ތަންކޮޅެއް އަވަސް ތާރީހެއްގައި އައިފޯންގެ މޮޑެލްތައް މާކެޓަށް ނެރުމަކީ އެޕަލް އިން ކޮށްފާނެ ކަމެކެވެ.
ކޮންމެ ފަހަރަކު ވެސް އައިފޯން ނެރޭ ތާރީހު ކުޑަތަންވަމުން އަންނައިރު އައިފޯނާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ގިނަވެ އެވެ. އައިފޯނުގައި އެވެނި މިވެނި ފީޗާއެއް ހުންނާނެ ކަމަށް ބުނެ އޮލަވާހަކަަތައް ދެކެވެ އެވެ.
އައިފޯން 15 އާ ބެހޭ ގޮތުން މިހާރު ދެކެވޭ ވާހަކަތަކުގައި -- އެހެނިހެން ފަހަރުތަކެކޭ އެއްގޮތަށް ބުނެވެނީ ބާރުގަދަ ޗިޕެއް ހިމަނާނެ ކަމެވެ. އައިފޯން 14 ގައި ހިމެނި އޭ16 ބަޔޮނިކް ޗިޕަށް ވުރެ އައިފޯން 15 އަށް ޑިޒައިންކުރާ އޭ17 ބަޔޮނިކް ޗިޕް ތުނިވެފައި ސްޕީޑް ބާރުވާނެ ކަމަށް ބުނެވެ އެވެ.
މިއީ ކޮންމެ އަހަރަކު ކޮންމެ އައިފޯނަކާ ބެހޭ ގޮތުން ވެސް ދެކެވޭ ވާހަކަތަކެކެވެ.
އައިފޯން 15 އަށް ހާއްސަކޮށްގެން ފަރުމާކުރާ އޭ17 ބަޔޮނިކް ޗިޕްގައި ބެޓެރީ ދިގުދެންމުމަށްޓަކައި ވެސް އިންސްޓްރަކްޝަން ތަކެއް ހިމަނާފައިވާ ކަމަށް ތުންތުންމަތިން ބުނެވެ އެވެ.
އައިފޯން 15 ޑިޒައިންކުރުމުގައި އެޕަލް އިން މިފަހަރު އެންމެ ބޮޑަށް ބަލަނީ ފޯނުގެ ޑިޒައިން ރީތިކުރުމަށް ވުރެ ޕްރޮސެސާގެ މޮޅުކަމުން ބޭނުންކުރާ މީހުންގެ ހިތްތައް ލަންބާލުމަށް ކަމަށް ބުނެވެ އެވެ. މި ގޮތުން ފޯނުގެ ފިނިހޫނުމިން ދެނެގަތުމުގައި ވެސް އޭ17 ޗިޕް ފުޅާ ރޯލެއް އަދާކުރާ ކަމަށް ބުނެވެ އެވެ.
އައިފޯން 15 އާ ބެހޭ ގޮތުން ސޯޝަލް މީޑިއާއަށް އެކި މައުލޫމާތު ފެތުރެމުން ދާއިރު، މި މައުލޫމާތުތައް ދޭތެރެ ދޭތެރެއިން ބަދަލުވެ މުޅިން އާ މައުލޫމާތުތައް އާންމުވަމުން ދާނެ އެވެ.